ބ. އަތޮޅު ފުޅަދޫ ކައިރީގައި އޮންނަ އިންނަފުށި، އެރަށު ކައުންސިލާ ހަވާލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ބ. ފުޅަދޫ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެ ރަށާ ވަރަށް ކައިރީގައި އޮންނަ އިންނަފުށި، އާމްދަނީ ހޯދޭނެ ރަނގަޅު މެނޭޖްމަންޓް ޕްލޭނަކާއެކު ފުޅަދޫ ކައުންސިލާ ހަވާލުކޮށްދެއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ތަރައްޤީގައި މިހާރު އެންމެ ބޮޑު ދައުރެއް އަދާކުރަމުން އަންނަނީ ޓޫރިޒަމް ދާއިރާ ކަމަށާއި، ފުޅަދޫއަކީ ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެފައިވާ ރަށެއް ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ސިޔާސަތަކަށް ވާނީ ޓޫރިޒަމް ފުޅާ ކުރުމަށް ރައްޔިތުންނަށް ފަސޭހަތައް ފޯރުކޮށްދިނުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އިންނަފުއްޓަކީ ފުޅަދޫއާ ވަރަށް ކައިރީގައި އޮންނަ ނަމަވެސް، މިހާރު އެއްގޮތަކަށް ބެލެހެއްޓިގެންނުދާ ރަށެއް ކަމަށާއި، އެ ރަށްވަނީ ކުނި ގިނަވެ، ނުބެލެހެއްޓިފައި ކަމަށެވެ. މީގެ ސަބަބުން މި މައްސަލައަށް ހައްލެއް ބޭނުންވެފައިވާ ކަމަށާއި، ފުޅަދޫ ރައްޔިތުންނާއި ކައުންސިލުން ވެސް މިރަށް ހަވާލުކުރުމަށް ވަރަށް ބޮޑަށް އެދެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިންނަފުށި ފުޅަދޫ ކައުންސިލާ ހަވާލުކުރުމުގެ މަޤްސަދަކީ އެ ރަށް ރަނގަޅަށް ބެލެހެއްޓި، އަދި އެ ރަށުން އެކަށީގެންވާ އާމްދަނީއެއް ރަށަށް، ކައުންސިލަށް ލިބޭނެ ގޮތެއް ހަމަޖެހިގެން ދިޔުން ކަމަށެވެ.

"އެހެންވީމަ، އިރާދަކުރެއްވިއްޔާ ރަނގަޅު މެނޭޖްމަންޓް ޕްލޭނެއް، ކައުންސިލާއި އެންވަޔަރަންމަންޓް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީއާ ދޭތެރޭގައި ހަދައި، އެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، އެ ޕްލޭން ރަނގަޅު މެނޭޖްމަންޓް ޕްލޭނަކާ އެކީގައި އިންނަފުށި މިރަށުގެ ކައުންސިލަށް އަޅުގަނޑުމެން ޙަވާލުކުރާނަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ މި ޕްލޭނުގެ ތެރޭގައި އިންނަފުށި ބަލަހައްޓާނެ ގޮތާއި، އޭގެން އާމްދަނީ ލިބޭނެ ގޮތުގެ ތަފްސީލުތައް ހިމެނޭނެ ކަމަށެވެ. އޭގެ ތެރޭގައި ކައުންސިލަށް ލިބޭނެ އާމްދަނީގެ އިންސައްތައާއި، ދައުލަތަށް ލިބޭނެ އިންސައްތަ ކަނޑައެޅޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނުގެ މި ދަތުރުފުޅަށް ފަހު، މާ ލަސްތަކެއް ނުވެ މި މަސައްކަތް ކުރިއަށް ދާނެ ކަމަށާއި، ދާދި އަވަހަށް މިކަން ކޮށްދެއްވާނެ ކަމަށެވެ. ރައީސް ވަނީ ފުޅަދޫގެ ތަރައްޤީ އަށް ސަރުކާރުން ކުރަން ނިންމާފައިވާ ގިނަ ކަންތައްތަކުގެ ތަފްސީލް ވެސް ދެެއްވާފައެެވެ.



ކިޔުންތެރިންގެ ހިޔާލު