ޞާދިރު ޢަލީދީދީ   13 އޯގަސްޓު 2020 - 13:26
ހުވާކޮށްފާ ބުނަން
ހުވާކޮށްފާ ބުނަން
އެޕިސޯޑް 15

...............

[ނޫނޭ....މިރަށުގައި ހުރެގެން އެއްވެސް ކަމެއް ނުކުރެވޭނެ. ބޭބެގެ އެއްވެސް ފަންޑިތަ ފޮތެއްވެސް ނުގެންނަން. ފޮތް ބަލައިގެން ނޫނީ ބޭބެއަށް އެއްވެސް ކަމެއް ނުކުރެވޭނެ. ރަށަށް ގޮސް ހަދާފައި ފޮނުވަދީފާނަން.] މުދިމް ތައްޚާނުބެ މިހެން ބުނީމާ، އަމަރް ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ.

[ތައްޚާންބެ ރަށަށް ދިޔައިމާ، އަހަރެން ގުޅާނަން. އަވަހަށް އޮޑިއަށް އަރައި ތަކެތި ހިފައިގެން އާދޭ.] އަމަރް ތައްޚާނުބެއާއެކު ކާރަށް އެރިއިރު ހުރި ޚިޔާލު މިހާރުވަނީ ބަދަލުވެފައެވެ.

ކާރު މަޑުކުރުމާއެކު، ތައްޚާނުބެ، އޭނާ ގެނައި ޑަބިޔާތަކެއް ހިފައިގެން އައިސް ކާރަށް އެރިއެވެ.

މިހާރު އަމަރް އެހުރީ ވަރަށް ބޮޑަށް އުފާވެފައެވެ. އޭނާއަށް މުދިމް ތައްޚާންބޭގެ ސަބަބުން އެއްވެސް ނުރައްކަލެއް ނުވާނެކަން އޭނާއަށް އެނގުނީކަންނޭނގެއެވެ.

މުދިމް ތައްޚާނުބެ ގެޔަށް އައިސް، އަމަރްގެ ރަނގަޅު ވާހަކަ، އޭނާގެ ދަރިފުޅާއި އަނބިމީހާ ގާތު ވަރަށް ދެއްކިއެވެ.

[އެއީ ވަރަށް ރަނގަޅު ކުއްޖެއް. އަހަރެމެން ނުލާހިކު ބޮޑު ކުއްޔެއްގައި އުޅެމުން ދަނިކޮށް، މިގެޔަށް ގެނައީ ކުޑަކުޑަ ކުއްޔަކަށް. ރަނާގެ މަންމަމެނަށްވެސް އެހުންނަނީ ގޭގެ އެއްބައި ދީފައި. އަހަރެންވެސް ވަރަށް ޢަޖައިބުވޭ، މާލޭގެ އެހެން މީހުނާ ވަރަށް ތަފާތު ސޮރެއް އެއީ. މިހާރުވެސް މިތަން ބަޔަކު ބާރަހާސް ރުފިޔާއަށްވެސް ހިފާފާނެ. އެކަމަކު އޭނާ އެނަގަނީ ފަސްހާސް ރުފިޔާއޭ. މިފެންވަރަށް ހަދާފައި ހުރި ތިން ކޮޓަރީގެ ތަނެއް، ކިހިނެއްތަ ފަސްހާސް ރުފިޔާއަށް ހޯދާނީ....] ދޮންމަނިކެ އަމަރަށް ތަޢުރީފު ކުރިއެވެ. އެއީ ޙަލީމްވެސް ގެޔަށް އައިސް ވަން ވަގުތެވެ.

އޭރުވެސް ބަދުރިއްޔާ، ބާދާއަށް ކޮންމެވެސް އެއްޗެއް ކާންދެވޭތޯ މަސައްކަތް ކުރަމުން ދަނީއެވެ.

[ޙަލީމް...ދަރިފުޅުމެން އެހެން ކުއްޖަކު ހޯދާކަށް އަދިވެސް ނޫޅެންތަ؟] މުދިމް ތައްޚާންބެ ޙަލީމް ގާތުގައި ބުންޏެވެ.

[އަހަރެންވެސް މިހާރު އެބަ ވިސްނަން، ކުއްޖަކު ހޯދަން. ޙަޤީޤަތުގައި ކުރީފަހަރު ދިމާވިގޮތުން، ވަރަށް ބޮޑަށް ހާސްވޭ.] ޙަލީމް ބުންޏެވެ. ކުޑަދަރިފުޅު ބަލައި ރަނާ އައިސްވަނީ އެވަގުތުއެވެ.

[ދަރިފުޅާ އާދޭ ދާން....] ރަނާ ދޮރުމަތީގައި ހުރެ ބާދާއަށް ގޮވިއެވެ. ބަދުރިއްޔާ ބާދާ އުރާލައިގެން ގެނެސް ރަނާގެ އަތަށްދިނެވެ.

އޭރު ރަނާގެ އިންތިޒާރުގައި ކޮޓަރީގައި އަމަރް އިނެވެ. އަމަރަށް މިހާރު ރަނގަޅީ ގިނަވަގުތު ބާދާ ބަދުރިއްޔާމެންގެ ބައިގައި ގެންގުޅުނިއްޔާއެވެ. އޭރު އަމަރް ހުރީ ކޮޓަރި އެތެރެއިން ތަޅުލައިގެނެވެ. ބެލެވޭގޮތުގައި ކޮޓަރިތަރޭގައި އޭނާއާއެކު އެހެން ކޮންމެވެސް ބަޔަކު އެބައުޅެއެވެ. އޭނާ ކޮޓަރި ތަޅުލައިގެން ހުރީ އެހެންވެގެންނެވެ.

[އަމަރް...ކޮޓަރި ތަޅުލައިގެން ކީއްތިކުރަނީ. އަވަހަށް ހުޅުވާލަބަލަ....މިމަންޖެ ފެންވަރުވަންވެސް ވެއްޖެ....] އަމަރް މިހުޅުވަނީއޭ ބުނެފައި، ދޮރު ހުޅުވިއެވެ. އެވަގުތު ކޮޓަރިތެރެއިން ބަޔަކު ނުކުމެގެންދިޔަ ކަމެއްގެ އިޙްސާސެއް ރަނާއަށް ކުރެވުމާއެކު، އޭނާ ފަސްއެނބުރި ބެއްޔެވެ. ނަމަވެސް، އޭނާއަށް އެއްވެސް މީހަކު ނުފެނުނެވެ.

[މިތަނުން ބަޔަކު ނުކުތްހެންހީވި....އަމަރް އެކަނިތަ ތިއުޅެނީ!؟] ރަނާ ވަށައިގެން ހޯދާލިއެވެ. ރަނާގެ މި ޙަރަކާތް ފެނުނީމާ، އަމަރް ގާތަށް ވަރަށް ބޮޑަށް ހިނިއައެވެ.

[ސާބަސް....ބަލަ މިތާ ތެރެއިން މީހަކު ނުކުތްނަމަ، ރަނާއަށް ފެންނާނެއެއްނު. ރަނާ މޮޔަވެއްޖެދޯ....ދީބަލަ ތިމަންޖެ އަހަރެންގެ އަތަށް.] އަމަރް ކުޑަކުޑަ ބާދާ އުރާލިއެވެ.

[މިއުޅެނީ ތިމަންޖެ ފެންވަރުވާށޭ. ޙަޤީޤަތުގައިވެސް އަހަންނަށް ހީވި މިތަނުން މީހަކު ނުކުތްހެން.] ރަނާ އެނދުގައި އިށީނެވެ.

[ފަހަރެއްގައި ވެދާނެ، މިތަނުން ޖިންނިއަކު ނުކުތީ ކަމަށް. އަހަރެމެންނަށް ނުފެނި ދެވޭނީ، ރޫޙާނީ އެއްޗިއްސަށްތާ....އަހަރެން އަންނާނަން، މިމަންޖެ ގޮވައިގެން ސިޓިންގރޫމަށް ގޮސްލާފަ. ރަނާ މި މަންޖެ ފެންވަރުވަން ތައްޔާރުކުރޭ.] އަމަރް ރަނާ އުރާލައިގެން ނުކުތެވެ. ރަނާ ފެންވަރުވާ ސާމާނު ފާޚާނާއަށް ވެއްދިއެވެ. އަމަރް އެނބުރި އައިސް ވަނީ ރަނާ ބާދާގެ ހެދުން އިސްތިރިކޮށް ނިމުނުތަނާހެނެވެ.

[އަމަރް....ތިމަންޖެގެ ހެދުން ބާލުވަބަލަ. ބަދުރިއްޔާ ދޮންކެޔޮ ކާންދިނިއްޔޯ....މުޅި ހެދުމުގައިވެސް ދޮންކެޔޮ.....] ރަނާ މިހެން ބުނީމާ، އަމަރް ބާދާގެ ހެދުން ބޭލުވިއެވެ.

އެވަގުތު ރަނާގެ މޯބައިލް ރިންގްވާން ފެށިއެވެ. ފުރަތަމަ ރަނާ ގޮސް ފޯނު ނެގިއެވެ. ގުޅީ ވާސިލެވެ.

[ރަނާ....އަހަރެން މިއުޅެނީ މީހަކާ އިންނަން. ރަނާ ހީނުކުރާތި، އަހަރެން މީހަކާ އިންނަނީ، ރަނާގެ މަތިން ހަނދާން ނެތުނީމައޭ. ކިތަންމެ ދުވަހެއްވިޔަސް، އަހަންނަކަށް ރަނާގެ މަތިން ހަނދާންނައްތައެއްނުލެވޭނެ. އަހަރެން ރަނާއަށް އިންތިޒާރު ކުރާނަން....] ވާސިލް މިހެން ބުނެފައި ފޯނު ބޭއްވިއެވެ.

ރަނާ ފޯނު އެނދުމަތީގައި ބާއްވާލުމަށްފަހު، ދަރިފުޅުގެ އިނގިލި ކުރީގައި ހިފައިގެން ގޮސް ފާޚާނާއަށް ވަނެވެ. ކުޑަކުޑަ ބާދާގެ ހަށިގަނޑުން ކުރިން ފާހަގަކުރެވިފައިނުވާ ސިފަތަކެއް ރަނާއަށް ފެނުނީ، އެ މަންޖެ ފެންވަރުވަން ފެށިތަނާހެނެވެ.

[އަމަރް! އައިސްބަލަ! ނިކަން ބަލާލަބަލަ، ކުރިއަކުން މި މަންޖެގެ ބުރަކަށީގައި މިއެއް ނެތް.....] ރަނާ ދެލޯ ބޮޑުކޮށްގެން ހުރެ އަމަރަށް ގޮވިއެވެ. އެމަންޖެގެ ބުރަކަށީގެ ކަނދުރާއާ ދިމާލުގައި ރޮނގަކަށްވާ ގޮތަށް އިސްތަށި ފަޅާފައިވާ ދިމާއަށް ރަނާ ބަލަމުންދިޔައީ، ނިކަން ކަންބޮޑުވެފައި ހުރެއެވެ.

ތެދެކެވެ. އެވަގުތު ކުޑަކުޑަ ބާދާގެ ބުރަކަށީގައިވާ އިސްތަށިތައް އަމަރަށްވެސް ފެނުނެވެ. ނަމަވެސް އަމަރަށް އެއީ މާބޮޑު ކަމަކަށްވީހެނެއް ހިއެއްނުވެއެވެ.

[ސާބަސް ރަނާއަށް ކޯއްޗެއް ފެނިގެންތަ، ރަނާ ތިވަރަށް ހާސްވަނީ. އެމަންޖެގެ ބުރަކަށްޓަކުން އަހަންނަކަށް އެއްވެސް ކަމެއް ނުފެނޭ.] އަމަރް ކުޑަމަންޖެގެ ބުރަކަށީގައި އަތް ކާއްތާލިއެވެ.

އެއީ އަނެއްކާވެސް ހާސްވެފައި ހުރެ ރަނާ އެމަންޖެއާ ދިމާއަށް ބެލި ވަގުތެވެ. އެއާއެކު އޭނާއަށް ލިބުނީ ކުރިއަށްވުރެންވެސް ބޮޑު ޙައިރާން ކަމެކެވެ. މިހާރު އެމަންޖެގެ ބުރަކަށްޓަކުން އެއްވެސް ޢައިބެއް އޭނާއަށް ނުފެނެއެވެ.

[އަމަރް....ކުރިން މިމަންޖެގެ ބުރަކަށީގައި ވަރަށް ބައިވަރު އިސްތަށިތަކެއް ހުރި.] ރަނާ ބާދާގެ ބުރަކަށީގައި އަތް ކާއްތާލިއެވެ.

[ތިވާނީ ރަނާއަށް ހީވި ގޮތެއް ކަމަށް. ތިކަހަލަ ވާހަކަ ދެއްކީމާ، މީހުން ހީކުރާނީ ރަނާ މޮޔަވީ ކަމަށް....ދެން ތިކަހަލަ ވާހަކަ ނުދައްކަބަލަ. މިމަންޖެގެ ގައިގައި ޢައިބެއް ހުރިނަމަ، އަހަންނަށްވެސް ފެންނާނެއެއްނު.] އަމަރް މިހެން ބުނެފައި، އެމަންޖެ ފެން ހިއްކަން ފެށިއެވެ. އެހާ ހިސާބުން ރަނާވެސް އެއީ އޭނާއަށް ހީވި ކުށްހީއެއް ކަމަށް ނިންމިއެވެ.

މިގޮތުގައި ފާއިތުވަމުންދިޔަ ދުވަސްތަކުގައި ރަނާއަށް ބައެއް ދުވަސް ދުވަހު އޭނާގެ ދަރިފުޅުގެ ކިބައިން ވަރަށްބޮޑު ތަފާތުތަކެއް ފެންނަމުންދިޔައެވެ. ބައެއް ދުވަސް ދުވަހު ދަރިފުޅު އޭނާއާހެދި ވަރަށް ބޮޑަށް އުޅެއެވެ. އަނެއްބައި ދުވަސް ދުވަހު އެދަރިފުޅު އޭނާއާ ވަރަށް ދުރުހެލިއެވެ. މިދިޔަ ދުވަސްތަކުގައި އެދަރިފުޅު ބޮޑަށް ބޭނުންވަނީ ބަދުރިއްޔާއެވެ. ފެންވަރުވަންވެސް ޖެހެނީ ބަދުރިއްޔާއަށެވެ. އެމަންޖެ ރަނާއާ ހެދި އުޅޭ ދުވަސް ދުވަހު ބަދުރިއްޔާ ގާތަކަށް ނުވެސްދާނެއެވެ. އަބަދުވެސް ބޭނުންވަނީ ރަނާގެ ގައިގައި އެލިގަނެގެން އޮންނާށެވެ. މިހެން ކަންތައްތައް ތަކުރާރުވާތީ، އެގޭތެރޭގައިވެސް ވަރަށް ބޮޑަށް މިހާރު އެވާހަކަ ދެކެވެން ފަށައިފިއެވެ.

[މަންމާ....މިއަދު އަހަރެން އަންނާށޭ ބުނެބުނެވެސް، ބާދާ އަހަރެން ގާތަކަށް ނައި....ބުނި ކޮއްކޮ ހުންނާނީ މަންމަ ކައިރީގައޭ.....އަހަންނަކަށް ނޭނގެ، އެމަންޖެއަށް އެވާގޮތެއް.....] ބަދުރިއްޔާ ފެންކަޅިވެފައި ހުރެ ވާހަކަ ދެއްކިއެވެ.

[އެކަމާ އަޅާނުލާ. އެއީ ކުޑަކުޑަ ކުއްޖެއްނު. ހިތަށްއެރީމާ ބަދުރިއްޔާގެ ގާތު ހުރެފައި، ރަނާގެ ކައިރިއަށްވެސް ނުދެއެއްނު.] ދޮންމަނިކެ ބަދުރިއްޔާގެ ހިތްހަމަޖައްސާލަދިނެވެ.

ހަމަ އެގޮތަށް ރަނާވެސް މި ޝަކުވާ ކުރެއެވެ. ގިނަފަހަރު ބާދާ އުޅެން ބޭނުންވަނީ ބަދުރިއްޔާއާ އެކުގައެވެ. މިހުރިހާ މަންޒަރުތަކެއް ނުހަނު ގާތުން ބަލަމުންދާ އަމަރްގެ ގާތަށް ބައެއްފަހަރު ހިނިވެސް އާދެއެވެ.

އޭނާއަށް ހުރިހާ ކަމެއްވެސް އެނގެއެވެ. އެހެންވުމުގެ ސަބަބުން އެކަމާ ގުޅުވައިގެން އެގޭތެރޭގައި ދެކެވޭ ވާހަކަތަކަށް، އޭނާ މާބޮޑަކަށް ސަމާލުކަމެއް ނުބަހައްޓައެވެ.

މިހާރު ވާސިލްވެސް އޭނާގެ ޢާއިލާގެ އެއްބާރުލުމާއެކު، އޭނާގެ ރަށުގެ އަންހެން ކުއްޖަކާ ކައިވެނިކޮށްފިއެވެ. ކައިވެނި ކޮށްގެން އޭނާ މިހާރު މަސައްކަތް ކުރަމުންދަނީ ރަނާގެ ހަނދާންތަކާ ދުރަށް ދިޔުމަށެވެ. އެހެން ނަމަވެސް، އެއީ ފަސޭހަ ކަމަކަށްނުވިއެވެ. އޭނާގެ ސިކުނޑީގައި އަބަދުވެސް އެނބުރެމުންދަނީ ރަނާގެ ޚިޔާލުތަކެވެ. ވުމާއެކު، ދެފަރާތުންވެސް އެއްބަސްވެ ކައިވެނި ރޫޅާލީއެވެ. އެހެންވުމުގެ ސަބަބުން އެހެން ކޮންމެވެސް ގޮތަކުންވެސް ރަނާ ޙާޞިލް ކުރުމަށް މިހާރު އޭނާގެ ހިތަށްއަރައެވެ.

[ކޮންގޮތަކުން...އެއީ މިހާރު ނުލާހިކު ރަނގަޅު ދިރިއުޅުމެއްގައި އުޅެމުންދާ މީހެއް. މިހާރު ވާސިލްވެސް ތިހުރީ ކައިވެންޏެއް ކޮށްގެން. އަހަންނަކަށް ނޭނގެ، ވާސިލް ތިކިޔާ އެއްޗެއް.] ވާސިލާއި އޭނާގެ ޒަމާންވީ ރަޙްމަތްތެރިޔާ ރަމީޒް ވާހަކަ ދައްކަން ތިބީ މާލޭ ވިލިނގިލީ ފެރީ ޓަރމިނަލްގައެވެ.

[އަހަރެން ވިލިނގިއްޔަށް އައިސްގެން މިއުޅެނީވެސް އެކަމުގައި. ކޮންމެވެސް މީހަކު ބުނި މިރަށުގައި ހުރެޔޯ، ވަރަށް މޮޅަށް ފަންޑިތަ ހަދާ މީހަކު. އަހަރެން ބޭނުންވަނީ އޭނަ ލައްވާ ކަމެއް ކުރުވަން.] ވާސިލް ރަށުތެރެއަށް އަރައިގެން ހިނގައިގެންފިއެވެ.

[ފަންޑިތަ ހަދާ މީހުން މުޅިންވެސް ހަދާނީ މަކަރު. އަހަރެން ޤަބޫލުކުރާ އެއްޗެއް ނޫން ފަންޑިތައަކީ.....ޢަމުދުން ތިކަހަލަ ކަންކަމުގައި، އެމީހުން ވަރަށް މަކަރު ހަދާނެ. މީހަކު ކަމެއް ކުރުވަންދާއިރަށް ހިތް ޙަލާލޭ ކިޔާފައި ފައްސަތޭކަ ރުފިޔާ ހޯދާނެ. އެއަށްފަހު މަސައްކަތް ނިމުނީމާ ބުނާނެ" ހަތަރު ފަސްހާސް ރުފިޔާއޭ.] ރަމީޒް ބުންޏެވެ. ޙަޤީޤަތުގައިވެސް އެއީ ގިނަ މީހުން އެކަންކުރާ ގޮތެވެ.

[މިބުނި މީހާ އެހެނެއް ނުވާނެ. އޭނައަކީ ވަރަށްމޮޅު މީހެއް. އަހަރެން ބޭނުންވަނީ، އެދެމީހުން ދުރުކުރުވަން.] ވާސިލް ބުންޏެވެ. ނަމަވެސް، ރަނގަޅަށް އުޅެމުންދާ ދެމަފިރިއެއްގެ ދެމެދަށް ހުރަސްއަޅައި، އެކައިވެނި ރޫޅުވުމަކީ ފަހަރެއްގައިވެސް ރަމީޒް ރުހޭނޭ ކަމެއް ނޫނެވެ.

[އަހަންނަކަށް ނުފެނޭ، ތިޔަކަހަލަ ކަމެއް ކުރާކަށް. ދެމަފިރިއެއްގެ ދިރިއުޅުން ހަލާކުވެގެންދާނީ. އެއީ ނުލާހިކު އުފަލުގައި އުޅޭ ދެމަފިރިން. އަހަރެން މިކަހަލަ ވާހަކަ ދެއްކީމާ، ވާސިލް ހިތްހަމަނުޖެހޭނެކަންވެސް އެނގޭ.....އެކަމަކު ވާސިލް ކުރަން ބޭނުމިއްޔާ، ކުރިޔަސް އެންމެ ރަނގަޅޭ.] ވާސިލްގެ ފަހަތުން ހިނގައިގަންނަމުން ރަމީޒް ބުންޏެވެ.

[އޭނާ އަހަރެންގެ ލޯބި ޖަހައިގަތީ. އޭރު އޭނާ އަހަންނާ ދޭތެރޭ ވިސްނިތަ؟ ނުވިސްނާ. އަހަރެންވެސް ބޭނުމެއް ނޫން، އޭނައާމެދު ވިސްނާކަށް. އަހަރެން އަލުން ރަނާ ޙާޞިލް ކުރާނަން.] ރަމީޒް ކިތަންމެ ވާހަކަ ދެއްކިޔަސް، ވާސިލްގެ ޚިޔާލު ބަދަލެއްނުވެއެވެ.

ވާސިލްގެ މިޞްރާބު ސީދާ ހުރީ ވިލިނގިލީގައި ހުންނަ ވަރަށް މަޝްހޫރު ފަންޑިތަ ހަދާ މީހެއް ކަމުގައިވާ ސީދީބެގެ ގެޔާ ދިމާއަށެވެ. ސީދީބެއަކީ ވަރަށް މޮޅަށް ފާލުވެސް ބަލާ މީހެއް ކަމަށްވެއެވެ. އޭނާ ފަންޑިތައެއް ހެދުމުގެ ކުރިން އެންމެ ފުރަތަމަ އެކަމެއް އޮތްގޮތް ބެލުމަށްވެސް ފާލުބަލާ ކަމަށްވެއެވެ.

ހަމަ އެވަގުތެވެ. މިހާރު ޝެހެނާ އެހުރީ އޭނާގެ ލޯބިވާ ބައިވެރިޔާ ރާއްޖެ އައިސް، އޭނާއާ ބައްދަލުކުރުމަށްޓަކައި އޭނާގެ ގެޔަށް އަންނާނޭ ވަގުތަކަށެވެ. ޝެހެނާ އެކަންޏެއް ނޫނެވެ. ޝެހެނާގެ މަންމައާއި ބައްޕަވެސް އެތިބީ ޒާއިޝްގެ އިންތިޒާރުގައެވެ.

[ދަރިފުޅާ.....އެސޮރަށް ގުޅާފަ އަހާބަލަ، މިހާރު ހުރީ ކިހާ ހިސާބެއްގައިތޯ.] ޝެހެނާގެ މަންމަ، ފާރުގައި ހުރި ގަޑިއަށް ބަލައިލަމުން ބުންޏެވެ.

