މަރްޔަމް ނަހްދާ ވަޙީދު   10 ޖުލައި 2024 - 4:52
މެންގޯ ޗިއާ ޕުޑިން
މެންގޯ ޗިއާ ޕުޑިން
މާބޮޑަށް ފަލަވެ ގައިގައި ސަރުބީ ޖެހުމަކީ ތިމާގެ ހަށިގަނޑު ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދާ ކަމެކެވެ. ގިނަ ފަހަރަށް އަޅުގަނޑުމެން ފަލަ ވާން މެދުވެރިވާ މައިގަނޑު ސަބަބަކީ މާ ގިނައިން ފޮނި އެއްޗެހި ކެވޭތީއެވެ. ކިތައްމެ ފޮނި އެއްޗިއްސާ ދުރުވާން ބޭނުންވީ ނަމަވެސް ބައެއް މީހުންނަށް ފޮނި އެއްޗިއްސާ ނުލާ ނޫޅެވެއެވެ. މިފަދަ މީހުންނަށް ފޮނިއެއްޗެހި ކައިގެންވެސް ބަރުދަން ލުއި ކުރެވޭނެ ގޮތްތަކެއް ހުރެއެވެ.

އެގޮތުން ސިއްހަތަށް ފައިދާ ހުރި ފޮނި އެއްޗެހި ތައްޔާރުކޮށް ކެއުމަކީ ބަރުދަން ލުއިވާ ކަމެކެވެ. އަނބާއި ޗިއާ ސީޑް ބޭނުންކޮށްގެން ހަދާ "މެންގޯ ޗިއާ ޕުޑިން" އަކީ ވަރަށް މީރު، އަދި ސިއްހަތަށް ފައިދާހުރި މާއްދާތައް އެކުލެވިގެންވާ ފޮނި ބާވަތެކެވެ. އަދި މިއީ ބަރުދަން ލުއި ކުރުމަށް އެހީވެދޭ ވެސް އެއްޗެކެވެ.

މި ޕުޑިން ތައްޔާރު ކުރުމަށް ބޭނުންވާނީ ދޮން އަނބާއި، ޗިއާ ސީޑްއާއި، ކާށި ކިރުގެ އިތުރުން ކުޑަ މާމުއި ކޮޅެއް ނޫނީ މެޕްލް ސިރަޕް ކޮޅެކެވެ.

މި ޕުޑިން ތައްޔާރު ކުރުމަށް ފުރަތަމަ ދޮން އަނބު ކުދި ކިއުބްތަކެއް ގޮތަށް ކޮށާލާނީއެވެ. އަދި ކޮށާފައި ހުރި އަނބުން ޕުޑިން މައްޗަށް އެޅުމަށް އެތި ކޮޅެއް ނަގާ އެއްފަރާތް ކޮށްލާނީއެވެ. އެއަށްފަހު ބޯތައްޓަކަށް ބާކީހުރި އަނބާއި، ޗިއާ ސީޑްއާއި ކާށި ކިރު އެޅުމަށްފަހު އެއްކޮށްލާނީއެވެ. ރަނގަޅަށް އެއް ކޮށްލުމަށްފަހު އިތުރަށް ފޮނި ކުރަން ބޭނުންވާނަމަ މާމުއި ނުވަތަ މެޕްލް ސިރަޕް ކޮޅެއް އަޅާފައި 15 މިނެޓު ވަންދެން ބަހައްޓާނީއެވެ. މިގޮތައް މި ބަހައްޓަނީ ޗިއާ ސީޑްތައް ފޯކުރުމުގެ ބޭނުމުގައެވެ.

15 މިނެޓު ވުމުން އަނެއްކާވެސް ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލުމަށްފަހު ބޯތަށީގެ މަތި ޖެހުމަށްފަހު މަދުވެގެން 2 ގަޑި އިރު ވަންދެން ފްރިޖްގައި ބަހައްޓަން ޖެހޭނެ އެވެ. އަދި ޗިއާ ޕުޑިން ސެޓުވުމުން ޕޮނި ކާއެއްޗެހި އަޅާ ތައްޓެއްގައި ލޭޔަރ ކޮށްލާނީއެވެ. ޗިއާ ޕުޑިން ލޭޔަރެއް އެޅުމަށްފަހު އެތްފަރާތްކުރި އަނބު އަޅާނީއެވެ. އަދި މިގޮތަށް ތަށި ފުރެންދެން ތަކުރާރު ކުރާނީއެވެ. އެއަށްފަހު ބާކީ ހުރި އަނބާއި މިންޓް ލީވް އެޅުމަށްފަހު ތަށި ރީތިކޮށްލާނީއެވެ. މިއީ ތައްޔާރު ކުރަން ވަރަށް ފަސޭހަ ފޮނި ބާވަތެކެވެ.

މި ޕުޑިން އަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި ފޮނި އެއްޗެކެވެ. އެގޮތުން ބަލާއިރު މި ޕުޑިންގައި ގިނަ އަދަދަކަށް ނިއުޓްރިއެންޓްތަކާއި، ފައިބަރު އެކުލެވިގެން ވެއެވެ. އަދި މިއީ ވަރަށް ކެލޮރީސްވެސް މަދު ކާއެއްޗެކެވެ. އެހެންވުމުގެ ސަބަބުން މި ޕުޑިން ކެއުމުން މީހާގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދެއެވެ. އަދި ހަޖަމު ކުރުމަށް އެހީވެދީ ބަރުދަން ލުއި ކުރުމަށްވެސް އެހީވެދެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން