ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ)
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ)
ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމުގައި ރައީސް ޑރ. މުއިއްޒު ތަފާތު ކުރައްވާކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) ހިތްހަމަނުޖެހުންފާޅުކުަރައްވައިފިއެވެ.

ވައްޑެ މިހެން ވިދާޅުވީ ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅަށް ނިސްބަތްކޮށެވެ. އެގޮތުން ރައީސް މިއަދު ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫއަށްވަޑައިގަނެފައިވާއިރު، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން ކޮބައިތޯ އައްސަވައި އެކްސްގައި ވައްޑެ ވަނީ ސުވާލުކުރައްވާފައިވެއެވެ. ވައްޑެ ވިދާޅުވީ ރައީސްގެ ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އާބާދީ ބޮޑުވެއްޖެއްޔާ މުއައްސަސާތަކުގެ ވެރިންނާ އެކަނި ބައްދަލުކުރައްވާކަމަށާއި، ދެކޮޅަށް އެއްޗެއް ބުނެފިއްޔާ ވަޒީފާއިން ކަނޑާލުން ނޫނީ ސަސްޕެންޑުކުރަމުންދާކަމަށެވެ.

"ބަލާ! 100 އަށްވުރެ އާބާދީ ބޮޑުވެއްޖެއްޔާ މުއައްސަސާތަކުގެ ވެރިންނާ އެކަނި ބައްދަލުކުރަނީ. ދެކޮޅަށް އެއްޗެއް ބުނެފިއްޔާ ކަނޑާލުން ނޫނީ ސަސްޕެންޑުކުރުން. ކޮބާ ތިރަށު ރައްޔިތުންނާ ބައްދަލުކުރުން؟" ވައްޑެ ވިދާޅުވިއެވެ.



ރައީސުލްޖުމްހޫރިއްޔާ ހަތަރު އަތޮޅަކަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގައި، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވަން ހަމަޖެހިފައިވެއެވެ. އެގޮތުން މިހާތަނަށް ރައީސް ޑރ. މުއިއްޒު ވަނީ ފެލިދެއަތޮޅު ފުލިދޫ އަށް ވަޑައިގެން، އެރަށު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ފެލިދެ އަތޮޅު ތިނަދޫއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާއި ރައްޔިތުންނާވެސް ބައްދަލުކުރައްވައިފައިވެއެވެ.

ރައީސް ޑރ. މުއިއްޒުގެ މިދަތުރުފުޅުގައި ފެލިދެއަތޮޅު ފެލިދޫ އަދި އެ އަތޮޅު ކެޔޮދޫ އަށް ވަޑައިގެން، ފެލިދޫ ކައުންސިލާއި، ކެޔޮދޫ ކައުންސިލާއި، ފެލިދޫ އަދި ކެޔޮދޫގެ އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ. އަދި ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ އަށް މިއަދު ވަޑައިގެން އެރަށު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާވެސް ރައީސް ޑރ. މުއިއްޒު ވަނީ ބައްދަލުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު