ފައިސާގެ މުއާމަލާތްތައް ކުރާއިރު، އެ މުއާމަލާތް ކުރަނީ އެކައުންޓުގެ ވެރިފަރާތްކަން ދެނެގަތުމަށް ބޭނުންކުރާ އޮތެންޓިކޭޝަން މެތަޑްގެ އާ ބާވަތެއް ކަމަށްވާ 'ފްލޭޝް ކޯލް' މެދުވެރިކޮށް ސްކޭމްކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ އެ ޓެކްނޮލޮޖީ އުފެއްދި ފަރާތުން އެއީ އޯޓީޕީއަށްވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅު އޮތަންޓިކޭޝަން މެތަޑެއް ކަމަަށް ބުނާ ކަމަށެވެ. އެ ބަދަލާއެކު ސްކޭމްގެ ޝިކާރައަކަށްވާ މީހުންގެ އަދަދު އަނެއްކާ ވެސް އިންތިހާއަށް އިތުރުވާނެ ކަމުގެ ކަންބޮޑުވުން ފުލުހުން ވަނީ ފާޅުކޮށްފައެވެ.

ފްލޭޝް ކޯލްސްއަކީ ކީއްކުރާ، ކޮންގޮތަކަށް މަސައްކަތްކުރާ އެއްޗެއްކަން ގިނަ ބަޔަކަށް ނޭނގުމުގެ ސަބަބުން ފްލޭޝް ކޯލް ސްކޭމްގެ ޝިކާރައަކަށް ވަމުންދާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވާކަން ފުލުހުން ބުނެއެވެެ.

ފުލުހުން އިތުރަށް ބުނީ ގިނަ ކުންފުނިތަކުން ފްލޭޝް ކޯލްސް އޮތަންޓިކޭޝަން މެތަޑް ޚިޔާރުކުރަން ފަށާފައިވަނީ އޯޓީޕީ އަކީ އެސްއެމްއެސްގެ ޒަރީއާއިން ލިބޭ ޓެކްސްޓް މެސެޖަކަށްވާތީއާއި، ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ފަރާތްތަކުން އޯޓީޕީ އެސްއެމްއެސްއަށް ކަސްޓަމަރު އަތުން އަގެއް ނަގާތީ ކަމަށެވެ. މީގެ އިތުރުން އެސްއެމްއެސްގެ ޒަރީއާއިން އޯޓީޕީ ފޮނުވުމުން އޯޓީޕީ ރައްދުވާ ފަރާތަށް އޯޓީޕީ ރައްދުވުމުގައި ވެސް ލަސްތަކެއް އުޅޭތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ފްލޭޝް ކޯލްސްއަކީ ފޯން ކޯލެއްގެ ޒަރިއްޔާއިން އަންނަ އޮތަންޓިކޭޝަން ޓެކްނޮލޮޖީއެއް ކަމަށާއި ފްލޭޝް ކޯލްސް އަގުހެޔޮވެފައި އަވަސްވުމުގެ އިތުރުން މި ކޯލަކީ ކަސްޓަމަރުގެ ފޯނަށް ޚިދުމަތްދޭ ކުންފުނިން ކުރާ ފޯން ކޯލެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެެ.

އަދި ގުޅާ ނަންބަރު ނުވަތަ މިސް ކޯލް ލިބޭ ނަންބަރުގެ ފަހު އަކުރުތަކަކީ އޮތަންޓިކޭޝަން ކޯޑު ކަމަށާއި މި ކޯޑު އިތުރު އެއްވެސް ފަރާތަކާ ހިއްސާކޮށްފިނަމަ އެ ހިއްސާކުރެވެނީ ހަމަ އޯޓީޕީއާ އެއްވަރުގެ ކޯޑެއް ކަމަށް ފުލުހުން ބުންޏެވެެ. އަދި އެތައް ކުންފުންޏަކުން އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ބޭނުންކުރަން ފަށާފައިވާއިރު، ސްކޭމްކުރަން ގެންގުޅޭ އުކުޅުތައްވެސް ބަދަލުކޮށްފައި ވާކަމަށާއި އެކިއެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފްލޭޝް ކޯލްގެ ނަންބަރު ހޯދައި އެކައުންޓުތައް ހިސޯރުކުރަން ފަށާފައި ވާކަން ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން ތިމާގެ ފޯނަށް ލިބޭ ކޯޑެއްގެ އިތުރުން ގުޅާފައި އޮންނަ ނަންބަރެއް ވެސް އަދި މިސްކޯލެއް ލިބިފައި އޮތް ނަންބަރެއް ވެސް ހިއްސާ ނުކުރުމަށް ފުލުހުންއިލްތިމާސް ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު