މި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން މާލީ ނިޒާމު ގަޑުބަޑުކޮށް އިތުބާރު ގެއްލުވާލާފައިވާ ކަމަށް ނިމިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މޫޑީސް އިން ރާއްޖޭގެ މާލީ ހާލަތަށް ބަލައި ރޭންކް ދަށްކުރަން ރިވިއު ހާލަތަށް ގެނައުމާއި ގުޅިގެން އަމީރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، މި ސަރުކާރުގެ ނުކުޅެދުންތެރިކަމުން ބޮއްސުންލާފައިވާ ސަރުކާރުގެ މާލީ ހާލަތު ރަގަޅުކުރަން، ކްރެޑިބަލް ރަނގަޅު ސިޔާސަތެއް ސަރުކާރަށް އަދިވެސް ތަންފީޒު ނުކުރެވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

އަދި ސަރުކާރުގެ އަމަލުތައް އަދިވެސް ހުރީ ގޯހުން ގޯހަށް ކަމަށާއި ސިޔާސީ މުވައްޒަފުން ގިނަކުރުން ނުހުއްޓޭ ކަމަށާއި ސަރުކާރު ކުންފުނިތައް އެއްކުރިޔަސް ހާހުން ނަގާފައިވާ ސިޔާސީ ވަޒީފާތައް މަދު ނުވާކަމަށެވެ.

އަމީރު ވިދާޅުވީ، ސަރުކާރު ކުންފުނިތަކުގެ ކޮރަޕްޝަން އިންތިހާއަށް އިތުރުވެއްޖެ ކަމަށާއި ސަރުކާރު ފަރާތުން ރޭވިގެން ހިންގޭ ޖަރީމާއެއްގެ ތެރެއިން، މާލީ ނިޒާމު އެއްކޮށް ގަޑުބަޑުކޮށް އިތުބާރު ގެއްލުވާލައިފި ކަމަށެވެ.

އޭގެ އިތުރުން ވިޔަފާރިތައް އެއްކޮށް އިނދަޖެހި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހުއްޓިއްޖެ ކަމަށާއި މާލީ ޑިސިޕްލިން އަލުން ގާއިމްކުރުމާއި، ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓް (ޕީއެފްއެމް) ހަރުދަނާ ކުރުމާއި، އިންވެސްޓަރުންގެ އިތުބާރު އަލުން ހޯދުމަށް މުއައްސަސާތައް ވަރުގަދަ ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ދިގުކޮށް ކުރެއްވި އެ ޕޯސްޓްގައި އަމީރު ވިދާޅުވީ، މި ވަގުތު މި ގޮތަށް އަމަލު ނުކުރުމަކީ އިގްތިސާދީ ގޮތުން އިތުރު ނުތަނަވަސްކަމެއް ކުރިމަތިވާނެ ކަމެއް ކަމަށާއި މޫޑީސް އިން ރާއްޖެ ސީއޭއޭ2 އަށް ދަށްކޮށް، އިތުރަށް ޑައުންގްރޭޑް ކުރުމަށް ރިވިއުގެ ހާލަތަށް ގެނެސްފައި މިވަނީ ރާއްޖޭގެ މުއައްސަސާތަކުގެ ޤާބިލުކަން ދަށްވެ ސަރުކާރު ހިންގުން ދޯދިޔާ ވުމުން ކަމަށެވެ.

އަދި މޫޑީސް ފާހަގަކުރާ ގޮތުގައި’އެކްސްޓަނަލް ވަލްނަރަބިލިޓީސް ތަކާއި ހިރާސްތައް ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ގާބިލްކަން ސަރުކާރުގައި ނެތް ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

މޫޑީސް ގެ އެސެސްމަންޓުން ދައްކުވައިދެނީ ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމާއެކު ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސްތައް ބޮޑުތަނުން އިތުރުވި އިރުވެސް ބޭރު ފައިސާގެ ރިޒާވް ދަށްވުމުގެ ސަބަބުން ‘ޑިފޯލްޓް ރިސްކް’ އިތުރުވެފައިވާ ކަން ކަމަށާއި "ފިސްކަލް ޓްރާންސްޕެރަންސީ" ގެއްލި، ހަފްތާއަކު އެއްފަހަރު މާލީ ރިޕޯޓްތައް ޝާއިއުކުރުން ހުއްޓާލުމުން ސަރުކާރުގެ ޚަރަދާއި ރިޒާވް ކުޑަވުމާ ގުޅުން ހުރި ކަންކަމާ މެދު އިތުރު ސުވާލުތަކެއް އުފެދޭކަމަށް ވެސް އަމީރުގެ ޕޯސްޓްގައި ވެއެވެ.

އަމީރު ވިދާޅުވީ، މިއީ ޤައުމުގެ މުސްތަޤްބަލު ރައްކާތެރިކުރުމަށްޓަކައި ޒިންމާދާރު މާލީ ސިޔާސަތު ކުރިއަށް ނެރެ، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމަށް ސަރުކާރުން އިސްކަންދޭންވީ ވަގުތު ކަމަށެވެ.

މިސަރުކާރުން ބުނަނީ ރާއްޖޭގެ އިގުތިސާދު މިހާ ދަށުދަރަޖައަކަށް ވެއްޓިފައި ވަނީ އަމީރުގެ ފައިނޭންސް މިނިސްޓަރު ކަމުގައި ވޭތުވެދިޔަ 40 އަހަރުވެސް ނުދަރާ ވަރަށް ބޭރަށާއި އެތެރެއަށް ރާއްޖެ ދަރުވާލައި ފައިސާ ޗާޕުކޮށް މުޅި މާލީ ނިޒާމު ހަލާކުކޮށްލާފައި އޮތުމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން