އަޔަރލެންޑްގެ ބޮޑުވަޒީރު ލިއޯ ވަރާޑްކަރް
އަޔަރލެންޑްގެ ބޮޑުވަޒީރު ލިއޯ ވަރާޑްކަރް
ދުނިޔޭގައި މިހާރު ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހާއި ގުޅިގެން އަޔަރލެންޑްގެ ބޮޑުވަޒީރު ލިއޯ ވަރާޑްކަރް އަލުން ޑޮކްޓަރެއްގެ ގޮތުގައި ޞިއްޙީ ޚިދުމަތަށް ނުކުންނަވަން ނިންމެވިކަން އިއުލާނުކުރައްވައިފިއެވެ. އަޔަރލެންޑްގެ ޤާނޫނުހަދާ މަޖިީހަށް އިންތިޚާބު ކުރުމުގެ ކުރިން ވަރާޑްކަރްވަނީ ޞިއްޙީ ދާއިރާގައި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.

ލިއޯ ވަރާޑްކަރަކީ އިންޑިއާގެ ޑޮކްޓަރަކާއި އަޔަރލެންޑްގެ ނަރުހަކަށް ލިބިފައިވާ އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ބޭފުޅެކެވެ. މިހާރު އުމުރުން 41 އަހަރުފުގެ ވަރާޑްކަރް ޞިއްޙީ ދާއިރާ ދޫކުރައްވައި ސިޔާސީ ދާއިރާއާއި ގުޅިވަޑައިގެންނެވީ 2013 ވަނަ އަހަރުގައެވެ. އޭގެ އެއް އަހަރު ފަހުން އޭނާ ވަނީ ހެލްތު މިނިސްޓަރުގެ މަގާމު ވެސް އަދާ ކުރައްވާފައެވެ.

އޭނާ އަލުން ޑޮކްޓަރެއްގެ ގޮތުގައި ޞިއްޙީ ދާއިރާގައި މަސައްކަތް ކުރެއްވުމަށް ވޮލަންޓިއަރ ކުރެއްވީ ހުސްވި މާޗް މަހުގައި ކަމަށް އައިރިޝް ޓައިމްސްގައި ރިޕޯޓުކޮށްފައި ވެއެވެ. އޭނާ އަލުން ޞިއްޙީ ދާއިރާއާއި ގުޅިވަޑައިގެންނެވީ މިހާރު ފެތުރެމުންދާ ކޯވިޑް-19 ގެ ރޯގާ ބަލިމަޑުކަމާއި ގުޅިގެން ކުރީން ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުން ޚިދުމަތަށް ނުކުމެ ވަޑައިގެންނެވުމަށް ޞިއްޙީ ދާއިރާގެ އިސް ފަރާތްތަކުން ގޮވާލުމާއި ގުޅިގެންނެވެ.

އައިރިޝް ޓައިމްސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ވަރާޑްކަރް މަސައްކަތްކުރައްވާނީ ޝިފްޓް އުސޫލުންނެވެ. އަދި މަސައްކަތް ކުރައްވާނީ އޭނާގެ ސިއްހީ ތަޖުރިބާއާއި ގުޅޭ ދާއިއާއެއްގައެވެ.

އަޔަރލެންޑްގައި މިހާތަނަށް 4,994 މީހުން ބައްޔަށް ޕޮޒިޓިވްވެ، 158 މީހުންވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން