އެމްއެމްއޭ
އެމްއެމްއޭ
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފް އެ މަގާމުން ވަކިކޮށް، އެ މަގާމަށް އިސްމާއިލް ސާޖިދު އައްޔަން ކޮށްފިއެވެ.

އެމްއެމްއޭއިން ބުނީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރެއްގެ މަގާމުގައި ހުންނެވި ސާޖިދު އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފަށާނީ މާދަމާއިން ފެށިގެން ކަމަށެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުން ސާޖިދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގައެވެ.

ސާޖިދަކީ ކުރިން އިލެކްޝަންސް ކޮމިޝަންގައި މާސްޓަރ ޓްރެއިނަރެއްގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އެފްއައިޔޫގެ ވެރިޔާގެ މަގާމުގައި ހުރި އަޝްރަފް ރިސްކް އެންޑް ކޮމްޕަލަޔަންސްގެ ވެރިއަކަށް ބަދަލު ކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ މަސްލަޙަތު އޮންނަ ކުންފުނި ތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މާލީ މުޢާމަލާތްތަކަކާއި ގުޅޭގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެމްއެމްއޭގައި މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއް ވެފައިވާ އަޝްރަފަކީ ފައިނޭންޝިއަލް އިންޓެލިޖެންސްގެ ދާއިރާއިން މަތީ ތައުލީމާއި ތަޖުރިބާ ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. އަދި އޭނާއަކީ ގާނޫނީ ވަކީލެއްވެސްމެއެވެ.

މިއީ އެފްއައިޔޫގެ ވެރިޔާގެ މަގާމުން އަޝްރަފު ދުރުކުރި ދެވަނަ ފަހަރެވެ.

އެފްއައިޔޫއަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގައި ގާއިމުކޮށްފައިވާ ޔުނިޓެކެވެ. އެ ޔުނިޓުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ މާލީ މުއާމަލާތްތައް މޮނީޓަރުކޮށް، އެފަދަ މުއާމަލާތެއް މެދުވެރިކޮށް ކުށް ކުރުމަށް އަރައިގަނޭތޯ ދެނެގަނެ، މަނީ ލޯންޑާ ކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް އިދާރާތަކާއެކު މަސައްކަތް ކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު