އެމްއެމްއޭ ބިލްޑިންގް
އެމްއެމްއޭ ބިލްޑިންގް
ފައިސާގެ މުޢާމަލާތްތައް ހިންގުން ފަސޭހަކުރުމަށްޓަކައި، ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޤައުމީ ކިއުއާރް ކޯޑެއް ތަޢާރަފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެމްއޭއިން ބުނީ ޤައުމީ ކިއުއާރް ކޯޑު ތަޢާރަފުކުރެވުމުން ފައިސާ ދެއްކުމުގެ މުޢާމަލާތްތައް ހިންގުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މި ކިއުއާރް ކޯޑަކީ އިންޑިޔާގެ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަނުން ތައްޔާރުކޮށްފައިވާ ކިއުއާރް ކޯޑާ އެއްފަދަ ޚިދުމަތެއް ކަމުގައިވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

މިހާރު ކިއުއާރް ކޯޑުގެ ޚިދުމަތް ތަޢާރަފުކުރުމަށް ކުރަންޖެހޭ ތައްޔާރީތަކާއި ފުރިހަމަކުރަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާކަން ހާމަކުރަމުން އެމްއެމްއޭއިން ބުނީ އެ ބެންކުގެ އަމާޒަކީ އަންނަ އަހަރު މި ޚިދުމަތް ތަޢާރަފުކުރުން ކަަމަށެވެ.

މި ޚިދުމަތް ފޯރުކޮށްދޭނީ އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވޭ ގޮތަށް ފަރުމާކޮށްފައިވާ "ފަވަރަ" ނިޒާމުގެ ތެރެއިންނެވެ.

އެމްއެމްއޭއިން ބުނީ އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސްއާއި ފަވަރަ ގުޅުވައިލުމުގެ މަސައްކަތް ނިމުމުން، ކިއުއާރް ކޯޑު މެދުވެރިކޮށް އިންޑިޔާއަށްވެސް ފައިސާ ފޮނުވުމުގެ ފުރުޞަތު ހުޅުވިގެންދާނެކަމަށެވެ.

އަންނަ އަހަރު މި ޚިދުމަތް ތަޢާރަފުކުރުމުން، ރާއްޖޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ދެއްކުމުގެ މުޢާމަލާތްތައް ކިއުއާރް ކޯޑު މެދުވެރިކޮށް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ.

އަދި ހުރިހާ ވިޔަފާރިވެރިންނަށްވެސް ކާޑުގެ ބަދަލުގައި ކިއުއާރް ކޯޑު ބޭނުންކުރެވޭނެ ކަމަށާއި، އެއާއެކު މިހާރު ކާޑުތަކުން ކުރާ މުޢާމަލާތްތަކަށް ބޭންކުން ނަގާ 2.5 އިންސައްތައިގެ ފީ ނުނަގާނެ ކަމަށްވެސް މަރުކަޒީބޭންކުން ބުންޏެވެ.

މި ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށްޓަކައި، ރާއްޖޭގެ ހުރިހާ ބޭންކެއް ހިމެނޭގޮތަށް ޕޭމަންޓްސް ކުންފުންޏެއް އުފެއްދުމަށް މަގުފަހިވާނެހެން ޤާނޫނު އިޞްލާޙުކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށަހަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު