އިންޓަނެޓްގެ ބޭނުން ހެޔޮގޮތުގައި ހިފައިފިނަމަ އެއީ ވަރަށް ބޮޑު ނިޢުމަތެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައިވަނީ، ޒަމާން ބަދަލު ވެއްޖެ ކަމަށާއި، ބަވަނަ ވެފައިވާ މިދުނިޔޭގައި އިންސާނުން އަންނަނީ ޒަމާނީ ޓެކްނޮލޮޖީގެ އެތައްް އިންގިލާބީ ކުރިއެރުމެއް ހޯދަމުން ކަމަށެވެ. އަދި މިޒަމާނުގައި ދިރިއުޅުމަށް ބޭނުންޖެހިފައިވާ އެންމެ މުހިންމު އެއް ވަސީލަތަކީ އިންޓަނެޓާއި އަދި އިންޓަނެޓާއި ގުޅިފައިވާ ތަފާތު ޓެކްނޮލިޖީކަން ފާހަގަކޮށްފައިވެއެވެ. އަދި މި ވަސީލަތުގެ ބޭނުން ހެޔޮގޮތުގައި ހިފައިފި ނަމަ އެއީ ވަރަށް ބޮޑު ނިއުމަތެއްކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.

ހުކުރު ހުތުބާގައި ބުނެފައިވަނީ، ދަރިންނަކީ ﷲ މައިންބަފައިންނާ ހަވާލުކުރައްވާފައިވާ ވަރަށް ބޮޑު އަމާނާތެއް ކަމަށެވެ. އެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ ޒިންމާ އެއްކަން ފާހަގަކޮށް އެ މަސްއޫލިޔަތު އަދާކުރި ގޮތާއި މެދު ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. އިންޓަނެޓަކީ އާއިލީ ގުޅުން ބަދަހި ކުރުމާއި، އުނގެނުމާއި، މައުލޫމާތު ބަދަލު ކުރުމާއި މިނޫންވެސް އެތައް ލުއި ފަސޭހަތަކެއް ދިރިއުޅުމަށް ގެނެސްދޭ ވަސީލަތެއް ކަމަށް ޚުތުބާގައި ފާހަގަކޮށްފައި ވެއެވެ.

"އިންޓަނެޓުގެ ޒަރީޢާއިން މިދެންނެވި ލުއި ފަސޭހަކަން ލިބި، ހަޔާތަށް ފުރިހަމަކަން ގެނުވޭއިރު، މި ނިއުމަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މީހުން އުޅޭކަން ދަންނަން ޖެހެއެވެ." ޚުތުބާގައި ބުނެފައި ވެއެވެ.

ދަރިންނަކީ الله ތަޢާލާ މައިންްބަފައިންނަށް ހަވާލުކުރައްވާފައިވާ ވަރަށް ބޮޑު އަމާނާތެއްް ކަމާއި އެ ދަރިން ތަރުބިއްޔަތު ކުރި ގޮތާއިމެދު ސުވާލުވެވޭނެ ކަމަށް ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ. ދަރިފުޅުގެ ކިޔެވުމަށް ޓަކައި އިންޓަނެޓަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށާއި ނަމަވެސް އިންޓަނެޓަކީ އަޑި ނޭނގޭހާ ފުން ކަނޑެއްކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ، ދަރިންނަށް އިންޓަނެޓްގެ ބޭނުން ރައްކާތެރިގޮތުގައި ކުރުމަށް ދަސްކޮށްދޭންޖެހޭ ކަމަށެވެ.

އަދި ކުދިންނަށް ޒިންމާދާރު، ޑިޖިޓަލް ރައްޔިތަކަށް ވެވޭނެ ގޮތްތަކާއި މަގުތައް ދައްކުވައި ދޭންޖެހޭކަމަށާއި ދަރިން ނުބައި ކަންތައްތަކުގެ ޝިކާރައަކަށް ހެދުމަށް އިންޓަނެޓްގެ ދުނިޔޭގައި ބަޔަކު ފާރައަށް ތިބޭނޭކަން ބެލެނިވެރިން ހަނދާންކުރަންޖެހޭ ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.

"އެއްވެސް ބެލުމެއް ނެތި، އިންޓަނެޓު ބޭނުން ކުރާނެ ރައްކާތެރި ގޮތްތައް ދަސްކޮށްދިނުމެއް ނެތި، އެއްވެސް ހިފެހެއްޓުމެއް ނެތި ދަރިން އިންޓަނެޓުގެ ތެރެއަށް ދޫކޮށްލުމަކީ ވަރަށް ގިނަަ ފަހަރަށް ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް އެކުދިން ވެގެންދާ ސަބަބެއް ކަމުގައި ވެއެވެ. އަދި އެއީ އެކުދިން މަސްތުވާތަކެއްޗާއި، އެހެނިހެން ކުށްތަކުގެ ތެރެއަށް ގެންދިއުމަށް ކޮށައިދެވޭ މަގަކަށް ވެގެން ދެއެވެ." ޚުތުބާގައި ބުނެފައި ވެއެވެ.

އަދި ހަމަ އެހެންމެ އިސްލާމްދީނާ މެދު ޝައްކު އުފައްދައި އެކުދިންގެ ހިތްތަކުން އީމާންކަން ފޮހެލަން ބަޔަކު މީހުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށާއި އެކަންކަމަށް ސަމާލުވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން