ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރަން ޖަޕާނުން އެހީވުމަށް ޝައުގުވެރިކަން ހުރިކަން ފާޅުކޮށްފިއެވެ. މިކަން ހާމަކޮށްފައި ވަނީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނަރޖީ އޮނަރަބަލް ޠާރިޤް އިބްރާހީމް، ޖަޕާނުން ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޕާނުގެ ވަފުދަކާ ކުރެއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާކުރި މައިގަނޑު މަޢުޟޫއަކީ ޖަޕާނުގެ އެހީއާއި އިންވެސްޓްމަންޓްތަކުގެ ޒަރީޢާއިން ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އާއި ލޯ އެމިޝަން ތަރައްޤީގެ ފުރުޞަތުތައް ކުރިއެރުވުމެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޠާރިޤް ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. ޖަޕާނުގެ ވަފުދުން ވަނީ ރާއްޖެއަކީ ތިމާވެށި ރައްކާތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ޤައުމެއްކަމާއި، މި ދާއިރާއިން ރާއްޖެއަށް އެހީތެރިވުމަށް ޝައުޤުވެރިވާ ކަމަށް ވިދާޅުވެފަ އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން އިތުރު ފުރުޞަތުތަކެއް ހޯދުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު