އެމްޖޭއޭގެ ބައެއް އިސްވެރިން
އެމްޖޭއޭގެ ބައެއް އިސްވެރިން
ޗެނަލް 13ގެ ސާވާތައް ހެކް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެ ޗެނަލްގެ ބްރޯޑްކާސްޓިން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މިއީ މީޑިއާގެ އަޑު ކަނޑުވާލުމަށްޓަކައި ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް އެ ޗެނަލް ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ވަނީ ބުނެފައެވެ.

މީޑިއާ ރިންގުން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވަނީ، ޗެނަލް 13ގެ ސާވާތައް ހެކް ކޮށްފައިވަނީ ރޭގެ 23:53 ހާއިރު ކަމަށެވެ. އެ ކުންފުނިން ބުނީ މިއީ ވަކި ފަރާތްތަކަކުން ރާއްޖޭގެ ކުރިއަރާފައިވާ މީޑިއާތަކަށް އަމާޒުކޮށްގެން ދެމުންދާ ހަމަލާތަކެއް ކަމަށެވެ.

މިފަދަ އަމަލުތަކަކީ ކޮމްޕިއުޓަރާއި ކޮމްޕިއުޓަރާ ގުޅުންހުރި ކުށްތަކުގެ ތެރޭގައި ހިމެނޭ ކަންކަންކަން ފާހަގަކުރަމުން، މީޑިއާ ރިންގުން ބުނީ ނޫސްވެރިންނަށް އަމާޒުކޮށްގެންދޭ ހަމަލާތަކާއި ނޫސްވެރިކަމަށް ހުރަސްއެޅުމަށް ޑިމޮކްރަސީ ނުދަންނަ ފަރާތްތަކުން ކުރާ މަސައްކަތްތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މީޑިއާގެ އަޑު ކަނޑުވާލުމަށް ގާނޫނީ އިމުން ބޭރުން ކުރާ މިފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ބައިނަލްއަގްވާމީ މިންގަނޑުތަކުން ރާއްޖޭގެ މީޑިއާ އިންޑެކްސް ހަތަރު ދަރަޖަ ފަހަތަށް ޖެހިފައިވާކަން ފާހަގަކޮށް، އެ ކުންފުނިން ބުނީ މި ދަނޑިވަޅުގައި ޚަބަރުފަތުރާ ވަސީލަތްތަކުގެ އަޑު ކަނޑުވާލުމަކީ ނޫސްވެރިކަމުގެ އަސާސީ ހައްގަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިތުރުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް އެޅޭ ބޮޑު ހުރަހެއް ކަމަށެވެ.

މީގެ އިތުރުން، މީޑިއާ ރިންގުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން އެމީޑިއާ ފަހަތަށް ނުޖެހޭނެ ކަމަށާއި، އިހުނަށްވުރެ ބާރުގަދަވާނެ ކަމަށެވެ.



މި ހާދިސާއާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމްޖޭއޭ އިން ބުނީ ޗެނަލް 13ގެ ސާވާތަކަށް ގޮތްނޭނގޭ ބަޔަކު ސައިބާ އެޓޭކެއް ދިނުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި މީޑިއާގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދިނުމަކީ ޕްރެސް އޮޕަރޭޝަނުގެ އިތުރުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށްވެސް އެ އެސޯސިއޭޝަނުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ޗެނަލް 13ގެ ބްރޯޑްކާސްޓިން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު