ހައުސިން މިނިސްޓަރ-
ހައުސިން މިނިސްޓަރ-
ކުރީ ސަރުކާރުން ހިންގި "ގެދޮރިވެރިޔާ" ސްކީމްގެ ދަށުން ފްލެޓުތައް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓަށް މި ސަރުކާރުން އެއްވެސް ނަމެއް އިތުރު ކޮށްފައި ނުވާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ މުއްތަލިބު ވިދާޅުވީ ފްލެޓު ލިބޭނެކަމަށް، އަދި ގުރުއަތަށް ދާނެކަމަށް ކުރީ ސަރުކާރުން ކަނޑައަޅައި އާންމުކުރި ފައިނަލް ލިސްޓުގައި 4939 ފަރާތެއް ހިމެނޭ ކަމަށެވެ. އެ ލިސްޓަށް މި ސަރުކާރުން އެއްވެސް ނަމެއް އިތުރު ކޮށްފައި ނުވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ އެ ލިސްޓުން ބައެއް ނަންތައް އުނިކޮށްފައިވާނެ ކަމަށާއި، އެގޮތުން ލިސްޓުން އުނިކޮށްފައިވާނީ އަސާސީ ޝަރުތުތައް ހަމަނުވާކަން ޔަގީންވާ، އަދި ކޯޓު މަރުހަލާއަކަށް ދިޔަ ކަމުގައި ވީނަމަވެސް ކޯޓަށް އެކަން ސާބިތުކޮށްދެވޭނެކަން ޔަގީންވާ ފަރާތްތައް ކަމަށެވެ.

އެހެންކަމުން ފައިސާ ނަގައިގެން، ސްކޭމްތަކެއް ހިންގައިގެން ލިސްޓަށް އެރުމުގެ ފުރުސަތު އެއްވެސް ފަރާތަކެއް ލިބިގެން ނުދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއްވެސް ފަރާތަކުން މިފަދަ ސްކޭމްތައް ހިންގާ މީހުންނާއެކު އެފަދަ މުއާމަލާތެއް ނުކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

"އަޅުގަނޑަކަށް ނުއެއް ހުއްޓުވޭނެ ސްކޭމް ހިންގުމެއް، އަޅުގަނޑު މި ދަންނަވަނޯ ފްލެޓު ލިސްޓުގަ ނުހިމެނޭ ފަރާތަކަށް، ކިތައްމެ ބައިވަރު ފައިސާއެއް ދިންކަމުގައި ވީނަމަވެސް ލިސްޓަށް އެރުމުގެ ފުރުސަތެއް ނެތޭ. އެހެންވީމާ އެކަން ނުކުރައްވާށޭ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، ހައުސިން މިނިސްޓްރީން ބައެއް ފަރާތްތަކާއެކު ފައިސާގެ މުއާމަލާތްތަކެއް ހިންގައި، ފްލެޓުތައް ވިއްކަން އުޅޭ ކަމުގެ އަޑުތަކެއް ދާދި ފަހުން ވަނީ ފެތުރިފައެވެ.



ކިޔުންތެރިންގެ ހިޔާލު