އުތުރުގައި އިންޓަރނޭޝަނަލް ބަންކަރިންގ ޚިދުމަތް ފެށުމަށް ބޭނުންކުރާ އެއް ބޯޓު
އުތުރުގައި އިންޓަރނޭޝަނަލް ބަންކަރިންގ ޚިދުމަތް ފެށުމަށް ބޭނުންކުރާ އެއް ބޯޓު
ރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތް ފެށުމަށް އެސްޓީއޯ އިން ގެނައި ފުރަތަމަ ބޯޓު ކުޅުދުއްފުށި ސިޓީ ކައިރީގައި ބަނދަރު ކޮށްފިއެވެ.

އެސްޓީއޯއިން އޯފްޝޯ ބަންކަރިންގެ ހިދުމަތް ރަސްމީކޮށް މިމަހު ފެށުމަށް ހަމަޖެހިފައި ވާއިރު މިއަދު ސިންގަޕޫރުން ތެޔޮ ހިފައިގެން އައިސް ކުޅުދުއްފުށި ސިޓީ ކައިރީގައި ބަނދަރު ކޮށްފައިވަނީ މެރިން އެންޖެލް ކިޔާ އުޅަނދެކެވެ.

އެސްޓީއޯއިން ބުނީ ބަންކަރިންގެ ޚިދުމަތް ދިނުމަށް ގެންނަ ދެވަނަ ބޯޓުވެސް ވަރަށް އަވަހަށް ރާއްޖެއަށް އަންނާނެ ކަމަށެވެ. މީގެން ކޮންމެ ބޯޓަކުންވެސް ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލޭނެއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް މީގެ ކުރިން ވިދާޅުވެފައިވަނީ އެބޯޓުތައް ރާއްޖެ އައުމުން މިމަހުގެ 11 ނުވަތަ 12 ގައި އިހަވަންދިއްޕޮޅަށް ބޯޓުތައް ގެންގޮސް ބަންކަރިންގެ ޚިދުމަތް ފެށޭނެ ކަމަށެވެ. މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ގުޅިގެންނެވެ.

ބައިނަލްއަޤުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމާ ގުޅޭގޮތުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް މީގެކުރިން ވިދާޅުވެފައިވަނީ މި މަސައްކަތް ފެށުމަށްޓަކައި އުލިގަމު އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓްގެ ނަމުގައި ޚާއްސަ ފެސިލިޓީއެއް މިމަހުގެ 12 ވަނަ ދުވަހުގެ ކުރިން ހއ. އުލިގަމުގައި ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެތަނުގައި އެސްޓީއޯ، ކަސްޓަމްސް، އިމިގްރޭޝަން އަދި ޕޯޓް ހެލްތުގެ ޚިދުމަތް ޤާއިމް ކުރެވިގެންދާނެ ކަމަށްވެސް ވަޖީހު ވަނީ ވިދާޅުވެފައެވެ.

ބައިނަލްއަޤުވާމީ ބަންކަރިންގެ ޚިދުމަތް ޚިދުމަތް ފެށުމާ ގުޅިގެން، އުތުރު މެރިޓައިމް ސާވިސަސްގެ ނަމުގައި ޚާއްޞަ ވެބްސައިޓެއް މިހާރު ވަނީ ލޯންޗްކޮށްފައެވެ. މި ވެބްސައިޓް މެދުވެރިކޮށް ކުރިޔާލައި ޚިދުމަތަށް ބުކިންގ ހެދުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ.

ހއ. އުލިގަމުގައި ބަންކަރިންގެ ޚިދުމަތް ދޭން ފެށުމުން 400 މިލިއަން ޑޮލަރުގެ ރެވެނިއު ޖެނެރޭޓް ކުރެވޭނެ ކަމަށާއި މިތަނުން ބަންކަރިންގެ ޚިދުމަތުގެ އިތުރަށް ކުރޫޒް ޓާމިނަލް، ޕައިލެޓޭޖް ފަދަ ޚިދުމަތްތައް ލިބި ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން