ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ޖަލުން މިނިވަންކުރުމަށް ގޮވާލައި އޭނާގެ ޕާޓީ، ޕާކިސްތާން ތަޙްރީކޭ އިންސާފް (ޕީޓީއައި) އިން ވެރިރަށް އިސްލާމްއާބާދަށް އެއްވުމަށް ރާވަމުންދާ މުޒާހަރާއާ ގުޅިގެން، ޕާކިސްތާނު ސަރުކާރުން އިސްލާމްއާބާދުގެ ސެކިއުރިޓީ ވަރުގަދަކޮށް، މުޅި ސިޓީ ފުރަބަންދުކޮށްފިއެވެ.

މި މުޒާހަރާ ހުއްޓުވުމުގެ ގޮތުން ސަރުކާރުން ވަނީ އެތައް ހާސް ސެކިއުރިޓީ އޮފިޝަލުންނެއް ނެރެ، އިސްލާމްއާބާދަށް ވަންނަ މައި މަގުތައް ބަންދުކޮށްފައެވެ.

އިސްލާމްއާބާދަށް ވަންނަ މަގުތައް ބަންދުކުރުމަށްޓަކައި ސަރުކާރުން ވަނީ 1,000 އަށްވުރެ ގިނަ ޝިޕިންގ ކޮންޓޭނަރު މަގުތަކުގައި އަތުރައި، ފާލަންތަކުގައި ވެލިބޭގްތައް ޖަހާފައެވެ. މީގެ އިތުރުން އިސްލާމްއާބާދުގައި އާންމު އެއްވުންތައް ބޭއްވުން މަނާކޮށް، 22,000 އަށްވުރެ ގިނަ ފުލުހުންނާއި ސެކިއުރިޓީ އޮފިޝަލުން ވަނީ ސިޓީގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާން ފަށާފައެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން އިސްލާމްއާބާދުގެ އާންމު ދިރިއުޅުމަށާއި ވިޔަފާރިތަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެ، އާންމުންގެ ނުރުހުން ވަނީ ބޮޑުވެފައެވެ.

މުޒާހަރާ ހުއްޓުވުމަށް ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، ޕީޓީއައި އިން ވަނީ ކުރިން ސެޕްޓެމްބަރު 27 ގައި ބާއްވަން ނިންމި މުޒާހަރާ އޮކްޓޯބަރު 4 އަށް ފަސްކޮށްފައިވާކަން އިއުލާންކޮށްފައެވެ. ޕީޓީއައިގެ ލީޑަރުން ބުނެފައިވަނީ މުޒާހަރާ ފަސްކުރުމުގެ މަގުސަދަކީ ސަރުކާރަށް ދެވޭ ފިއްތުންތައް އިތުރުކުރުން ކަމަށެވެ.

އަދި ސަރުކާރުން އިމްރާން ޚާނާމެދު އަމަލުކުރަމުންދާ ގޮތަށް ބަދަލުނުގަންނަނަމަ، މުޒާހަރާ ކުރިއަށްގެންދާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

މި މުޒާހަރާއާ ގުޅިގެން ސަރުކާރުން ވަނީ ޕީޓީއައިގެ ގިނަ އަދަދެއްގެ ލީޑަރުންނާއި އިސް މަސްއޫލުވެރިން ހައްޔަރުކޮށް، ކޯޓު އަމުރުތައް ނެރެފައެވެ.

އޭގެ ތެރޭގައި އިމްރާން ޚާންގެ ތިން އަންހެންކޮއްކޮއިންވެސް ހިމެނެއެވެ. ޚައިބަރު ޕަޚްތޫންޚުވާގެ ޗީފް މިނިސްޓަރު ސުހައިލް އަފްރީދީ ވިދާޅުވީ، އިމްރާން ޚާނަށް އިންސާފުވެރި ޝަރީއަތެއް ލިބެންދެންނާއި، ޖަލުގެ ހާލަތު ރަނގަޅުނުކުރަނީސް މުޒާހަރާ ހުއްޓާނުލާނެ ކަމަށެވެ.

2023 ވަނަ އަހަރުން ފެށިގެން ކޮރަޕްޝަންގެ ތުހުމަތުތަކުގައި ޖަލުގައި ހުންނެވި އިމްރާން ޚާންގެ މައްޗަށް ކުރެވިފައިވާ ގިނަ ދައުވާތަކެއް ކޯޓުތަކުން ވަނީ ބާތިލްކޮށްފައެވެ. ނަމަވެސް އޭނާ ހުރީ އެކަހެރިކޮށް ޖަލުގައި ކަމަށާއި، އެކަށީގެންވާ ސިއްހީ ފަރުވާއާއި އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ނުލިބޭ ކަމަށް ޕީޓީއައި އިން ތުހުމަތުކުރެއެވެ.

މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ބޮޑުވަޒީރު ޝަހްބާޒް ޝަރީފްގެ ސަރުކާރާއި ސިފައިންގެ އިސްވެރިން ކަންބޮޑުވަނީ، މި މުޒާހަރާގެ ސަބަބުން ސަރުކާރު ވައްޓާލުމުގެ ބޮޑު ހަރަކާތަކަށް މިކަން ބަދަލުވެގެންދާނެތީއެވެ.



ކިޔުންތެރިންގެ ހިޔާލު