އަޅުގަނޑުމެން އެންމެންނަކީ ޤައުމުގެ މުސްތަޤުބަލާ މެދުގައި ޤައުމީ ވިސްނުމެއްގައި ވިސްނަވައި، އިސްލާމުން ކަމުގައި ވީތީ އަޅުގަނޑުމެންގެ މައްޗަށް އޮތް ޒިންމާގެ މަތީން ހަނދާންކޮށް، އެކަތިގަނޑަކަށްވެ، ޤައުމައިގެން ކުރިއަށްދާ ބަޔަކަށް ވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެންމެހައި ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ.

ރައީސް މުޢިއްޒު މިފަދައިން އިލްތިމާސްކުރެއްވީ، ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ދިއްދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ހުރިހާ ރައްޔިތުން އެކުވެރިކަމާއެކު ކުރިއަށް ވަޑައިގަތުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާ ގޮތްކަމަށެވެ. ރައީސް ވަނީ، ހުރިހާ ރައްޔިތުންވެސް ހެޔޮ ގޮތުގައި ކަންކަމާ މެދު ވިސްނެވުމަށް އެދިވަޑައިގެންފައެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރަށުގެ ތަރައްޤީއަށްޓަކައި ކުރާ ކަންކަމީ އެ ރަށަކުން ގެންދެވޭނެ އެއްޗެއް ނޫން ކަމަށާއި، ސިޔާސީ ކޮންމެ ފިކުރެއްގެ މީހެއް ކަމުގައި ވީ ނަމަވެސް އެކަމުގެ ފައިދާ އޮތީ ރަށުގައި ތިއްބެވި ރައްޔިތުންނަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ކުރިފުޅުމަތީގައި ހުރިހާ ރައްޔިތުންވެސް ހަމަހަމަކަމަށާއި، ސަރުކާރުން ދޭ ޚިދުމަތްތަކުގައި ތަފާތު ކުރުމެއް ނުގެންގުޅުއްވާ ކަމަށެވެ. އަދި ޚިޔާލު ތަފާތު ވެދާނެ ކަމަށް ވިދާޅުވެ، ރައީސް ވަނީ ތަފާތު ޚިޔާލުތައް ފާޅުކުރެއްވުމަށް ފުރުޞަތު އޮތްކަން ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ޤާނޫނު އަސާސީއިން ކޮންމެ ރައްޔިތަކަށް ލިބިދޭ ޙައްޤެއް، އޭގެ އެންމެ ފުރިހަމަ މިނުގައި ލިބިދީފައި އޮތުމީ އެ މަނިކުފާނުގެ ސަރުކާރުން މިއަދާ ހަމައަށްވެސް ތަންފީޒު ކުރައްވަމުން ގެންދެވި ސިޔާސަތު ކަމަށެވެ. އެގޮތުން ބަދަލު ހިއްޕެވުމުގެ ރޫޙެއްގައި ކަމެއް ކުރައްވާފައި ނުވާނެ ކަމަށާ، އެދިވަޑައިގަންނަވަނީ ޤައުމަށް ހަމަޖެހުން ލިބުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ސިޔާސީ ގޮތުން އަނިޔާވެރިވާ މަންޒަރެއް، އެ މަނިކުފާނުގެ ކިބައިން ކުރިއަށް އޮތްތަނުގައިވެސް ފެނިގެންނުދާނެ ކަމުގެ ޔަޤީންކަން، ރައީސް ވަނީ ދެއްވާފައެވެ. އަދި އެ މަނިކުފާނާ ދިމާއަށް، އަދި ސަރުކާރާ ދިމާއަށް ކިތަންމެ އެއްޗެއް ކިއެއްކަމަކު، ދިވެހިރާއްޖެއަކީ މާތްވެގެންވާ އިސްލާމް ދީނުގެ މަތީގައި ބިނާވެފައިވާ ޤައުމެއްކަމުން، އިސްލާމް ދީން ގެނެސްދީފައިވާ ހަމަތަކަކީ އެންމެންވެސް ޤަބޫލުކުރަންޖެހޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ކޮންމެ ރައްޔިތަކީ ހުރުމަތްތެރިވެގެންވާ، އަދި ޢަބުރެއް އޮތް ރައްޔިތެއް ކަމަށް ޤަބޫލުކޮށް، ސިޔާސީ ފިކުރު ތަފާތު ވުމަކީ އަނެކާ ކުޑައިމީސް ކުރުމުގެ ޙައްޤު ތަނަވަސްކޮށްދޭ ކަމެއް ނޫންކަން ޤަބޫލުކުރަންޖެހޭ ކަމަށާއި ޤައުމުގައި ހަމަޖެހުން ޤާއިމުވެގެންދާނީ، އަދި ޤައުމަށް ކުރިއެރުން އަންނާނީ މި ފިކުރު، ފަރުދީ ފެންވަރުގައި ކުރާނެ ބަޔަކު ތިބި ދުވަހަކުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކޮންމެ ރައްޔިތަކީވެސް ޤާނޫނަކުން މަނާ ނުވާ ކޮންމެ ކަމެއް ކުރުމުގެ ޙައްޤު ލިބިގެންވާ ރައްޔިތެއް ކަމަށާއި ސަރުކާރަށް އޮތީ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުން ކަމަށެވެ. އަދި އެ މަނިކުފާނުގެ ސަރުކާރު ދެމި އޮންނާނީ އެގޮތުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މާތް ﷲ ސުބްޙާނަހޫވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވި ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްވެސް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު