ރާއްޖޭގެ މައި ވައިގެ ބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ވިސްނުން އެންމެ ފުރަތަމަ ވެސް ގެނައީ އެމްޑީޕީން ކަމަށް މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، އެއާޕޯޓު މިހާރު އެ ހަދާ ފެންވަރަށް ތަރައްގީ ކުރުމުގެ ވިސްނުމަކީ އޭރު ޕީޕީއެމް ސަރުކާރުން ގެނައި ވިސްނުމެއްކަމަށް ރައީސް ޔާމީންގެ ޕީއެންއެފްގެ ޖަލްސާތަކުގައި ކިޔަމުން ދާކަމަށެވެ. ނަމަވެސް އެއީ ބޮޑު އޮޅުވާލުމެއް ކަމަށާއި އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ވިސްނުމަކީ މާކުރިން 2008 ގައި އުފެދުނު އެމްޑީޕީ ސަރުކާރުން ގެނެސްފައިވާ ވިސްނުމެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެގޮތުން ވިދާޅުވީ، އޭރު ރައީސް ނަޝީދުގެ ސަރުކާރުގައި، ރާއްޖެއަށް 4 ބިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒުގައި ޕްރައިވެެޓް ކޮންޓްރެކްޓަރަކާ އެއާޕޯޓު ހަވާލުކޮށް އެތަން ތަރައްގީކުރަން ހަވާލު ކުރެވުނީ އެ ވިސްނުމުގައި ކަމަށެވެ. ޓާމިނަލް ބޮޑުކޮށް ރަންވޭ ބޮޑުކުރުން ފަދަ ކަންކަމަކީ އޭގެ ތެރެއިން އޭރު ގެނެސްފައިވާ ވިސްނުމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، އޭރު (ޖީއެމްއާރަށް) އެއާޕޯޓު ދިންގޮތަށް ބޭއްވިނަމަ އެތަން މިހާރު އޮންނާނީ 4 ބިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭވަރަށް ތަރައްގީވެފައި ކަމަށެވެ. އަދި އެކަމުގެ އިގުތިސާދީ ފައިދާ މިހާރު ރާއްޖެއަށް ދާނީ ކުރަމުންކަމަށް އޭނާ ވިދާޅުވިއެވެ.

އަމީރުގެ ވާހަކައިގައި ވަނީ މި ސަރުކާރުން އެ ޓާމިނަލްގެ ކޮސްޓު އެތައް ގުނައަކަށް ބޮޑުކޮށްގެން ކޮރަޕްޝަނަށް މަގުފަހިވާ ގިނަ ކަންތައްތަކެއް ކުރަމުން ދާކަމަށް ވެސް ތުހުމަތު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު