ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން މިހާތަނަށް ޓެގު އަޅުވާފައި ދޫކޮށްފައިވަނީ އެންމެ 10 މީހުން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކާ ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަންފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން ވަނީ ފަށާފައެވެ.

މިކަމާ ގުޅޭގޮތުން ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތު ދެމުން ޕީޖީ އޮފީހުން ބުނީ މިހާތަނަށް 10 މީހަކު އެނިޒާމުގެ ތެރެއިން ދޫކޮށްފައިވާއިރު އޭގެ ތެރޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާ ގުޅޭ މައްސަލަތައް ހިމެނޭކަމަށެވެ.

އެހެންނަމަވެސް މާރާމާރީގެ މައްސަލަތަކުގައި ދޫކޮށްފައިވަނީ ހަމައެކަނި ނުރައްކާތެރި ހަތިޔާރު ގެންގުޅުނު މީހުން އެކަނި ކަމަށާއި، މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމުގައި ބައިވެރިވެފައިވާ އެއްވެސް މީހަކު ދޫކޮށްފައިނުވާކަމަށް ޕީޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ.

އަދި 149 މީހެއްގެ އެސެސްމަންޓު ހެދުން ކުރިއަށް އެބައޮތް ކަމަށާއި، 83 މީހަކު ޝަރުތު ފުރިހަމަ ނުވާކަމަށް ކަނޑައަޅާފައިވާކަމަށްވެސް ޕީޖީ އޮފީހުން ހާމަކުރިއެވެ.

މިގޮތަށް މިހާތަނަށް ދޫކޮށްފައިވާ މީހުން ޝަރުތުތަކާއެކު ދޫކޮށްލާފައިވަނީ 100 ދުވަހުގެ މުއްދަތަށް ޓެގު އަޅުވައިގެންނެވެ. އެމީހުން ދޫކޮށްލުމުގެ ޝަރުތުތަކުގެ ތެރޭގައި ކޯޓުން އަންގާ ގަޑިތަކަށް ކޯޓަށް ހާޒިރުވުމާއި، ރަށުން ބޭރަށް ނުދިއުމާއި، ރޭގަނޑު ވަކި ގަޑިތަކެއްގައި ގޭގައި ހުރުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު