އައްޝައިޚް ނަސީމް
އައްޝައިޚް ނަސީމް
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމުކޮށްގެން ދީނީ އަދި އިޖުތިމާއީ ޖަމްއިއްޔާތަކަށް އަމާޒުކޮށްގެން ބާއްވާ އަހަރީ މަހާސިންތާގައި ކީނޯޓް ސްޕީޗް ދެއްވުމަށް އޮސްޓްރޭލިއާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް ނަސީމް ރާއްޖެ ވަޑައިގެންފިއެވެ.

އިއްޔެ ހެނދުނުގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންނެވި ޝައިޚް ނަސީމް، މިއަދު ފެށޭ މި ބައްދަލުވުމުގައި ޚާއްޞަ ސެޝަނެއް ނަންގަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ޝައިޚް ނަސީމް ނަންގަވައިދެއްވާ ސެޝަން ޚާއްޞަކޮށްފައިވަނީ "ރީޗިންގ ދަ އަންރީޗްޑް" (ވާސިލުނުވެވާ ފަރާތްތަކާ ހަމައަށް ވާސިލުވުން) މި މައުޟޫޢަށެވެ.

މި ސެޝަންގެ މައިގަނޑު މަޤްޞަދަކީ އާންމުކޮށް ހިންގާ ދީނީ އަދި އިޖުތިމާއީ ޙަރަކާތްތަކުގައި ބައިވެރިނުވެވޭ ނުވަތަ އެފަދަ ޕްރޮގްރާމްތަކުގެ މެސެޖުތައް ނުފޯރާ ފަރާތްތަކަށް، ޖަމްޢިއްޔާތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީ އެފަރާތްތައް ޙަރަކާތްތަކުގައި ބައިވެރިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކޮށް މަޢުލޫމާތު ޙިއްޞާކުރުމެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، މި ސެޝަންގެ ސަބަބުން ދީނީ ހޭލުންތެރިކަމުގެ ހަރަކާތްތަކާ ދުރުވެފައިވާ ފަރާތްތަކާއެކު ގުޅުން ބަދަހިކުރުމަށް ބޭނުންވާ ޒަމާނީ އުކުޅުތައް ބައިވެރިވާ ޖަމްޢިއްޔާތަކަށް ދަސްވެގެންދާނެއެވެ.

ޝައިޚް ނަސީމަކީ ޒުވާނުންނާއި މަދަރުސާ ކުދިންގެ އިތުރުން ދަޢުވަތުގެ ޙަރަކާތްތަކާ ދުރުގައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕްރޮގްރާމްތައް ހިންގެވުމުގައި 20 އަހަރަށްވުރެ ދިގު މުއްދަތުގެ ތަޖުރިބާ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް