އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރާޤު
އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރާޤު
މަޖިލީހުން ފާސްކުރާ ޤާނޫނުތަކުގައި ލަފުޒާއި ޖުމުލައިގެ ސާފުކަމަކީ އިޚްތިޔާރީ ކަމެއް ނޫން ކަމަށް އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރާޤު ވިދާޅުވެއްޖެއެެވެ.

ފިރާޤު މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން ފަހަތުގައި އޮވެގެން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ސަބަބުން މީސްމީޑިއާ ބޭނުންކުރުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ.

މީޑިއާ ބިލުގެ މައްސަލާގައި ފިރާޤު ވިދާޅުވީ، ޤާނޫނެއް ފާސްކުރާއިރު އޭގައި ހިމެނޭ ކޮންމެ ބަހެއް ޤާނޫނަކަށް ވެގެން ދާނެ ކަމަށެވެ. އެހެންކަމުން މަޖިލީހަށް ހުށައަޅާ ބިލްތައް ރަނގަޅަށް ކިޔާބަލަން ޖެހޭ ކަމަށް ފިރާޤު ވިދާޅުވެފައިވެއެވެ.

“ބަހަކުން ބަހަކަށް، އަކުރުން އަކުރަށް ދެނެގަނެ ދިރާސާކުރެވެން ޖެހެއެވެ. ގާނޫނަކީ ޚިޔާލެއް ނުވަތަ ހުށަހެޅުމެއް ނޫނެވެ. އެއީ މީހުންގެ ދިރިއުޅުމަށް އަސަރުކޮށް، ޤައުމު ބައްޓަންކުރާ ބާރުވެރި އުސޫލެކެވެ. ގޯސްކޮށް ޖަހާފައިވާ ލަފުޒެއް، އޮޅުން ބޮޑު އިބާރާތެއް ނުވަތަ ގެއްލިފައިވާ ކޮމާއަކުން ވެސް މާނަ މުޅިން ބަދަލުވެދާނެ އެވެ.” ފިރާޤު ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ފިރާޤު ވިދާޅުވީ، ގާނޫނުތަކުން ރައްޔިތުންގެ ދިރިއުޅުމާއި ސަރުކާރުތަކުގެ އަމަލުތަކަށް މަގުދައްކައިދޭތީ، ލަފުޒާއި ޖުމުލައިގެ ސާފުކަމަކީ އިޚްތިޔާރީ ކަމެއް ނޫން ކަމަށާއި، އެއީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

“ކޮންމެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރަކުވެސް އަދި ކޮންމެ ރައްޔިތަކުވެސް ތަފްސީލުތަކަށް ސަމާލުކަން ދޭންޖެހޭ، ސަބަބަކީ މިއަދު އެންމެ ކުޑަކުޑަ އޯވަރސައިޓަކީ މާދަމާ އެންމެ ބޮޑު ލޫޕްހޯލްއަކަށް ވެދާނެތީއެވެ.” ފިރާޤު ވިދާޅުވެފައިވެއެވެ.

ފިރާޤު މިހެން ވިދާޅުވެފައިވާއިރު މީޑީއާ ބިލުގައި އިންޓަނެޓްގައި ފާޅުކުރާ ޚިޔާލަކުންވެސް ވަކިވަކި ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތްކަމަށް ބުނެފައިވާ މާއްދާއަށް ޢާއްމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު