މަރްޔަމް ނަހްދާ ވަޙީދު   12 އޯގަސްޓު 2025 - 7:20
މައިގްރެއިން ހުންނަ މީހެއް-
މައިގްރެއިން ހުންނަ މީހެއް-
މައިގްރޭންއަކީ ގިނަ ބަޔަކަށް ދިމާވާ، އަދި އެ މީހުންގެ ދިރިއުޅުމަށް ވަރަށް ބޮޑު އަސަރެއް ކުރާ ބައްޔެކެވެ. މި ބަލީގެ ސަބަބުން ބޮލުގައި ގަދަ ރިހުމެއް އިހުސާސްވެ، ބައެއް ފަހަރު މަސައްކަތްތައް ކުރުމަށް ދަތިވެއެވެ. ނަމަވެސް، މައިގްރޭންއަށް ގޭގައި ތިބެގެން ކުރެވިދާނެ ބައެއް ފަރުވާތައް ހުރެއެވެ. މިފަހަރު މި ހިމަނާލަނީ އެފަދަ ބައެއް ފަރުވާތަކަށެވެ.

އަރާމު ކުރުމާއި ނިދުމަކީ މައިގްރޭންއަށް ވަރަށް މުހިންމު ކަމެކެވެ. ބޮލުގައި ރިހެން ފެށުމުން، އަނދިރި ކޮޓަރިއެއްގައި އޮވެ، ލޯމަތީގައި ފިނި ތުވާއްޔެއް އަޅައިގެން އޮތުމުން، ގިނަ ފަހަރަށް ރިހުން ކުޑަވެއެވެ. މީގެ އިތުރުން، ފެންވަރައި އަރާމުކޮށްލުމަކީވެސް ރަނގަޅު ކަމެކެވެ.

ކެއުމުގެ އާދަތައް ބަދަލުކުރުމަކީ މައިގްރޭންއަށް އެހީވެދާނެ ކަމެކެވެ. ބައެއް ކާނާގެ ބާވަތްތަކުން މައިގްރޭން އިތުރުވެދާނެ ކަމަށް ދިރާސާތަކުން ދައްކައެވެ. މިސާލަކަށް ޗޮކްލެޓް، ޕްރޮސެސްކޮށްފައިވާ ކާނާ، އަދި ކެފެއިން ހިމެނޭ ބުއިންތައް ފާހަގަކޮށްލެވެއެވެ. މިފަދަ ތަކެތި މަދުކޮށް، ތާޒާ މޭވާއާއި ތަރުކާރީ ގިނައިން ކެއުމަށް އާދަކުރުމުން މައިގްރޭން މަދުވެދާނެއެވެ.

ގަވާއިދުން ކަސްރަތު ކުރުމަކީވެސް މައިގްރޭންއަށް ރަނގަޅު ކަމެކެވެ. ކަސްރަތު ކުރުމުން ހަށިގަނޑުން ބައެއް ކެމިކަލްތައް ބޭރުކުރެއެވެ. މިއިން ރިހުން ކުޑަކުރުމަށް އެހީތެރިވެދެއެވެ. ނަމަވެސް، މާ ބާރަށް ކަސްރަތު ކުރުމުން މައިގްރޭން އިތުރުވެދާނެތީ، މެދުމިން ވަރަކަށް ކަސްރަތު ކުރުން މުހިންމެވެ.

މައިގްރޭންއަކީ ފަސޭހައިން އޭގެ ރިހުން ބޮޑުވެގެން ހިނގައިދާނެ ރިހުމެކެވެ. އަދި ބައެއްމީހުންނަށް ސިއްހީ ފަރުވާއެއް ހޯދައިގެން ނޫނީ ފަސޭހަކަމާއެކު ރިހުން ލުޔެއް ނުވެއެވެ. ނަމަވެސް މި ހިއްސާ ކޮށްލިކަންތައް ކުރުމުން ބަލިން އަވަހަށް ފަސޭހަވުމަށް އެހީވެދޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު