ޕީއެންސީގެ މަޖިލީސް ލީޑަރޝިޕް
ޕީއެންސީގެ މަޖިލީސް ލީޑަރޝިޕް
ޑޮލަރާ ގުޅޭ އުސޫލުތައް ކުއްލިކުއްލިއަށް ބަދަލުކުރާތީ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައެޅި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.

އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހަށް މިއަދު ހުށައެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ، ސަރުކާރަށް ބޭރު ފައިސާ މާރުކުރުމާއި ބޭރު ފައިސާއިން މުއާމަލާތް ކުރުމުގެ އުސޫލުތަކަށް ގެންނަމުންދާ ކުއްލި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރު ލިބުން އިތުރަށް ދަތިވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އަދި އެކަންކަމަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނާއި އެކިއެކި ބޭނުންތަކުގައި ބޭރަށް ދަތުރުކުރާ ރައްޔިތުންނަށް ބޮޑު ތަކުލީފެއް ކުރިމަތިވާނެ ކަންކަން ކަމަށް މައްސަލައިގައިވެއެވެ.

ހަމައެއާއެކު އެކަމުގެ ސަބަބުން މުދަލާއި ޚިދުމަތުގެ އަގުތައް އިންތިހާއަށް އުފުލުމާއި، ޑޮލަރު ނުލިބުމުގެ ސަބަބުން ބައެއް މުދާ އިމްޕޯޓްކުރުން ވިޔަފާރިވެރިން ހުއްޓާލަން ޖެހި، ރާއްޖެއިން ގިނަ ބާވަތްތަކުގެ އަސާސީ ތަކެއްޗާއި ކާބޯތަކެތި އިތުރަށް އަގު ބޮޑުވުން ނުވަތަ ލިބުން ދަތިވުން ނުވަތަ ބައެއް ތަކެތި ހުސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

މައުރޫފް ހުށައެޅުއްވި މި ކުއްލި މައްސަލަ ބަލައިގަންނަން މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން، ބަހުސް ކުރުމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. އަދި މައްސަލައާ ދެކޮޅަށް ޕީއެންސީގެ 29 މެންބަރުން ވޯޓު ދެއްވައި މައްސަލަ ވަނީ ބޭރުކޮށްފައެވެ.

މި މައްސަލަ ޕީއެންސީގެ މެންބަރުން މަޖިލީހުން ބޭރުކޮށްފައިވާއިރު، އިއްޔެ ބީއެމްއެލްއިން ވަނީ ޑެބިޓް ކާޑުތަކަށް ދެމުން އައި 250 ޑޮލަރުގެ ލިމިޓް މިއަދުން ފެށިގެން 500 ޑޮލަރަށް އިތުރުކޮށް، އޮންލައިންކޮށް ޑޮލަރުން ތަކެތި ގަންނަން އެންމެ ގިނައިން ބޭނުންކުރާ ޓީމޫ އާއި ޝީއިން ފަދަ ވެބްސައިޓްތަކަށް ފައިސާ ދައްކާއިރު 30 އިންސައްތައާ ހަމައަށް ފީއެއް ނަގަން ނިންމައިފައެވެ.

މީގެ އިތުރުން ރާއްޖޭން ބޭރުގައި އޭޓީއެމްއަކުން ނަގުދު ފައިސާ ނެގޭނެ އަދަދު މަހަކު 750 ޑޮލަރުން 125 ޑޮލަރަށް ކުޑަކޮށް، އޭޓީއެމްއިން ފައިސާ ނެގުމުން ޗާޖްކުރެވޭ އަދަދު 10 ޑޮލަރަށް ބޮޑުކޮށްފައެވެ. މީގެ ކުރިން އެގޮތަށް ނަގަމުން އައީ 100 ރުފިޔާއެވެ.

އޭގެ ކުރިން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު މަރުކަޒީ ބޭންކުން އެކުލަވައިލި ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން، ބޭންކުތަކަށް ކޮންމެ ހަފުތާއަކު ލިބޭ ބޭރު ފައިސާގެ 60 ޕަސެންޓް، ޖެހިގެން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން، އެ ބޭންކަކުން އެމްއެމްއޭގައި މާރު ކުރަން ޖެހޭނެއެވެ. އަދި ފަހުން އެމްއެމްއޭއިން ވަނީ އެ އަދަދު 60 ޕަސެންޓުން 90 ޕަސެންޓަށް އިތުރުކޮށްފައެވެ.

ޑޮލަރުގެ އަގު ހަމައަގަށް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެގޮތުން މިދިޔަ އޭޕްރީލްމަހު ރައީސް ވިދާޅުވީ 15.42 ގެ ރޭޓަށް ޑޮލަރުގެ އަގު ތިރިކުރެވޭނީ 2027 ގައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު