މަރްޔަމް ނަހްދާ ވަޙީދު   22 ސެޕްޓެމްބަރު 2025 - 9:44
އުފާވެރި މީހެއް-
އުފާވެރި މީހެއް-
އުފާވެރިކަމަކީ ކޮންމެ އިންސާނަކުވެސް ހޯދަން ބޭނުންވާ އަދި ހަޔާތަށް އެދޭ އެންމެ މުހިންމު އެއް ކަމެވެ. ދިރިއުޅުމުގެ ކޮންމެ ހާލަތެއްގައިވެސް ހިތްހަމަޖެހުން ލިބިގަތުމަކީ އުފާވެރިކަން އިތުރުކުރުމަށްޓަކައި ކުރަންޖެހޭ ކަމެކެވެ. ބައެއްފަހަރު އުފާވެރިކަމަކީ ހަމައެކަނި ބޭރުފުށުގެ ކަންކަމާ ގުޅިފައިވާ ކަމެއް ކަމުގައި ދެކެވެއެވެ. ނަމަވެސް ހަގީގަތުގައި އުފާވެރިކަމަކީ އަޅުގަނޑުމެންގެ އެތެރޭގައި އުފެދޭ އިހުސާސެކެވެ. އުފާވެރިކަން އިތުރުކުރުމަށް އަޅުގަނޑުމެންނަށް ކުރެވޭނެ ވަރަށް ގިނަ ކަންތައް ވެއެވެ.

އެގޮތުން ކުރެވިދާނެ އެންމެ މުހިންމު އެއް ކަމަކީ ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވުމެވެ. ޝުކުރުވެރިވުމަކީ އަޅުގަނޑުމެންނަށް ދިރިއުޅުމަށް ދެކޭގޮތް ބަދަލުކޮށްލާނެ ކަމެކެވެ. ކޮންމެ ދުވަހަކުވެސް ލިބޭ ކުދިކުދި އުފާވެރިކަންތަކާއި، ލިބިފައިވާ ސިއްހަތާއި، އާއިލާގެ ގާތްކަމާއި، ރައްޓެހިންގެ އެހީތެރިކަމަށް ޝުކުރުވެރިވުމަކީ ހަޔާތަށް އިތުރު ބާރެއް ގެނެސްދޭނެ ކަމެކެވެ. މާތް ﷲ ދެއްވާފައިވާ ނިޢުމަތްތައް ހަނދާންކޮށް، އެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ ހިތްތަކަށް ހަމަޖެހުމާއި، ތަނަވަސްކަން ގެނެސްދޭނެ ކަމެކެވެ. ޝުކުރުވެރިކަމާއެކު ދިރިއުޅުން ކުރިއަށް ގެންދެވޭނަމަ، ހިތްހަމަޖެހުމާއި އުފާވެރިކަން އިތުރުވެގެންދާނެއެވެ. ކޮންމެ ދުވަހެއްގެ ނިމުމުގައިވެސް، އެ ދުވަހުގެ ތެރޭގައި ލިބުނު ރަނގަޅު ތިން ކަމަކަށް ޝުކުރުކުރުމަކީ އުފާވެރިކަން އިތުރުކުރުމަށް އެހީވެދޭނެ ރަނގަޅު އާދައެކެވެ.

އުފާވެރިކަން އިތުރުކުރުމަށް ކުރެވިދާނެ އަނެއް ކަމަކީ އެހެން މީހުންނަށް އެހީތެރިވުމާއި، މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވުމެވެ. އިންސާނާއަކީ އިޖްތިމާޢީ މަހްލޫގެކެވެ. އެހެންކަމުން އާއިލާގެ މެންބަރުންނާއި، ރައްޓެހިންނާއި، އަވަށްޓެރިންނާ ރަނގަޅު ގުޅުމެއް ބޭއްވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެން މީހުންނަށް އެހީތެރިވުމާއި، ހެޔޮކަންތައް ކުރުމަކީ އަޅުގަނޑުމެންގެ ހިތްތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ކަމެކެވެ. މުޖުތަމަޢަށް ޚިދުމަތް ކުރުމުގެ ތެރެއިންނާއި، ޞަދަޤާތް ދިނުމުގެ ތެރެއިން، ނުވަތަ ހަމައެކަނި ހިނިތުންވުމެއް ދިނުމުގެ ތެރެއިންވެސް އުފާވެރިކަން އިތުރުކުރެވިދާނެއެވެ.

ނަފްސާނީ އަދި ރޫޙާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީވެސް އުފާވެެރިކަން އިތުރުކޮށްދޭ ކަމެކެވެ. އަޅުގަނޑުމެންގެ ހަށިގަނޑާއި، ހިތާއި، ރޫޙު ކޮންމެ ދުވަހަކުވެސް ފަރުވާތެރިކަމާއެކު ބަލަހައްޓަން ޖެހެއެވެ. މިކަމަށްޓަކައި ރަގަޅަށް ނިދުމާއި، ހެޔޮ ކާނާ ކެއުމާއި، ކަސްރަތު ކުރުން މުހިންމެވެ. ނަފްސާނީ ހަމަޖެހުން ހޯދުމަށްޓަކައި ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމާއި، މާތް ﷲ ހަނދުމަކުރުމާއި (ޒިކުރުކުރުން) ފަދަ ރޫޙާނީ ކަންކަމަށް ވަގުތު ދިނުން މުހިންމެވެ. މި ކަންކަމުގެ ސަބަބުން ހިތްތަކަށް ހަމަޖެހުން ލިބި، ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ބާރުވެރިކަމާއި އުފާވެރިކަން އިތުރުވެގެންދާނެއެވެ. އަމިއްލަ ނަފްސަށް ވަގުތު ދިނުމާއި، ހިތަށް ފިނިކަން ލިބޭ ކަންކަމުގައި ބައިވެރިވުމަކީވެސް އުފާވެރިކަން އިތުރުކުރާނެ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު