ރާއްޖޭގެ ރަށެއްގެ މިސްކިތެއް (ފޮޓޯ: ސޯޝަލް މީޑިއާ)
ރާއްޖޭގެ ރަށެއްގެ މިސްކިތެއް (ފޮޓޯ: ސޯޝަލް މީޑިއާ)
ޒުވާނުންނަކީ ގައުމު ދިފާއު ކުރުމުގައި އިސް ސަފުގައި ތިބޭނެ ވަރުގަދަ ފަހުލަވާނުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޒުވާންކަން ހެޔޮގޮތުގައި ބޭނުން ކުރުމުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ޚުތުބާގައި ބުނީ ގައުމަށް ދިމާވާ ކޮންމެ ނުރައްކާތެރި ވަގުތެއްގައި ގައުމު ދިފާއު ކުރުމުގައި އިސް ސަފުގައި ތިބޭނެ ވަރުގަދަ ފަހުލަވާނުންނަކީ ޒުވާނުން ކަމަށެވެ. އަދި ހަރުދަނާ އީމާންތެރި ޒުވާނުންނަކީ އެމީހުންގެ ނަފުސާއި މުދަލުން ވެސް ދީނާއި ގައުމަށްޓަކައި ގުރުބާންވާނެ ބައެއް ކަމަށާއި، ﷲ ގެދީން ޙިމާޔަތްކޮށް، އެ ދީނަށް ނަޞްރު ދީ، އަދި އިސްލާމީ އުއްމަތް ބިނާކުރުމުގައި ޒުވާނުން އަދާކޮށްފައި ވަނީ، ތާރީޚު ފަޚްރުވެރިވާ ފަދަ ދައުރެއް ކަމަށެވެ.

ޚުތުބާގައި ބުނީ ޒުވާނުން އިސްލާމް ދީނަށް ލޯބި ޖައްސައި، އިސްލާމްދީނުގެ މަތިވެރި އަސާސް ތަކުގެ މަތީގައި ދިރިއުޅޭން ދަސްކޮށްދޭން ޖެހޭ ފަދައިން، ޒުވާނުންގެ ހިތްތަކުގައި، ގައުމީ ލޯބި އާލާކޮށް ދިރުވަން ޖެހޭ ކަމަށެވެ. ޒުވާނުންނަކީ ގައުމު އެއުރެންނާ މެދު ފަޚުރުވެރިވާ ބަޔަކަށް ހެދުމުގައި، މައިންބަފައިން އެއުރެންގެ ޒިންމާ ފުރިހަމަ ގޮތުގައި އުފުލަންޖެހޭ ކަމަށާއި، އަދި މިނޫނަސް އެންމެހާ ޒިންމާދާރު ފަރާތްތަކުން އެ ޒިންމާ އުފުލަންޖެހޭ ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އެންމެ އިސްކަމެއްގެ ގޮތުގައި ޒުވާނުން އިސްލާމީ އަގީދާ އާއި، މަތިވެރި އަހުލާގެއްގެ މަތީގައި ތަރުބިއްޔަތު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އިސްލާމް ދީނުގައި ޒުވާނުންނަށް މަތިވެރި މަގާމެއް ދީފައިވާ ކަން ފާހަގަކޮށް ޚުތުބާގައި ބުނީ ޒުވާނުންނަކީ ގައުމެއްގެ އެންމެ އަގު ބޮޑު ރައުސުލްމާލު ކަމަށާއި، ގައުމެއް ތަރައްގީވެ، ކުރިއަރައި ދިއުން ބިނާވެފައި ވަނީ، ގައުމުގެ ޒުވާނުންގެ ހުނަރާއި، ސުލޫކާއި އެ މީހުންގެ ހަރުދަނާ އަގީދާގެ މައްޗަށް ކަމަށެވެ. އަދި ގައުމުގެ މުސްތަގުބަލަށް ކުރެވޭ އުއްމީދުތަކުގެ ހަގީގީ މޭސްތިރިންނަކީ އެ ގައުމެއްގެ ޒުވާނުންކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ އިސްލާމް ދީނުގައި ޒުވާނުންނަށް ރަނގަޅު އިސްލާމީ ތަރުބިޔަތެއް ދީ، ހަރުދަނާ ގާބިލު ބަޔަކަށް ހެދުމަށް ވަރަށް ބޮޑަށް ބާރު އަޅާފައިވާ ކަމަށެވެ.

ޒުވާންކަމަކީ އިންސާނާގެ އުމުރުގެ އެންމެ މުހިންމު ބައި ކަމަށް ވުމާއެކު، އިންސާނާގެ އުމުރުފުރާގެ ތެރެއިން ޒުވާންކަމަކީ ބޮޑުވެގެންވާ ނިއުމަތެއް ކަމަށާއި، އެ ޒުވާންކަން ހޭދަކުރި ގޮތާ ބެހޭގޮތުން ޚާއްސަ ގޮތެއްގައި ސުވާލުވެވޭނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި ވަކިން ޚާއްސަކޮށް ޒުވާންކަން ހޭދަކުރި ގޮތާބެހޭ ގޮތުން ސުވާލު ކުރެވޭނެކަން ބަޔާންކޮށްފައިވާތީ، ޒުވާންކަމަށް ދެވިފައިވާ އަހައްމިއްޔަތާއި، އެކަމުގެ ބޮޑުކަން ވަޒަންވެގެންދާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނެފައިވަނީ އިސްލާމްދީން ގޮވާލަނީ ޒުވާންކަމުގެ އުމުރު މާތްﷲއަށް ކިޔަމަންގަތުމުގައި ހޭދަ ކުުރުމަށް ކަމަށެވެ. އަދި ހަމަ އެހެންމެ އަޅުކަން ކުުރުމުގައި ހެދިބޮޑުވަމުން އަންނަ ޒުވާނާއަށް ﷲ ތައާލާ ޤިޔާމަތް ދުވަހުން ވަރަށް މަތީ ދަރަޖައަކާއި ޝަރަފެއް ދެއްވާނެ ކަމަށްވެސް ޚުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން