ރާއްޖޭގައި ކުޑަކުދިން ކުށްތަކަށް އަރައިގަންނަ ސަބަބުތައް ހޯދުމަށްޓަކައި ދިރާސާއެއް ކުރަމުގެ މަސައްކަތް ކުރަމުންދާކަމަށް ޑިޕާޓްމެންޓް އޮފް ޖުވަނަލް ޖަސްޓިސްގެ ޑިރެކްޓަރ ޖެނެރަލް ހުނާނާ ލަތީފް ވިދާޅުވެއްޖެއެވެ.

ޑިރެކްޓަރ ޖެނެރަލް ހުނާނާ ލަތީފް ވިދާޅުވީ ކުޑަކުދިން ކުށުގެ މާހައުލަށް ހުށަހެޅި ކުށްތަކަށް އަރައިގަތުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާ ހެދުމަކީ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމަށާއި އެގޮތުން ދިރާސާ ހެދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ.

ކުޑަކުދިންގެ އަދުލުގެ ޤާނޫނު ވުޖޫދުވުމަކީ ރަނގަޅު މެކޭނިޒަމެއް މީގެ ތެރޭގައި ހިމެނިގެން ދިޔުން ކަމަށާއި އެހެންކަމުން މީގެ ކުރިން ހުށަހެޅެމުންދިޔަ ތަފާސްހިސާބުތަކަށް ބަލާއިރު އަދަދު މަދުވެފަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ކުޑަކުދިންގެ އަދުގެ ޤާނޫނަކީ ކުޑަކުދިންނަށް ޚާއްސަ އަދި ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ވަރަށް ބާރުއަޅާ ނިޒާމެއްގެ ގޮތުގަ މިއޮންނަނީ. އެހެންކަމުން ތަފާސްހިސާބުތަކަށް ބަލާއިރު ކުޑަކުދިން ކުށްތަކަށް ހުށަހެޅޭ އަދަދު ބަދަލުވުމަކީ އެކަށީގެންވާ ކަމެއް. އެހެންނަމަވެސް އަޅުގަނޑުމެން ރަނގަޅު ދިރާސާއެއް ހެދީމަ އެނގޭނީ ކުދިން ކިހާ ހިސާބެއްގައިކަން ކުށްތަކަށް އަރައިގަންނަނީ. މުޖުތަމަޢުއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފި“ ޑީޖޭޖޭގެ ޑިރެކްޓަރ ޖެނެރަލް ހުނާނާ ލަތީފް ވިދާޅުވިއެވެ.

ހުނާނާ ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ޤާނޫނެއް ފާސްވެގެން އައީ 2019 ވަނަ އަހަރުގައިކަމަށާއި ޕްރޮސެސްގެ ތެރެއިންދާ ކަމަށްވާނަމަ ކުޑަކުދިން ކުށްތަކަށް ހުށަހެޅޭ މިންވަރު މަދު ކަމަށެވެ. އެއީ އަދުލުގެ ނިޒާމު ބައްޓަން ކުރެވިފައިވާ ގޮތުން އައި ބަދަލެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު