ޒަކާތް ދެއްކުން
ޒަކާތް ދެއްކުން
ޒަކާތުގެ ކަންކަން ޤާނޫނީ އޮނިގަނޑަކަށް ފައްތަން ހުށައެޅި ބިލު މަޖިލީހުން ބަލައިގެންފިއެވެ.

ޒަކާތް ދެއްކުމާއި، ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން ވަހީދު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ބިލު ބަލައިގެންފައިވަނީ މިއަދުގެ ޖަލްސާގައެވެ.

އެބިލު މަޖިލީހަށް ބަލައިގަތީ، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް 72 މެމްބަރުންގެ ވޯޓުންނެވެ. އަދި އެބިލު އިތުރަށް ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވުމަށް މިއަދު ވަނީ ފާސްކޮށްފައެވެ. ބިލު ދިރާސާކުރުމަށް ފޮނުވާފައިވަނީ އިޖުތިމާއީ ކޮމިޓީއަށެވެ.

މި ބިލަކީ 6 ބާބަކަށް ބެހިގެންވާ، މުޅިން އަލަށް ފަރުމާކޮށްފައިވާ ބިލެކެވެ. މި ބިލުގެ ސަބަބުން ޒަކާތްފަދަ މުހިންމު އަޅުކަމެއް އަދާކުރާ ގޮތް ރަނގަޅަށް ބެލުމަށް މަގުފަހިވެގެން ދާނެއެވެ. އަދި ޒަކާތުގެ ކަންކަން އިންތިޒާމްކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ވުޖޫދަށް އަންނާނެއެވެ.

އެ ބިލުގައިވާ ގޮތުން އެ ފަރާތެއްގެ މުދާ ހުރީ ރާއްޖޭގައި ކަމުގައިވީ ނަމަވެސް ނުވަތަ ރާއްޖެއިން ބޭރުގައި ނަމަވެސް ރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ ފަރާތަކާއި ރާއްޖޭގައި ވަޒަންވެރިވެގެން ނޫޅުނު ނަމަވެސް ރާއްޖޭގައި މުދާ ހުރިނަމަ ޒަކާތް ދައްކަން ޖެހެއެވެ.

ހަމައެއާއެކު ޒަކާތު ނިޒާމު ހިންގާ ބެލެހެއްޓުމުގައި މިނިސްޓަރަށާއި، ޒަކާތު ހައުސްއަށް ލަފާދީ އަދި އެ ނިޒާމު ހިންގުން ވިލަރެސްކުރުމަށް ގާނޫނަށް އަމަލުކުރަން ފަށާތާ ދެ މަސް ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލުގެ ނަމުގައި ކައުންސިލެއް ރައީސް އުފައްދަވަން ޖެހެއެވެ.

އޭގެއިތުރުން އެ ބިލުގައި ވަނީ ޒަކާތު ހައުސްގެ ބެލުމުގެ ދަށުން ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލުމަށްވެސް ހިމަނާފައެވެ. އަދި ޒަކާތު ފަންޑު ހިންގާނެ ގޮތާއި ފަންޑުން ކުރެވޭނެ ކަންކަން ވެސް ބަޔާން ކޮށްފައިވެއެވެ.

އަދި ޒަކާތުގެ ބެހެނިވެރިއަކަށް ނުވާ ފަރާތަކަށް ޒަކާތުގެ ފައިސާ ދޫކުރުމާއި ހުއްދަ ކުރާ ބޭނުންތަކަށް ފިޔަވައި އިތުރު ކަމަކަށް އެ ފައިސާއިން އިންވެސްޓްކޮށްފިނަމަ 1،000 ރުފިޔާއާއި 100،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ބިލުގައިވެއެވެ.

ހަމައެހެންމެ ސައްހަ ނޫން މައުލޫމާތު ހުށަހަޅައިގެން ޒަކާތުގެ ފައިސާ ހޯދައިފިނަމަ އެ ކުށްކުރި ފަރާތުން ހޯދި ފައިސާއާ އެއްވަރުގެ އަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރުމާ އެކު ޒަކާތު ހައުސް އިން ކަނޑައަޅާ މުއްދަތަކަށް ޒަކާތުގެ ބެހެނިވެރިންގެ ދަފްތަރުން ނަން އުނިކުރާނެ ކަމަށް ބިލުގައި ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު