ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް
ޑޮލަރު އަގު މައްޗަށް ދިޔައީ އެމްއެމްއޭގެ ގަވަރުނަރު ނާޤާބިލްވުމުގެ ސަބަބުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު ޑޮލަރުގެ މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން އަޅާމުންދާ ފިޔަވަޅުތަކުގެ ރަނގަޅު ނަތީޖާއެއް ނުލިބި ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓް ވަނީ 20 ރުފިޔާއަށް އުފުލިފައެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަށްވަމުން މީސްމިޑިއާގައި ރައީސް ޔާމީން ވިދާޅުވީ، ޑޮލަރުގެ އަގު އުފުލުމުގެ ސަބަބުން އިގްތިޞާދަށާއި، ކޮންޒިއުމާ މާކެޓު ކަމަށްވާ، އާންމު ފަރުދުން މުދަލާއި ޚިދުމަތް ގަތުމަށް ކުރާ ވިޔަފާރިއަށް ނޭދެވޭ އަސަރުކުރަމުންދާ ކަމަށެވެ.

ހަމައެއާއެކު ރާއްޖޭން މިއަހަރު ދަރަންޏަށް 500 މިލިއަން ޑޮލަރު އަދި އަންނަ އަހަރު 1.2 ބިލިއަން ޑޮލަރު ދައްކަން ޖެހޭނެކަން ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ. އަދި ޑޮލަރުގެ އަގު 20 ރުފިޔާއަށް ބޮޑުވުމަކީ ގަވަރުނަރުގެ ނާގާބިލުކަމާއި ބޭރު ފައިސާއާ ގުޅޭގޮތުން އެމްއެމްއޭއިން މިހާރު އެކުލަވާލާފައިވާ ސިޔާސަތުތަކުން މާ ބޮޑު ހެޔޮ އަސަރެއް ނުކުރާކަން ހާމަވާ ކަމެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އޭގެއިތުރުން ރައީސް ޔާމީން ވަނީ އަނެއްކާވެސް ގަރުދިޔައާއި ބަތާ ކައްކައިގެން އުޅެންޖެހޭ ހާލަތު ބައްދަލުކުރީތޯ ސުވާލު އުފައްދަވާފައެވެ.



ޑޮލަރުގެ މައްސަލާގައި ރައީސް ޔާމީން ކަންބޮޑުވުން ފާޅުކުރަށްވާފައިވާއިރު، ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރަށް ފަހު ޑޮލަރެެއްގެ އަގު 20 ރުފިޔާއަށް އުފުލުނު މީ ފުރަތަމަ ފަހަރެވެ.

ދާދި ފަހުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ޑޮލަރުގެ އަގު މަތި ނުވާނެ ކަމަށާއި ދެން ދާނީ ތިރިއަށް ކަމަށެވެ. މިދިޔަ އޭޕްރީލް މަހު ރައީސް މުއިއްޒު ވަނީ ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރެވި، ޑޮލަރެއްގެ އަގު ބޭންކް ރޭޓަށް 2027 ނިމުމުގެ ކުރިން ދަށްކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު