ރޭގެ އެކްސިޑެންޓްގައި ނިޔާވި އަލްސަން (ކ) މަންމަ އަޝްފާ އާއެކު
ރޭގެ އެކްސިޑެންޓްގައި ނިޔާވި އަލްސަން (ކ) މަންމަ އަޝްފާ އާއެކު
މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިނީ، މި ޙާދިސާގައި ނިޔާވި ޔޫސުފް އަލްސަން މުޙައްމަދު ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ސައިކަލް ދުއްވަން އިނީ ޢުމުރުން 17 އަހަރުގެ އަލްސަން ކަމަށާއި، ސައިކަލުގެ ފަހަތުގައި އިނީ 16 އަހަރުގެ ކުއްޖެއް ކަމަށެވެ. އޭނާގެ ހާލު ވެސް ވަރަށް ސީރިއަސް ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

އަލްސަން ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ އަލްސަންގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ. އެކްސިޑެންޓުގައި ނިޔާވި އަލްސަން އަކީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމަ އެކަނި ދަރިފުޅެވެ.

ރައީސް މިއަދު މީސް މީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އުމުރުން 17 އަހަރުގެ އަލްސަން ނިޔާވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ. އަދި އަލްސަންއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާކުރައްވައި، މަރްހޫމުގެ އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެއިތުރުން، މި އެކްސިޑެންޓުގައި ހާނީއްކަވެ ފަރުވާ ހޯދަމުންދާ ދެ ފަރާތަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުއާ ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

މާފަންނު ބަސް ޓާމިނަލް ކައިރީގައި މި އެކްސިޑެންޓު ހިނގި ވަގުތު މަގު ހުރަސްކުރަން އުޅުނު 40 އަހަރުގެ މީހާއަށްވެސް އަނިޔާވެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެއީ ބ. ތުޅާދޫއަށް ނިސްބަތްވާ އިބްރާހިމް ސިރާޖެވެ. ސިރާޖަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ބާއްވައިިގެންނެވެ. އޭނާގެ ހާލުވެސް ސީރިއަސްކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

އަލްސަންގެ ޖަނާޒާ އޮންނާނީ މިއަދުގެ އަސްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.



ކިޔުންތެރިންގެ ހިޔާލު