އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   15 އޯގަސްޓު 2020 - 19:4
މިހާތަނަށް ފިލްމެއްގެ ޓްރެއިލާއަށް އެންމެ ގިނައިން ޑިސްލައިކް ލިބުނު ޓްރެއިލާ އަކަށް ޑައިރެކްޓަރ މަހޭޝް ބަޓްގެ ސަޑަކް 2 ވެއްޖެއެވެ.



ބޮލީވުޑްގެ ނުފޫޒު ގަދަ ޑައިރެކްޓަރ މަހޭޝް ބަޓް އެންމެ ފަހުން ތައްޔާރު ކުރި ސަޑަކް 2 ގެ ޓްރެއިލާއަށް ވަނީ 500،000 މީހުން ޑިސްލައިކް ކޮށްފައެވެ. ފިލްމުގެ ކާސްޓުންގެ ޕޯސްޓަރ ޢާންމު ކުރުމަށްފަހު އިއްޔެ ހެނދުނު ވަނީ ފިލްމުގެ ޓްރެއިލަރ ޢާއްމުކޮށްފައެވެ. މި ފިލްމުގެ ތަރިންގެ ގޮތުގައި ފެނިގެން ދަނީ މަހޭޝް ބަޓްގެ ދަރި އާލިޔާ ބަޓް އާއި، ސަންޖޭ ދަތުގެ އިތުރުން އަދިއްތިޔާ ރޯއީ ކަޕޫރެވެ.

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރ ޝުޝާންތްގެ މަރާގުޅިގެން ބޮލީވުޑްގައި ނެޕޮޓިޒަމް ވަރަށް މަތީ މިންވަރަކަށް ގެންގުޅޭ ކަމަށް ކުރަމުންދާ ބަހުސްގެ ސަބަބުން މިފިލްމްގެ ޕްރޮމޯޝަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮއްސައެވެ. ޔޫޓިއުބްގެ ނަތީޖާ ދައްކާ ގޮތުން ފިލްމުގެ ޓްރެއިލާ އާންމު ކުރިތާ 3 ގަޑިއިރު ތެރޭގައި ލިބިފައިވަނީ 50،000 ލައިކްސްއާއި 500،000 ޑިސްލައިކްސްއެވެ.

ބޮލީވުޑްގައި ކުރިއެރުން ލިބެނީ ހަމައެކަނި މާޝްހޫރު މީހުންގެ ދަރިންނަށް ކަމަށާއި، އަމިއްލަ މަސައްކަތުން ކުރިއަށް ދިއުމަށް ހިތްވަރުކުރާ ހުނަރުވެރި ފަންނާނުންނަށް އެހާ ބޮޑު ފުރުސަތެއް ނޯނަކަމަށް ބުނެ އާންމުން ކުރަމުންދާ ބަހުސްގައި އެންމެ ބޮޑަށް އިނގިލި ދިއްކުރެވޭ މީހުންގެ ތެރޭގައި މަހޭޝް ހިމެނެއެވެ. އަދި ސުޝާންތުގެ މަރާއި ގުޅިގެން ޢާންމުންގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވެފައިވާ މީހުންގެ ތެރޭގައި މަހޭޝްއާއި، އާލިޔާ ހިމެނެއެވެ. ސަޑަކް 2 އަކީ މަހޭޝް އުފެއްދި ފިލްމަކަށް ވާތީ ގިނަ އަދަދެއްގެ ބަޔަކު ދަނީ މިފިލްމަށް ހަޖޫ ޖަހަމުންނެވެ.

މީސްމީޑިޔާގައި ދައުރުވަމުންދާ ޚިޔާލުތަކުގައިވާ ގޮތުން ގިނަބަޔަކު ދިޔައީ މިފިލްމުގެ ޓްރެއިލާއަށް ޑިސްލައިކް ދިނުމަށް އިންތިޒާރު ކުރަމުންނެވެ. މި ޓްރެއިލާއަކީ މިހާތަނަށް އެންމެ ގިނަ ޑިސްލައިކް ލިބިފައިވާ ޓްރެއިލާކަމަށް މީޑިޔާ ތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން