ބިދޭސީންގެ މަޢުލޫމާތު ނެގުމުގެ ތެރެއިން
ބިދޭސީންގެ މަޢުލޫމާތު ނެގުމުގެ ތެރެއިން
ބިދޭސީންގެ ފީތައް ނުދައްކައިގެން 8900 ފަރާތެއް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކޮށްފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނީ، ބިދޭސީންނާ ގުޅުންހުރި އެކިއެކި ފީތަކުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

އޭގެއިތުރުން ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތަކަށް އެއް މަސްދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެކްސްޕެޓް ޕޯޓަލްގެ ތެރެއިން 8,900 ފަރާތެއް ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ދައްކަންޖެހިފައިވާ ފަރާތްތަކަށް އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމުގެ ދީފައިވާ މުއްދަތު އިތުރުކުރުމަށް އެވުޒާރާއިން ވަނީ ނިންމާއެވެ.

ބިދޭސީންގެ މައްސަލަ ޙައްލު ކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން 174،152 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާބޭސް އަދާހަމަކޮށްފައިވާ ކަމަށް ދާޚިލީ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހީގައި ހިމެނެނީ ރަނގަޅަށް ވަޒީފާ އަދާކުރާ މީހުންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް އިތުރު ފުރުސަތު ދިނުމާއި، ބިދޭސީން ރާއްޖެ ގެނައުމުގެ ނިޒާމު ހަރުދަނާ ކުރުމެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ ޤަވާއިދާ ޚިލާފަށްއުޅޭ ބިދޭސީންގެ މައްސަލަ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ޙައްލު ކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު