އޮޕަރޭޝަން ކުރަނގީގެ ތެރެއިން-
އޮޕަރޭޝަން ކުރަނގީގެ ތެރެއިން-
ނުދައްކާ ހުރި ބިދޭސީންގެ ވޯކް ޕާމިޓް ފީގެ ތެރެއިން 1.2 ބިލިއަން ރުފިޔާ މިހާތަނަށް ހޯދިފައިވާކަމަށް ހޯމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހީމް ވިދާޅުވީ، މި ޢަދަދަކީ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތްތަކުން ނުދައްކާ ހުރި ފައިސާގެ ތެރެއިން ހޯދާފައިވާ ބައެއް ކަމަށެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ބިދޭސީންގެ ފީގެ ގޮތުގައި 1.7 ބިލިއަނެއްހާ ރުފިޔާ ދައުލަތަށް ނުލިބި އޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، އޭގެ ތެރެއިން މިހާތަނަށް 1.2 ބިލިއަން ރުފިޔާ ރިކަވާރ ކުރެވިފައިވާ ކަމަށާއި، މި އަދަދުގެ ތެރޭގައި ކޯޓާ ފީއާއި، ޖޫރިމަނާ ފީގެ އިތުރުން، ސާވިސް ފީ ނުހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ އިތުރަށް ވިދާޅުވީ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން އެއް އަހަރުގެ ތެރޭގައި 160،000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާ ކަމަށެވެ.

އަދި ބިދޭސީންގެ ބަޔޯމެޓްރިކްސް އެއްކުރުމަށްޓަކައި އިތުރުކުރި މުއްދަތުގެ ތެރޭގައި ބަޔޯމެޓްރިކްސް އަދާހަމަނުކުރާ ފަރާތްތަކަށް ޕޯޓަލުން ޚިދުމަތް ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމަމިއާއެކު ކުރިއަށް އޮތް މުއްދަތުގެ ތެރޭގައި މިނިސްޓްރީން ދެމުންދާ އިރުޝާދާ އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު