އެމްޓީސީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ބިންހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރުމަށްޓަކައި، މި އަހަރު ނިމުމުގެ ކުރިން ބިޔަ ޑްރެޖަރެއް ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ނޭޝަންސް ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ދިމާވި އެންމެ ބޮޑު ހުރަހަކީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވި މާލީ ދަތިތައް ކަމަށެވެ. މިއީ ކުރިން ލަފާކުރެވިފައި ނުވާ ކަމެއް ކަމުން، ދައުލަތުގެ ޚަރަދުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަމަވެސް، ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު މިހާރު އެ ދަތިތަކުން އަރައިގަނެވިފައިވާ ކަމަށާއި، މިވަގުތު އެންމެ އިސްކަމެއް ދެއްވަނީ ތަރައްޤީގެ މައިގަނޑު މަޝްރޫޢުތައް ހިންގާ ސަރުކާރު ޙިއްޞާވާ ކުންފުނިތައް، ޚާއްޞަކޮށް އެމްޓީސީސީގެ ހިންގުން ވަރުގަދަކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ކުންފުންޏަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށް މަގުފަހިކުރެވިފައިވާ ކަމަށާއި، މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައާއި އެހެނިހެން ސާމާނު ވަރަށް އަވަހަށް ލިބެން ފަށާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ބިންހިއްކުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި އެމްޓީސީސީގައި މިހާރު ބޭނުންކުރާ "މަހާޖައްރާފު" އަށްވުރެ ތިންގުނަ ބޮޑު، މުޅިން އައު ހޮޕަރ ޑްރެޖަރެއް ހޯދުމުގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އެ ޑްރެޖަރު ރާއްޖެ ގެނެވުމާއެކު، އެމްޓީސީސީއާ ޙަވާލުކުރެވިފައިވާ ނުފެށި ހުރި ބިންހިއްކުމުގެ ހުރިހާ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ޢަމާޒަކީ ދައުލަތުގެ މަޝްރޫޢުތަކުގެ އިތުރުން، އަމިއްލަ ފަރާތްތަކުގެ މަސައްކަތްތައްވެސް ނަގައިގެން، އެމްޓީސީސީއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އިތުރު އާމްދަނީ ހޯދޭނެ ފަދަ ޤާބިލު ކުންފުންޏަކަށް ހެދުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު