ރާއްޖޭގެ ގައުމީ އެއާލައިނުން މިއަދު މުޅިން އަލަށް ގެނައި ވައިޑް-ބޮޑީ މަތިންދާބޯޓުގެ ސަބަބުން އެ ކުންފުނީގެ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

މޯލްޑިވިއަން އެއާލައިންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ސިންގަޕޫރުން މިއަދު މާލެ ގެނައިއިރު އެކަމަށްޓަކައި ވަނީ ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފައި ވާއިރު މިފަދަ ބޯޓެއް ގެނައުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.

މިއަދު ގެނައި އޭ 330 ބޯޓަކީ 260 މީހުންގެ ޖާގައިގެ ބޯޓެކެވެ. އެ ބޯޓުގައި ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާހުގައި ދަތުރު ކުރެވޭނެއެވެ. މޯލްޑިވިއަނުން ބުނީ މި ބޯޓުގައި 10 ޓަނުގެ ކާގޯ އުފުލޭނެ ކަމަށާއި އަދި މިއީ ޓްރާންސިޓް ނުކޮށް ދަތުރު ކުރެވޭ ގާބިލުކަން ހުރި ބޯޓެއް ކަމަށެވެ.

މޯލްޑިވިއަން އިން ބުނީ މި ބޯޓު ގެނެވުމާއިއެކު ޗައިނާގެ ބެއިންޖިން އާއި ޝެންހާއީ އަދި ޗެންގްޑޫ އަށް ކުރިއަތް ދުވަސްތަކުގައި ދަތުރުތައް ފަށާނެކަމަށެވެ.

މިއަދު އޮތް ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވީ، މި ބޯޓުގެ ސަބަބުން ކުންފުނީގެ ކުރިއެރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދާނެކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް މި ކަމުގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެކަމަށެވެ.

އޭނާ ވިދާޅުވީ، މި ކަމުގެ ސަބަބުން އިންޓަނޭޝަނަލް ފްލައިޓް ކެޕޭސިޓީ އިތުރު ކުރެވިގެން ދާނެކަމަށާއި އަދި ދުނިޔޭގެ ނަން މަޝްހޫރު އެކި މަންޒިލްތަކަށް މޯލްޑިވިއަންގެ ދަތުރުތައް ފުޅާ ކުރެވިގެން ދާނެކަމަށެވެ.

މޯލްޑިވިއަން އިން ބުނީ މި ބޯޓާއިއެކު ޔޫރަޕާއި ސައުތު އެފްރިކާގެ ގައުމުތަކަށް ވެސް ދަތުރުތައް ފެށިގެންދާނެކަމަށެވެ.

މޯލްޑިވިއަން ގެ ހިދުމަތް 2000 ވަނަ އަހަރު ޑޯނިއާ 228 އާއި ޑޭޝް-8 މަރުކާގެ ދެ ބޯޓާ އެކު ފެށިނަމަވެސް މިއަދު މޯލްޑިވިއަނަށް ގެންނަ އެއާބަސް އޭ330 ބޯޓާ އެކު އެ އެއާލައިންގެ ފްލީޓުގެ އަދަދު 25 އަށް މިހާރު ވަނީ އިތުރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން