ހުޅުމާލެ ފޭސް 2 ގެ ފްލެޓުތައް
ހުޅުމާލެ ފޭސް 2 ގެ ފްލެޓުތައް
ޤާނޫނު ބަދަލުކޮށްގެން ވިޔަސް ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ދޫކޮށްފައި ހުންނަ ފްލެޓްތައް ކުއްޔަށް ނުވަތަ ހިލޭވެސް ދިރިއުޅެން ދިނުން ހުއްޓުވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ފްލެޓް ކުއްޔަށް ދޭ މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުން ދޫކުރާ ފްލެޓްތަކަކީ މީހުންގެ ދިރިއުޅުމުގެ ހާލަތަށް ބަލައިގެން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ތަންތަން ކަމަށާއި އެތަންތަން ކުއްޔަށް ނުވަތަ ހިލޭ ވެސް އެހެން ބަޔަކަށް ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި މިކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާކަމަށާއި، ޤާނޫނު އިސްލާހުކޮށްގެންވިޔަސް މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ގެދޮރުވެރިޔާ ފްލެޓުތައް ދޫކޮށްފައިވާ މީހުންނާއި އެފްޑީސީ އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ތިން ވަނަ ފަރާތަކަށް އެ ފްލެޓުތައް ކުއްޔަށް ނުދެވޭނެކަން ބަޔާންކުރާ މާއްދާތައްވެސް މިނިސްޓަރ ވަނީ އާންމުކުރައްވާފައެވެ. އެގޮތުން އެއްބަސްވުމުގައިވާ ގޮތުން ފްލެޓުތައް ލިބޭ ފަރާތުން ތިންވަނަ ފަރާތަކަށް ފްލެޓު ކުއްޔަށް ދިނުމަކީ މަނާކަމެކެވެ. އަދި އެހެން ފަރާތަކަށް ފްލެޓު ކުއްޔަށް ދިން ކަމަށް ބުނެ އެފްޑީސީއަށް ޝަކުވާއެއް ލިބިއްޖެނަމަ ފިޔަވަޅު އެޅުމުގެ އިހުތިޔާރު އެ ކުންފުންޏަށް އޮންނާނެ ކަމަށްވެސް އެއްބަސްވުމުގައި ވެއެވެ.

ގެދޮރުވެރިޔާ ފްލެޓްތައް ހަވާލުކުރަން ފެށިތާ ދެ ހަފްތާ ނުވަނީސް ބައެއް ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދޭން ބައެއް ފަރާތްތަކުން ވަނީ އިއުލާންކޮށްފައެވެ. މިކަމާ ގުޅިގެން އެފްޑީސީން ދަނީ ފްލެޓުތަކުގެ އިންސްޕެކްޝަނެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު