އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް
އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް
އަސްކޮއި ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނެގުމަށްފަހު، އެމީހުން ނުގެންދިޔަ މައްސަލައެއް އަނެއްކާވެސް ފެންމަތިވެފައިވާތީ އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފިއެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަސްކޮއި ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި، ފުރަން އޮތް ދުވަހު ނުފުރައި، ލަނޑުދީގެން އުޅޭ ކަމުގެ މައުލޫމާތު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެހެންވެ މި މައްސަލަ ފުލުހަށް ހުށަހަޅައި ގަވާއިދާ އެއްގޮތައް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ މި ޖަމާއަތާ ގުޅޭ މިފަދަ މައްސަލައެއް ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ރޯދަމަހުގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އުމްރާއަށް ދިއުމަށް އަސްކޮއި ގްރޫޕަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފައިސާ ދައްކަމުން ގޮސް މިދިޔަ ޖެނުއަރީ 24 ގައި އެއްކޮށް ފައިސާ ދައްކައި ނިންމި، ހަ މީހުންގެ އާއިލާއަކަށް ފަހު ވަގުތު ލަނޑުދީގެން މިނިސްޓްރީން ވަނީ އެ މައްސަލަ ވެސް ބަލާފައެވެ.

މި މައްސަލަ ބެލުމަށްފަހު ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާ އަސްކޮއި އިން ހިލާފުވެފައި ވާތީ 130،000ރ. އިން ޖޫރިމަނާކޮށް، 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން މިނިސްޓްރީން އެ ޖަމާއަތަށް އެންގިއެވެ. އަދި އުމްރާ ދަތުރަށް ފައިސާ ދައްކާފައިވާ މީހުންނަށް ރިފަންޑް ދޭން ވެސް އެންގި އެވެ.



ކިޔުންތެރިންގެ ހިޔާލު