ކޯވިޑް-19 ފުރަތަމަ ފެތުރެން ފެށި މައި މަރުކަޒު ކަމަށް ބެލެވިފައިވާ ޗައިނާގެ ވޫހާން ސިޓީގެ ލޮކްޑައުން ނިމުމަކަށް ގެނެސް އެ ސިޓީ ހުޅުވާލައިފިއެވެ.

ވޫހާން ހުޅުވާލުމާއެކު އެސިޓީގައި ތާށިވެފައިވާ އެހެން ސިޓީތަކުގެ މީހުން ވަނީ އެ ސިޓީން ނުކުންނަން ފަށާފައެވެ. ވޫހާންގެ ބޭރަށް ދަތުރު ކުރުމުގެ ފުރުސަތު ވެސް މިހާރު ދީފައި ވާއިރު މީގެ ހަފްތާއެއް ކުރިން އެސިޓީގެ އެތެރޭގައި އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމުގެ ފުރުސަތު އޮތީ ދީފައެވެ.

ވޫހާންގެ ރެއިލްވޭ ސްޓޭޝަންތައް ހުޅުވާލުމާއެކު، ރޭލްތައް މެދުވެރިކޮށް މިއަދު 55000 މީހުން ވޫހާން އިން ބޭރަށް ވަނީ ދަތުރު ކޮށްފައެވެ. މިއަދު ޖުމްލަ 276 ރޭލެއް ވަނީ ވޫހާން އިން ޝަންހާއީ، ޝެންޒެން އަދި އެހެން ސިޓީތަކަށް ދަތުރު ކޮށްފައެވެ. ރޭލް ސްޓޭޝަންތަކުގައި ވެސް ފަސިންޖަރުންގެ ޓެމްޕްރޭޗަރ ބެލުމުގެ އިންޒާމްތައް ވަނީ ހަމަޖައްސާފައެވެ. އަދި ފަސެންޖަރުން މާސްކް އަޅަން ވެސް ވަނީ އަންގާފައެވެ.

ކޯވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ޗައިނާ ސަރުކާރުން ވޫހާން ލޮކްޑައުން ކުރީ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހު އެވެ. ޗައިނާ އިން ކޯވިޑް-19 ކޮންޓްރޯލް ކުރެވުނީ ވޫހާން އާއި ހޫބެއީ ޕްރޮވިންސް ލޮކްޑައުންކޮށް، ޗައިނާ ސަރުކާރުން އެޅި ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން