މޯލްޑިވްސް ނެޝަނަލް ކެންސަރ ސެންޓަރގެ ޑިރެކްޓަރު ޑރ. މުހައްމަދު ޝިފާން-
މޯލްޑިވްސް ނެޝަނަލް ކެންސަރ ސެންޓަރގެ ޑިރެކްޓަރު ޑރ. މުހައްމަދު ޝިފާން-
ކެންސަރު ބައްޔަށް އަހައްމިއްޔަތުކަން ދޭން ޖެހޭ ވަރަށް އަދިވެސް ރާއްޖޭގައި ނުދެވޭ ކަމަށް މޯލްޑިވްސް ނެޝަނަލް ކެންސަރ ސެންޓަރގެ ޑިރެކްޓަރު ޑރ. މުހައްމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ޝިފާން މިހެން ވިދާޅުވެފައިވަނީ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި، ރާއްޖެއިން ފެންނަ ކެންސަރުބަލީގެ ވައްތަރުތަކާއި، ކެންސަރު ބައްޔަށް ދެވޭ ފަރުވާތަކާއި، އަދި ކެންސަރު ބައްޔަށް ފަރުވާ ދިނުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގެ ކެންސަރު ސެންޓަރުން އެންމެ ގިނައިން ފަރުވާ ދެމުންދާ ކެންސަރު ބަލީގެ ބާވަތްތަކާބެހޭ މައުލޫމާތު ހިއްސާ ކުރައްވަމުން ޝިފާން ވަނީ ރާއްޖެއިން އެންމެ ގިނައިން ފެންނަ ކެންސަރުގެ ވައްތަރުތައް ހާމަކުރައްވާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ތައިރޮއިޑު ކެންސަރު، ބްރެސްޓް ކެންސަރު، ލަންގް ކެންސަރު، ޖީއައި ކެންސަރު އަދި އޯރަލް ކެންސަރެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޖެހޭ ކެންސަރުތަކާއި ގައިނީ ކެންސަރުތައް ހިމެނޭއިރު، އެއީ ތަފާތު ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެފަދަ ކުޑަ ގައުމަކާ އަޅާ ބަލާއިރު ކެންސަރުގެ ކޭސްތައް ފެންނަމުންދާ އަދަދު މަތި ކަމަށް ޝިފާން ވިދާޅުވިއެވެ. އަދި ކޭސްތައް ގިނަކަމަށް ފެންނަނީ ޒަމާނަށް އައިސްފައިވާ ބަދަލާއެކު ތަފާތު އެކި ކެންސަރުތައް ދެނެގަތުމަށް ބޭނުންވާ ވަސީލަތްތައް ލިބެން ހުރުމުގެ ސަބަބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ބަލި ދެނެގަނެވޭގޮތް އަވަސް ކަމަށަވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ޝިފާން ވަނީ ކެންސަރު ޖެހުމަށް މެދުވެރިވާ ބައެއް ސަބަބުތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އޭގެ ތެރޭގައި ދުފުމާއި، ދުންފަތް ބޭނުންކުރުމާއި، ޕްރިޒަވޭޓިވް އެކުލެވިފައި ހުންނަ ކާއެއްޗެހި ބޭނުން ކުރުމާއި، ތާޒާ ނޫން ކާނާގެ ބާވަތްތައް ބޭނުން ކުރުމާއި، އަދި ތާޒާ މަސް ލިބެން ހުންނަ އިރުވެސް އަލްޓްރާ ޕްރޮސެސްޑް މަސް ބޭނުން ކުރުމާއި ކަސްރަތަށް ވަގުތު ނުދެވުން ފަދަ ކަންކަން ހިމެނެއެވެ.

މި އާދަތަކަކީ ވަރަށް ގިނަ މީހުންގެ ކިބައިގައި އަށަގެންފައިވާ އާދަތަކެއް ކަމުގައި ފާހަގަކުރައްވަމުން ޝިފާން ވިދާޅުވީ މިއީ ކޮންމެ މީހަކަށްވެސް އަމިއްލައަށް ބަދަލުކުރެވޭނެ ކަންތައްތަކެއް ކަމަށެވެ.

2018 ވަނަ އަަހރު ރާއްޖޭގައި ކެންސަރު ބަލީގެ ފަރުވާ ފެށިނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް މިއުޅެނީ އަދިވެސް 'ބޭބީ ސްޓެޕްސްތަކުގައި' ކަމަށް ޝިފާން ފާހަގަކުރެއްވިއެވެ.

ކެންސަރު ބައްޔަށް ފަރުވާ ކުރުމުގައި ދިމާވާ ބައެއް ގޮންޖެހުންތަކަށްވެސް ޝިފާންގެ އިންޓަވިއުގައި ވަނީ އަލިއަޅއްވާލައްވާފައެވެ. އެގޮތުން 'މޭން ޕަވާ' ނެތުމާއި، ލިބެންޖެހޭ ބޭސްތައް ލިބުން ދަތިވުމާއި، ކީމޯތެރަޕީ ލިބުން ދަތިވުން ފަދަ ކަންތައްތައް އޭގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް މި ގޮންޖެހުންތައް ހައްލުކޮށްދިނުމަށްޓަކައި ވަރަށް ގިނަ ފަރާތްތަކުން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ސަބަބަށްޓަކައި ކީމޯތެރަޕީގެ ގިނަ ވައްތަރުތައް މިހާރު ރާއްޖެއިން ދެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކެންސަރު ބަލީގެ ހުރިހާ ކަމަކަށްހެން އާސަންދައިގެ ދަށުން ހިދުމަތް ދެވޭއިރު، ރާއްޖޭގައި މިހާރު 90 އިންސައްތަ ކެންސަރުގެ އޮޕަރޭޝަންތައް ކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ ތެރޭގައި ރީކޮންސްޓްރަކްޝަން ސާޖަރީތައްވެސް ހިމެނޭކަމަށް ޝިފާން ވިދާޅުވިއެވެ.

ކުރިއާ އަޅާބަލާއިރު ކެންސަރު ބައްޔަށް ދެވޭ ފަރުވާތަކާއި ހިދުމަތްތައް ރާއްޖޭގައި މިހާރު ގިނަނަމަވެސް އަދިވެސް މި ބައްޔަށް ފަރުވާ ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން އަދިވެސް ބައްޔަށް ދޭން ޖެހޭ އަހައްމިއްޔަތުކަން ނުދެވޭ ކަމަށް ޝިފާން ފާހަގަކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު