ޗިލްޑްރަން އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު
ޗިލްޑްރަން އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު
ޗިލްޑްރަން އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގުގެ ދައުރު އިތުރު 5 އަހަރަށް ދަންމާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި މިހާރު ހުންނެވި ނިއުމަތު ޝަފީގުގެ ދައުރު މިމަހުގެ 23ވަނަ ދުވަހަށް ހަމަވާނެއެވެ.

އެކަމާ ގުޅިގެން މިހާރުވެސް އެ މަޤާމުގައި ހުންނެވި ނިއުމަތުގެ ދައުރު އިތުރު ފަސް އަހަރަށް ދަންމާލަން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުއްވުމުން އެ ކޮމިޓީން ވަނީ ނިއުމަތުއާ އިންޓަވިއު ކުރުމަށްފަހު އޭނާގެ މަގާމުގެ މުއްދަތު އިތުރު ކުރުމަށް ފެންނަ ކަމަށް ނިންމާފައެވެ. އަދި މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކޮމިޓީގެ ރިޕޯޓް ތަޅުމަށް ހުށަހެޅުމުން ނިޢުމަތުގެ މަގާމުގެ މުއްދަތު އިތުރު ކުރުމަށް ފާސްކޮށްފައިވަނީ ވޯޓު ދެއްވި 50 މެންބަރުންގެ އިއްތިފާގުންނެވެ.

ޗިލްރަންސް އޮމްބަޑްސްޕަސަންގެ އޮފީހަކީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފައްދަވާފައިވާ މިނިވަން، މުސްތަގިއްލު އިދާރާއެކެވެ. ޤާނޫނުގައިވާ ގޮތުން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް މީހަކު އައްޔަންކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.

ޗިލްޑްރެންސް އޮމްބަޑްސްޕާސަނަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ތަންފީޒު ކުރަން ޖެހޭ ކަންކަން ތަންފީޒު ކުރެވޭ މިންވަރު މޮނިޓާ ކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ގުޅޭ މުއައްސަސާތައް މޮނިޓާކޮށް އިވެލުއޭޓު ކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކަމާ ބެހޭ މުއާހަދާއާ އެއްގޮތަށް އަމަލު ކުރާ މިންވަރު ބެލުމާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަަސައްކަތް ކުރާ މުވައްޒަފުންގެ އަމަލުތައް ތަހުގީގުކޮށް މުތާލިއާ ކުރަން އައްޔަން ކުރާ މަގާމެކެވެ.



ކިޔުންތެރިންގެ ހިޔާލު