ސަޢުދީ ޢަރަބިއްޔާގެ އެންމެ އިސް މުފްތީ ސަމާޙަތުއްޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދުﷲ އާލު ޝައިޚު
ސަޢުދީ ޢަރަބިއްޔާގެ އެންމެ އިސް މުފްތީ ސަމާޙަތުއްޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދުﷲ އާލު ޝައިޚު
ސަޢުދީ ޢަރަބިއްޔާގެ ދަންނަބޭކަލުންގެ މަޖިލީހުގެ ރައީސް އަދި ސަޢުދީ ޢަރަބިއްޔާގެ އެންމެ އިސް މުފްތީ ސަމާޙަތުއްޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދުﷲ އާލު ޝައިޚު މިއަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް މުޢިއްޒު މިއަދު ވިދާޅުވީ، ސަޢުދީ ޢަރަބިއްޔާގެ އެންމެ މަތީ މުފްތީ އަދި ބޮޑެތި ދަންނަބޭކަލުންގެ މަޖިލީހުގެ ރައީސް ޝައިޚް ޢަބްދުލްޢަޒީޒު ބިން ޢަބްދުﷲ އާލު ޝައިޚު ނިޔާވި ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމަ އާއި އެކުގައި ކަމަށެވެ. އަދި އެމަނިކުފާނުގެ ހިތުގެ ފުންމިނުން ތަޢުޒިޔާ ވިދާޅުވާކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، މަރުޙޫމްގެ ފުރާނަފުޅަށް މާތްﷲގެ ތަނަވަސް ރަޙުމަތް ލެއްވުމަށާއި، ސުވަރުގޭގައި ލެއްވެވުން އެދި ދުޢާ ދަންނަވާ ކަމަށެވެ.

މީގެއިތުރުން ރައީސް މުޢިއްޒު ދެޙަރަމުގެ ޚާދިމު، ސަޢުދީ ޢަރަބިއްޔާގެ ސަލްމާން ބިން ޢަބްދުލްޢަޒީޒް އާއި، ވަލީ އަހުދު އަމީރު މުޙައްމަދު ބިން ސަލްމާން އަށާއި، މަރުޙޫމްގެ އާއިލާއަށާއި، ސައޫދީ ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.

ޝައިޚް ޢަބްދުލްޢަޒީޒަކީ އިސްލާމީ އުންމަތަށް ނުހަނު ޚިދުމަތްތެރި ޢިލްމުވެރިއެކެވެ. އެތައް އަހަރެއް ވަންދެން ޢަރަފާތުގެ މާތް ބިމުގައި ޙައްޖުގެ ޚުޠުބާ ދެއްވާފައިވާ އިސްލާމީ ޢިލްމުވެރިއެކެވެ.

އެމަނިކުފާނުގެ މައްޗަށް ރާއްޖޭގައި މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ޣައިބަށް ކަށުނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު