އެފްޑީސީން އިމާރާތްކުރާ ފްލެޓުތައް، ފޮޓޯ: އެފްޑީސީ
އެފްޑީސީން އިމާރާތްކުރާ ފްލެޓުތައް، ފޮޓޯ: އެފްޑީސީ
ގެދޮރިވެރިޔާ މަޝްރޫއުގެ 4000 ފްލެޓު ލިބޭ މީހުންގެ ތެރެއިން ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންދަން ހައުސިން މިނިސްޓްރީގެ ފަރާތުން މިހާތަނަށް ފޮނުވާފައިވަނީ 2665 ނަން ކަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންނާ އެކު، އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެފްޑީސީން ފެށީ މިދިޔަ ހޯމަ ދުވަހުއެވެ.

މި މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެފްޑީސީ މެދުވެރިވެގެންނެވެ. ސޮއިކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ޚާއްސަކުރެވިފައިވާ ސަރަޙައްދެއްގައި، ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

އެފްޑީސީން ބުނީ މިނިސްޓްރީއިން ފޮނުވާ ލިސްޓުގައި ހިމެނޭ ހުރިހާ މީހުންނަށް މިހާރު އެކަން އަންގަމުންދާކަމަށެވެ. އެގޮތުން މިކަން އަންގަނީ އެސްއެމްއެސްއާއި ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށެވެ. ސޮއިކުރަން އަންނާނެ ދުވަހާ ގަޑި އަންގާނީ، އެފްޑީސީން ބުނާ ލިޔެކިޔުންތައް އެ ކޯޕަރޭޝަންގެ "ފަހި ޕޯޓަލް"އަށް އަޕްލޯޑްކުރުމުންނެވެ. އަދި ސޮއިކުރުމަށްފަހު ފްލެޓްގެ ތަޅުދަނޑި ހަވާލުކުރާނީ ޔުޓިލިޓީ ޚިދުމަތްތަކަށް ރެޖިސްޓަރވެ ޑިޕޮސިޓް ދެއްކުމުންނެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޔުނިޓުތަކުގެ މަސައްކަތް ނިމި، ހަވާލުކުރުމަށް ތައްޔާރުވެފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ. އެގޮތުން މިހާތަނަށް 92 މީހުން ފްލެޓް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް އެފްޑީސީން ވަނީ ހާމަކޮށްފައެވެ.

މިނިވަންދުވަހުގެ ބަންދަށް އެއްބަސްވުންތަކުގައި ސޮއިކުރުން މެދުކަނޑާލާފައިވާއިރު، އަންނަ އަންގާރަދުވަހު އަލުން އެ މަސައްކަތް ފަށާނެ ކަމަށްވެސް އެފްޑީސީން ވަނީ ބުނެފައެވެ.

ސަރުކާރުގެ އަމާޒަކީ މި މަހުގެ ތެރޭގައި އެއްބަސްވުންތަކުގައި ސޮއިކޮށް، ފްލެޓްތައް ހަވާލުކުރަން ފެށުމެވެ.



ކިޔުންތެރިންގެ ހިޔާލު