ރާއްޖޭގެ ގައުމޯ ބީޗް ބޯލް ޓީމް-
ރާއްޖޭގެ ގައުމޯ ބީޗް ބޯލް ޓީމް-
ކޮމަންވެލްތު ގައުމުތަކުގެ ފުރަތަމަ ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވޭކަމީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް މިއަދު ފަށާފައިވާއިރު، މި މުބާރާތް ކުރިއަށް ގެންދަނީ ކުޅުދުއްފުށީ ސިޓީގައެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިއީ ކުޅިވަރުގެ ބައިނަލްއަޤްވާމީ ދަނޑުތަކުގައި ދިވެހީން ޙާޞިލްކުރި ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި މުބާރާތުގައި ދުނިޔޭގެ އެކި ޤައުމުތަކުން ބައިވެރިވި ޓީމުތަކަށް އަދި މުބާރާތް ބައްލަވަން ރާއްޖެއަށް ޒިޔާރަތްކުރެއްވި މެހުމާނުންނަށް ރައީސް ވަނީ މަރުހަބާ ދަންނަވާފައެވެ.

ރައީސް ވިދާޅުވީ މިއީ ކުޅިވަރަށް ދިވެހީން ކުރާ ލޯބި ދުނިޔެއަށް ހާމަވެ، އަދި މި ޤައުމުގެ ރީތިކަން އެތައް ބަޔަކަށް އިތުރަށް އިޝްތިހާރުވާނެ ރަނުގެ ފުރުޞަތެއް ކަމަށެވެ.

އަދި މި މުބާރާތުގެ ސަބަބުން އަމާން ޞުލްޙަވެރި ހިތްހެޔޮ ރައްޔިތުން ދިރިއުޅޭ މި ރާއްޖެއަށް އެތައް ބަޔެއްގެ ޝައުގާއި ތާރީފު ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުބާރާތުގައި ބައިވެރިވި ހުރިހާ ޤައުމުތަކުގެ ޓީމުތަކުންވެސް މޮޅު ކުޅުމެއް ފެންނާނެކަމަށް އިންތިޒާރުކުރައްވާ ކަމަށެވެ. އަދި ވަކީން ޚާއްޞަކޮށް ދިވެހި ޤައުމީ ޓީމަށް ވަރަށް ފަޚުރުވެރި ކާމިޔާބީއަކަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެ ރައީސް ވަނީ ދިވެހި ޓީމަށް ހިތްވަރު ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު