ހަތް އަހަރުގެ ދިގު މުއްދަތަކަށްފަހު ދިވެހި ޕްރިމިއާ ލީގަށް އަނބުރާ ވަދެވުނު ނިއު ރޭޑިއަންޓް ކްލަބުން، އެ ޓީމުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ޓީސީ އާ ދެކޮޅަށް 6-0 ގެ ފަރަގު ބޮޑު ނަތީޖާއަކުން ހައިރާންކުރުވަނިވި ކާމިޔާބީއެއް ހޯދައިފިއެވެ.

2019 ވަނަ އަހަރުގެ ޖަނަވަރީ މަހު އެފްއޭއެމުން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރުމާ ގުޅިގެން، އެ ޓީމު ދެވަނަ ޑިވިޝަނަށް ވަނީ ރެލިގޭޓްވެފައެވެ. ދެވަނަ ޑިވިޝަނުގައި ވާދަކުރުމަށްފަހު، އެ ޓީމު އަލުން ޕްރިމިއާ ލީގަށް އަނބުރާ އައީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ދޫކޮށްލި ޖާގައަށް، ދެވަނަ ޑިވިޝަނުގެ ސެމީފައިނަލުން ބަލިވި ދެ ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ޓީމުގެ ގޮތުގައެވެ.

ޕްރިމިއާ ލީގަށް ނިއު ރޭޑިއަންޓް އަނބުރާ އައި މި މެޗުގައި އެ ކްލަބުގެ ސަޕޯޓަރުން ވަނީ މެޗު ފެށުނީއްސުރެ ނިމެންދެން ހިތްވަރުދީ، ބެރު ދުންމާރީގެ އަޑު ގުގުމާލާފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ނިއު ރޭޑިއަންޓަށް ހޯދައިދިނީ މުޙައްމަދު އިރުފާނެވެ. ޕެނަލްޓީ އޭރިއާގެ ތެރެއަށް ނިއުގެ ކުޅުންތެރިން ނެގި ބޯޅަ ލިބުނު ރިހާމް އަބްދުލް ޣަނީ (ބޮބީ) އެ ބޯޅަ ޖައްސާލީ އޭރިއާ ބޭރުގައި ހުރި އިރުފާނަށެވެ. އިރުފާނު ވަނީ އެއް ފަހަރުން ޖަހައި ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލާފައެވެ.

ނިއު ރޭޑިއަންޓުގެ ދެވަނަ ލަނޑު ހިލޭ ޖެހުމަކުން ވައްދާލީ އަލީ ފާސިރު (ސެންޓޭ) އެވެ. ޕެނަލްޓީ އޭރިއާގެ ބޭރުން ލިބުނު ބޯޅަ ސެންޓޭ ފޮނުވާލީ ގޯލުގެ ކަނަށް އަމާޒުކޮށެވެ. ޓީސީގެ މިޞްރުގެ ގޯލްކީޕަރު މުޙައްމަދު ޙަސަން އަލް ބަސްތުވައިސީ އަށް އެ ބޯޅައަށް އެއްވެސް ކަމެއް ނުކުރެވުނެވެ.

އެ ޓީމުގެ ތިންވަނަ ލަނޑަކީ ޕެނަލްޓީ އޭރިއާގެ ތެރެއިން ސެންޓޭ ހުސްކޮށް އެރުމުން، އޭނާގެ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ގޯލްކީޕަރު އަލް ބަސްތުވައިސީ ފައުލު ކުރުމުން ދިން ޕެނަލްޓީ ކިކެކެވެ. މި ޕެނަލްޓީ ކިކުން ލަނޑު ޖެހީ ބްރެޒިލްގެ ގިލްރޭމީ ސިލްވާއެވެ.

ނިއު ރޭޑިއަންޓުގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ޖެހީ ސެންޓޭއެވެ. ގިލްރޭމީ ސިލްވާ ހާފުގެ ތެރެއަށް އެރި ގޮތަށް ބޯޅަ ޕެނަލްޓީ އޭރިއާގެ ތެރެއަށް ނަގައި ދިނީ ސެންޓޭ ކުރީގައި ހުރުމުންނެވެ. އެ ބޯޅައަށް ހުރަސް އަޅަންގޯލްކީޕަރު އަލް ބަސްތުވައިސީ މަސައްކަތް ކުރި އެވެ. އޭނާގެ އަތުގައި ވެސް ބޯޅަ ޖެހުނެވެ. ނަމަވެސް ބޯޅަ އަތަށް ނާރައި ދޫވެގެން ދިޔުމުން، ސެންޓޭ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް އެ ބޯޅަ ވައްދާލާފައެވެ.

ނިއު ރޭޑިއަންޓުގެ ފަސްވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޙަސަން އަޒޫމް ޢަލީއެވެ. ޓީސީގެ ހާފުގެ މެދެއްހާ ހިސާބުން ނިއުގެ ނިޒޯން ރަޝޯ ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާގެ ތެރެއަށް ވަދެ، އަޒޫމް ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލާފައެވެ.

ނިއު ރޭޑިއަންޓުގެ ހަވަނަ އަދި ފަހު ލަނޑު ޖެހީ ޙަސަން ރާއިފް އަޙްމަދު (ހަންނަ) އެވެ. އަޙްމަދު ވިޖްދާން ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ހަންނަ ގޯލުގެ ތެރެއަށް ވައްދާލީ ބޮލުންނެވެ.

މި ތާރީޚީ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ނިއު ރޭޑިއަންޓުގެ ސެންޓޭއެވެ. ސެންޓޭ ވަނީ މި މެޗުގައި ދެ ލަނޑު ޖަހައި، އެއް އެސިސްޓް ދީ، އަދި އެއް ޕެނަލްޓީ ހޯދައިދީފައެވެ.

ޕްރިމިއާ ލީގުގެ ދެވަނަ މެޗުގައި މިރޭ ވާދަކުރާނީ ވިކްޓަރީ އާއި ބުރު ސްޕޯޓްސްއެވެ.

ނިއު ރޭޑިއަންޓުގެ މި ފަދަ ހައިބަތުގަދަ ފެށުމަކީ، މި މޫސުމުގެ ލީގު ވަރަށް ވާދަވެރި އަދި ފެންވަރު މަތި މޫސުމަކަށް ވެގެންދާނެ ކަމުގެ ނިޝާނެއް ކަމުގައި ކުޅިވަރަށް ލޯބިކުރާ މީހުން ދެކެއެވެ. އަދި މިފަދަ ނަތީޖާތަކަކީ ދިވެހި ފުޓުބޯޅައިގެ ކުރިމަގަށް އުއްމީދީ މަންޒަރުތަކެއް ދައްކުވައިދޭ ކަމެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު