ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު
ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު
ފެނަކަ ކުންފުނިން ޤަވާއިދާ ޚިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވީ ނަމަވެސް ހުރިހާ ކަމެއް ވެސް ކޮށްފައިވާނީ އުސޫލުގެ ތެރެއިން ކަމަށް ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ، 2021 ވަނަ އަހަރުން 2023ގެ ނިޔަލަށް ފެނަކަ މެދުވެރިކޮށް 2 ބިލިއަން ރުފިޔާގެ ޚިޔާނާތް ހިންގާފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަ ކުރުމާގުޅިގެން އޭނާގެ ފަރާތުން މިއަދު ޢާއްމު ކޮށްފައިވާ ބަޔާނެއްގައެވެ.

އެގޮތުން ސަޢީދު ވިދާޅުވީ، ފެނަކައިގެ އެމްޑީގެ މަގާމާ ހަވާލުވި ދުވަހުން ފެށިގެން މަގާމުން ވަކިވަންދެން ފެނަކައިގެ ބޭނުމަށް ހިންގި އެންމެހާ ޕްރޮކިއުމަންޓް މުއާމަލާތްތައް ހިންގާފައިވާނީ އެ ކުންފުނީގެ އެންމެހާ ގަވާއިދުތަކާއި އުސޫލުގެ ތެރެއިން ބޯޑުން އެކުލަވާލާފައިވާ އިދާރީ އޮނިގަނޑުގެ ވެސް ތެރެއިން ކަމަށެވެ.

އަދި އެއުސޫލުތަކާ ޚިލާފަށް އެއްވެސް ބަޔަކަށް މުދަލެއް، ޚިދުމަތެއް، ކޮންޓްރެކްޓެއް، އަދި ޕްރޮޖެކްޓެއްވިޔަސް ދީފައިނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށް ސައީދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ. ހަމައެއާއެކު އަމިއްލަ ބޭނުމަށް ދައުލަތުގެ އެއްވެސް ފައިސާއެއް ބޭނުންކޮށްފައިނުވާނެ ކަމަށާއި ނުހައްގު އެއްވެސް މަންފާއެއް ވެސް ހޯދާފައިނުވާނެކަން ސައީދު ވަނީ ފާހަގަ ކުރަށްވާފައެވެ.

އޭގެ އިތުރުން ސައީދު ވަނީ، އެއްވެސް މައްސަލައެއް ވާނަމަ، އިންސާފުވެރިކަމާ އެކު، ދެފުށް ފެންނަ ގޮތެއްގެ މަތިން، ސިޔާސީ ކުލައެއް ނުޖެހި މައްސަލަ ބެލުމަށް ގޮވާލައްވާ ކަމަށާއި، އެފަދަ ތަހުގީގަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ސައީދު މިހެން ވިދާޅުވެފައިވާއިރު އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި 2021 އިން 2023ގެ ފެނަކައިގެ ޚާއްސަ އޮޑިޓް ރިޕޯޓުގައި ވަނީ އެކުންފުނިން 2.2 ބިލިއަން ރުފިޔާގެ މުޢާމަލާތް އުސޫލުން ބޭރުން އެކިއެކި ސިޔާސީ ފަރާތްތަކަށް ނާޖާއިޒު މަންފާ ލިބޭގޮތަށް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

މި ސަރުކާރުން ފެނަކައާ ހަވާލުވީ 4.3 ބިލިއަން ރުފިޔާގެ ދަރަންޏާ އެކުގައި ކަމަށާއި، ކުރީ ސަރުކާރުން ފެނަކަ ކޯޕަރޭޝަން އޮތީ "ރޭޕް ކޮށްފައި" ކަމަށް އެ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދުވެސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު