ކުޅިވަރުގެ ތެރެއަށް ސަރުކާރާއި މަޖިލީހާއި ކޯޓުތަކުން ނުފޫޒު ފޯރުވާނަމަ ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑު ކޮށްފާނެކަމަށް ބިރު ހީވާނަމަ ވޮލީ އިންތިޚާބުގެ ތެރެއަށް ޔޫތު މިނިސްޓްރީން ވަނީ ކޮން ނިޔަތެއްގައިތޯ ވިދާޅުވެ ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް، މިނިސްޓަރ މަހުލޫފާއި ސުވާލު ކުރައްވައިފިއެވެ.

ޓީޓީ އިންތިޚާބު ކޯޓަށް ގޮސް ހުއްޓުވުމަށް މިހާރު ކުރަމުންދާ މަސައްކަތާމެދު ކަންބޮޑުވުންފާޅުކުރައްވައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓަކާއި ގުޅިގެން އުޝާމް ވިދާޅުވީ ކުޅިވަރުގެ ތެރެއަށް ސިޔާސީ ނުފޫޒު ޚާއްސަކޮށް ސަރުކާރުގެ ނުފޫޒު ނުވަންނަ ގޮތަކަށް ކަންކަން ބައްޓަން ކުރުމަކީ ރަނގަޅު ގޮތެއްކަމަށެވެ. ނަމަވެސް ވަކި އިންތިޚާބެއް ބާއްވާއިރު ނުފޫޒު ފޯރުވައި ވަކި އިންތިޚާބަކަށް ނުފޫޒު ނުފޯރުވާނެކަމަށް ވިދާޅުވުމުން އެކަން ދެކޮޅު ނުޖެހޭކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ މިއަދު ޓީޓީ އިންތިޚާބުގެ ކަންކަން ދާގޮތާއި މެދު ހިންހަމަނުޖެހިގެން ބައެއް ފަރާތްތަކުންކޯޓަށް ދާން ނިންމުމުން އެކަމާއި ކަންބޮޑުވާއިރު، ވޮލީ އިންތިޚާބާއިމެދު ހިތްހަމަ ނުޖެހިންގެ ކޯޓަށް ދާން ނިންމުމުން މައްސަލައަކަށް ނުވިކަމަށެވެ. އަދި މިހާރުވެސް ވޮލީގެ އިންޓަރިމް ކޮމިޓީއަކާއި ހަވާލުވެ އިންތިޚާބެއް ނުބޭއްވި އެއް އަހަރު ފާއިތުވެ ގޮސްފައިވާއިރު މިކަމާއި އަޅާލާތަން ނުފެންނަ ކަމަށެވެ.

"ރަނގަޅު ވާހަކައެއް. އެކަމު ވޮލީބޯޅަ އެސޯސިއޭޝަންގެ އިންތިޚާބަށް ސަރުކާރުން ވަދެ ނުފޫޒު ފޯރުވާ ހެދިއިރު ތިގޮތަށް އަމަލު ކުރެއްވިނަމަ ރަނގަޅުވީސް. ވޮލީބޯޅަ އެސޯސިއޭޝަން އިންތިޚާބަށް ނުފޫޒު ފޯރުވާ، އިންޓަރިމް ކޮމިޓީއަކާއި އެ އެސޯސިއޭޝަން ހަވާލުކުރިތާ 1 އަހަރުވަނީ. އަދިވެސް އެމައްސަލަ ހައްލުނުވޭ." އުޝާމް ވިދާޅުވިއެވެ.

ސްޕޯޓްސް ކޮމިޝަނުން ވީއޭއެމްގެ އެކްސްކޯ އުވާލައި އެ އެސޯސިއޭޝަންގެ ހިންގުން އިންޓަރިމް ކޮމިޓީއަކާއި ހާވަލުކުރަން ނިންމައި ފަސް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލީ މިދިޔަ އަހަރުގެ ޖޫން މަހުގެ 10ވަނަ ދުވަހުއެވެ. އަދި އިންޓަރިމް ކޮމިޓީގެ މަސައްކަތަކަށް ވެގެންދާނީ ވީއޭއެމްއާއި ގުޅޭގޮތުން ބަލަމުންދާ މައްސަލަތައް ދިރާސާކޮށް، އައު އިންތިޚާބެއް ބާއްވާ އައު އެކްސްކޯއެއް އެކުލަވާލުންކަމަށް އެ ކޮމިޓީންވަނީ މީގެކުރިން ބުނެފައެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ މައްސަލާގައި ކުޅިވަރާއިބެހޭ ވަޒީރު އަހުމަދު މަހުލޫފް ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވީ ޒުވާން ޓީޓީ ޓީމުން މިދިޔަ އަހަރު ގައުމަށް ރަން ވަނަތަކެއް ހޯދައިދީފައި ވާއިރު، އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަނުން ރާއްޖެ ސަސްޕެންޑް ކޮށްފާނެކަމުގެ އިންޒާރުގެ ކޮޕީއެއް މިނިސްޓަރަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. މަހުލޫފް ވިދާޅުވީ ސަރުކާރާއި މަޖިލީހާއި ކޯޓުތަކުން ކުޅިވަރުގެ ތެރެއަށް ވަންނަނަމަ ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑް ކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.

"ޒުވާން ޓީޓީ ޓީމް މިދިޔަ އަހަރު ރާއްޖެއަށް ރަންވަނަތަކެއް ހޯދާފައިވާއިރު، އައިޓީޓީއެފްއިން ރާއްޖެ ސަސްޕެންޑް ކޮށްފާނެ ކަމުގެ އިންޒާރުގެ ސިޓީގެ ކޮޕީއެއް އަޅުގަނޑަށްވެސް ވަނީ ލިބިފަ. ސަރުކާރު، މަޖިލިސް އަދި ކޯޓްތައް ކުޅިވަރު ތެރެއަށް ވަންނަނަމަ ކުޅިވަރުތައް ސަސްޕެންޑް ކުރުމުގެ ފުރުސަތު ބޮޑު" މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

ސިވިލްކޯޓަށް ހުށަހަޅާފައިވާ ޓީޓީއޭއެމްގެ މައްސަލައަކީ އެސޯސިއޭޝަންގެ ކުރިއަށް އޮތް އިންތިޚާބަކީ، ކޮމިޝަނާ އޮފް ސްޕޯޓްސްއާ ކުޅިވަރާބެހޭ ގައުމީ މަޖިލީހާ އެކުގައިވެސް މިނިވަން އިންސާފުވެރި އިންތިޚާބެއްގެ ގޮތުގައި ޓީޓީއޭއެމްގެ އިންތިޚާބު ބޭއްވިދާނެކަމަށް ގަބޫލުނުކުރެވޭކަމަށްބުނެ އިންތިޚާބުގައި ފަރުދީ މެމްބަރ ރިޕްރެޒެންޓޭޓިވްގެ މަގާމަށް ވާދަކުރައްވާ އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) އާއި އެކްސްކޯގެ އިތުރު ދެމެންބަރަކު ހުށަހެޅުއްވި މައްސަލައެކެވެ.

ޓީޓީއޭއެމްގެ އިތުރުން ފާއިތުވި އަހަރެއްހާ ދުވަހުގެތެރޭގައި ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ގިނަ އިންތިޚާބުތަކާއި ދިމާކޮށް މިފަދަ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. ދާދިފަހުން އެފްއޭއެމްގެ އިންތިޚާބު ކޮމިޝަނާ އޮފް ސްޕޯޓްސްއިން ބަލައިގަތްއިރު، އިންތިޚާބު ބޭއްވުމާއި ހަމައަށްވެސް ފީފާއާއި އޭއެފްސީން އެފްއޭއެމް ސަސްޕެންޑް ކުރާނެކަމަށް އެތައް ފަހަރެއްގެ މަތިން އިންޒާރުދިންކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.

ވޮލީބޯޅަ އެސޯސިއޭޝަން ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތްއިރު، ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރާނަމަ އެފްއައިވީބީ އާއި އޭވީސީން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށްވެސް ވީއޭއެމްއިން އޭރު ދިޔައީ ބުނަމުންނެވެ. ނަމަވެސް އެސޯސިއޭޝަން ގާނޫނީ ގޮތުން ހުސްކަމެއްގެ ތެރޭގައި އޮންނަތާ މިހާރު އަހަރަކަށްވުރެ ގިނަދުވަސް ވަނީ ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން