އިންޑިޔާ އައުޓް ޖަހާފައިވާ ޓީޝާޓެއް ތުރުނުކުރަށްވާ ކަމަށް ފޮރިން މިނިސްޓަރު ޢަބުދު ﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ފޮރިން މިނިސްޓަރު ޑރ. އަބުދު ﷲ ޚަލީލް ވިދާޅުވީ، 'އިންޑިއާ އައުޓް' ޓީޝާޓެއް ލައިގެން ހުއްޓާ އެއްވެސް މީހަކަށް ސޯޝަލް މީޑިއާއިން ވެސް އެމަނިކުފާނު ފެނިވަޑައިނުގަންނާނެ ކަމަށެވެ.

މިނިސްޓަރު ޚަލީލް އިތުރަށް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލާ ގުޅުންހުރި ޓީޝާޓެއް ލައިގެން ހުއްޓާ އެމަނިކުފާނު ފެނިވަޑައިގެންފާނެ ކަމަށާއި، އެކަމަށް ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެން އެކަމަށް ފަޚުރުވެރިވަން، މިނިވަންކަމުގެ ދިފާޢުގައި އެ އަޅުގަނޑު ފަޚުރުވެރިވާކަމަށް އެހެންވީމާ އެކަން ފެނިވަޑައިގަންނަވާނެ އަބަދުވެސް އަޅުގަނޑު ގަބޫލުކުރަނީ،" ޑރ. ޚަލީލް ވިދާޅުވިއެވެ.

އިންޑިއާއާ ރާއްޖެއާ ދެމެދު ވަރުގަދަ ގުޅުމެއް އޮންނަން ޖެހޭނެ ކަމަށް އަބަދުވެސް ގަބޫލުކުރައްވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، އަވަށްޓެރި ޤައުމުތަކާއި، ރާއްޖެއަށް އެހީތެރިވެދޭ ޤައުމުތަކާ ދެމެދު ވަރުގަދަ ގުޅުންތަކެއް އޮންނަންވާނެ ކަމަށެވެ.

ޑރ. ޚަލީލް އިތުރަށް ވިދާޅުވީ އިސްލާމީ އުންމަތާއި އިސްލާމީ ޤައުމުތަކާ އެކު ރާއްޖެއިން ވަރުގަދަ ގުޅުންތަކެއް ބާއްވަން ޖެހޭކަމަށެވެ. އެެއީ ދިވެހި ރައްޔިތުން ބޭނުންވާ ކަންކަން ޙާސިލުކޮށްދެވޭނީ މިފަދަ ގުޅުންތަކުގެ މައްޗަށް ބިނާކޮށް ކަމަށާއި، ރާއްޖެއަށް އެހީތެރިކަން ލިބޭނީ ވެސް ރައްޔިތުން އެދޭ ގޮތަށް މި ގުޅުންތަކުގެ ތެރެއިން ކަމަށް ޤަބޫލު ކުރަށްވާ ކަމަށް ޚަލީލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު