މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު އައްބާސް
މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު އައްބާސް
ދައުލަތުގެ އާމްދަނީ އިތުރުވެފައިވާ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނަމުންދިޔަ ނަމަވެސް އެއިން ރައްޔިތުންނަށް ވާ މަންފާއެއް ނެތް ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް މިހެން ވިދާޅުވީ ޑޮލަރުގެ ރޭޓު މަތިވުމާއި، ތަކެތީގެ އަގު އުފުލެމުންދާ ދިއުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރަމުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި އައްބާސް ވިދާޅުވީ ތަކެތީގެ އަގު އުފުލިގެންގޮސް ރައްޔިތުން ހަނާވާއިރު ވަކި މީހަކު ރުއްސަން ނުވަތަ ސަރުކާރުގެ ތެރެއިން ރައްޔިތުންގެ ޓެކުސް ފައިސާއިން ނަހަމަ މަންފާ ހޯދަން ޖަގަހަ ޖަލްސާގައި ދައްކާ ވާހަކަތައް ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށެވެ.

އޭނާ މިހެން ވިދާޅުވީ ރޭ ބޭއްވި ޕީއެންސީ ހަރުގެ ޖަލްސާގައި އެ ޕާޓީގެ މެމްބަރުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. އެގޮތުން ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު ޝުޖާއު ވިދާޅުވީ ޕީއެންސީގެ ވެރިކަމެއް ކުރަން އަދި މި ފަށަނީ ކަމަށާއި ވަޒީފާ ނުލިބި ތިބި އެ ޕާޓީގެ މެމްބަރުންނަށް ވަޒީފާ ހަމަޖައްސައިދޭނެ ކަމަށެވެ.

"ތިވިދާޅުވާ ގޮތަށް ރައްޔިތުން ހައްލަން ޕާޓީ ކުދިންނަށް 8000 ރުފިޔާގެ ވަޒީފާ އެއް ދެއްވީމަ އެބައިމީހުންގެ އަނބިދަރިންގޮވައިގެން ބަނޑުފުރާ މުއްތިކޮށްގެން ދިރިއުޅުމުގެ ހަރަދުބަރަދު ކުރެވޭނެތޯ؟" ސުޖާއުގެ ވާހަކަތަކާމެދު ސުވާލު އުފައްދަމުން އައްބާސް ވިދާޅުވިއެވެ.



އައްބާސް އިތުރަށް ވިދާޅުވީ ދައުލަތުގެ އާމްދަނީ އެތަކެއް މިލިއަން ރުފިޔާއިން އިތުރުވަމުންދާ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނަމުންދާ ކަމަށެވެ.

"ސަރުކާރުގެ ބަހުން ނަމަ ޤައުމަށް އަންނަ ޓޫރިސްޓުން އެއްދުވަހުން އަނެއްދުވަހަށް ވަނީ އިތުރު.. ހުރިހާ ކުންފުނިތަކެއްވެސް ހިގަމުންދަނީ ވަރަށް ބޮޑުތަނުން ސާފު ފައިދާގައި. އެއާރޕޯޓު ޓެކުސްތަކާއެކު ސަރުކާރުން ބޭނުންވި ހުރިހާ ޓެކުސް ތަކެއް ވަނީ ބޮޑުކުރެވިފައި." އޭނާ ވިދާޅުވިއެވެ.



އެހެންނަމަވެސް މިއިން އެއްވެސް ކަމަކުން ރައްޔިތުންނަށް ވީ އެއްވެސް މަންފާއެއް ނެތުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށް އައްބާސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު