ދަޢުލަތުގެ ބަޖެޓް
ދަޢުލަތުގެ ބަޖެޓް
މިއަހަރުގެ މިހާތަނަށް ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކުރި މިންވަރު ދަށްވި ނަމަވެސް، ދަޢުލަތުގެ ޢާމްދަނީ އިތުރުވެފައިވާކަމަށް ދަޢުލަތުގެ މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު ތަރައްޤީގެ މަޝްރޫއުތަކަށް ހޭދަކުރި މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ، ދެ ބިލިއަން ރުފިޔާ ދަށަށް ގޮސްފައެވެ. މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައަޅާފައި ވަނީ 12.4 ބިލިއަން ރުފިޔާއެވެ.

ނަމަވެސް މިދިޔަ މެއި މަހުގެ 29ގެ ނިޔަލަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ހޭދަކޮށްފައި ވަނީ 1.4 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 3.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މިއަހަރު ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކުރި މިންވަރު ދަށްވި ނަމަވެސް މި މުއްދަތުގައި ދަޢުލަތުގެ ޢާމްދަނީ ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ 16.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ފާއިތުވި އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 7.6 އިންސައްތައިގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ދަޢުލަތަށް ލިބުނު ޖުމުލަ އާމްދަނީގެ ތެރެއިން 78.4 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއެވެ.

އޭގެއިތުރުން، މިއަހަރަށް ލަފާކުރި ބަޖެޓުގައި ދަޢުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީގެ 41.6 އިންސައްތަ މިހާރު ލިބިފައިވާއިރު، ހަރަދުގެ ގޮތުގައި ރެކޯޑު ކޮށްފައިވަނީ އަންދާޒާކުރި ހަރަދުގެ 31.1 އިންސައްތައެވެ.



ކިޔުންތެރިންގެ ހިޔާލު