މުހައްމަދު ޝަހީދު
މުހައްމަދު ޝަހީދު
ހުވާކުރުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ހައި ކޯޓުގެ ފަނޑިޔާރެއްގެ މަގާމަށް އައްޔަން ކުރުމަށް ޖޭއެސްސީން ނިންމަވާފައިވާ މުހައްމަދު ޝަހީދުގެ ނަން އަނބުރާ ގެންދަން އޭނާ ހުށައަޅުއްވައިފިއެވެ.

ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމަށް އެދި ހުށައެޅުއްވި އެޕްލިކޭޝަން އަނބުރާ ގެންދަން ޝަހީދު ހުށައަޅުއްވާފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައި ޝަހީދު ވަނީ، އޭނާއަކީ ސިޔާސީ މީހެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރަމުން ގެންދާތީ، އޭނާގެ ނަޒާހަތްތެރިކަމާ މެދު އާންމުންގެ ހިތުގައި ސުވާލު އުފައްދަން ޖާގަދޭން ބޭނުން ނުވާ ކަމަށް ވިދާޅުވެފައެވެ.

ހަމައެއާއެކު ދާޚިލީ ވުޒާރާގެ ވަޒީރުގެ ނައިބެއްގެ މަޤާމުން އިސްތިއުފާ ދިނުމަށްފަހު ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ އަމިއްލަ އިޚްތިޔާރުގައި، ސިޔާސީ ދާއިރާއިން ދުރުވުމުގެ ނިޔަތުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އޭނާގެ ސަބަބުން ޖުޑިޝަރީގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެއްދުމަށް ފުރުސަތު ދޭން ބޭނުން ނުވާތީ މިރޭ ބާއްވާ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރި ނުވުމަށް ނިންމާފައިވާ ކަމަށް ޝަހީދު ވިދާޅުވިއެވެ.

ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރުމަށް ތާވަލު ކޮށްފައިވަނީ މިރެއަށެވެ.

ޝަހީދު އަމިއްލައަށް ނަން އަނބުރާ ގެންގޮސްފައިވާއިރު، ޝަހީދު ފަނޑިޔާރުކަމުގެ ހުވާކުރުން ހުއްޓުވުމަށްޓަކައި ޤާނޫނީ ވަކީލު އަހުމަދު ނައުޝާދު ވަނީ ސިވިލްކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައެވެ. އަދި އެ މައްސަލަ ކޯޓުން ވަނީ ބަލައިގަނެފައެވެ.

ހައި ކޯޓުގެ ފަނޑިޔާރެއްގެ މަގާމަށް ޝަހީދު އައްޔަން ކުރަން މިދިޔަ ބުދަ ދުވަހުގެ ރޭ ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމުމުން އެކަމަށް އާއްމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް ވަނީ އަމާޒުވެފައެވެ.

އެ މައްސަލާގައި ގިނަ ބަޔަކު ޖޭއެސްސީއަށް ފާޑުކިޔާފައިވަނީ، ޝަހީދު ހޯމް މިނިސްޓްރީގައި ހުންނެވި ސިޔާސީ މަގާމުން ވަކިވެފައިވަނީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ވަޑައިގެންނެވުމަށް ކަމަށް ބުނެއެވެ. އީސީގެ ދަފްތަރު ދައްކާގޮތުން މިދިޔަ ހަފްތާގައި ސަރުކާރު ބަންދުވުމާ ހަމައަށް ޝަހީދަކީ ޕީއެންސީގެ މެންބަރެކެވެ.



ކިޔުންތެރިންގެ ހިޔާލު