ޝެހެނާ ޒާއިޝަށް ގުޅިއެވެ. މިއަދަކީ ޒާއިޝް އެބުނާ ސަޕްރައިޒްވެސް އޭނާއަށް ލިބޭނޭ ދުވަހެވެ.

[ކިހާ ހިސާބެއްގައި މިހާރު ތިހުރީ. އަޅެ އިންތިޒާރުގައި ތިބޭތާ މިހާރު ކޮންއިރެއް. މަންމަވެސް ބައްޕަވެސް އެބަހުރި.] ޝެހެނާ އެކަނި ޒާއިޝްއަށް އިވޭގޮތަށް ވައިއަޑުން ވާހަކަ ދެއްކިއެވެ.

[މިހާރު މިތިބީ ކާރުތެރޭގައި. އަހަރެންވެސް މިދަނީ އަހަރެންގެ މަންމައާއި ބައްޕަވެސް ގޮވައިގެން. އަހަރެން ވަރަށް ބޮޑަށް އެދެން، އަހަންނަށް އިޙްތިރާމް ކުރުމަށް.] ޒާއިޝް މިހެން ބުނެފައި ފޯނު ބާއްވާލިއެވެ. ޝެހެނާވެސް ގޮސް އޭނާގެ މަންމަ އިން ސޯފާގައި އިށީނދެއްޖެއެވެ. ރަނާ އެގެޔަށް އައިސް ވަނީ އެވަގުތެވެ. ރަނާވެސް އެއައީ ޝެހެނާ ބުނެގެން ޒާއިޝް ދެކެލުމަށްޓަކައެވެ.

[އާދެވިއްޖެދޯ؟ އަހަރެން ހީކުރީ ނުވެސް އާދެވޭނޭ ކަމަށް. އާދޭ، ކޮބައިތަ ދަރިފުޅު؟] ވާހަކަ ދައްކަމުންދާއިރުވެސް ޝެހެނާގެ ލޯ ހުންނަނީ ދިގުވެފައެވެ.

[އަދިވެސް ޒާއިޝް ނާދޭތަ؟ ކޮން ދުވަހަކު ކައިވެނި ކުރާގޮތަށް ތިހަމަޖައްސަނީ.] ޝެހެނާއާ ޖެހި ފިތިގެން އިށީންނަމުން ރަނާ އެހިއެވެ.

[މިހާރު ދަތުރުމަތީގައި ތިބީ. މިއަދު ވާހަކަ ދައްކާފައި ކައިވެންޏަށް ތާރީޚެއް ކަނޑައަޅާނީ. ކީއްވެތަ ދަރިފުޅާއި އަމަރް ބައިތިއްބާފައި އައީ.] ޝެހެނާ ބުންޏެވެ.

[އަމަރަށް ތަނަކަށް ދެވޭވަރުވާނެތަ؟ އޭނާ ވަރަށް ބިޒީކޮށް އުޅެނީ. އޭނައަށް ދުވަހަކުވެސް އަހަންނާއެކު ބޭރަށް ނުކުމެލާނޭ ވަގުތެއްނުވޭ.] ރަނާއަށް މިހެން ބުނެވުނު ވަގުތު، އެގޭ ކުރިމައްޗަށް ކާރެއް މަޑުކޮށްލި އަޑަށް، އެންމެންގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ. ލިބުނު ހިތްހަމަޖެހުމާއެކު ޝެހެނާ ފުން ނޭވާއެއްލިއެވެ.

ކުޑައިރުކޮޅެއްގެތެރޭ ދެން ފެނުނީ، ސާޅީހުން މަތީ ޢުމުރުގެ ދެމަފިރިއަކު އައިސް، އެގެޔަށް ވަންތަނެވެ. ޔަޤީންކުރެވޭ ގޮތުގައި، އެއީ ޒާއިޝްގެ މަންމައާއި ބައްޕައެވެ.

ދެން ފެނުނީ ޒާއިޝް އެގެޔަށް ވަންތަނެވެ. ޒާއިޝް ވަންތަން ފެނުމާއެކު، ގޭތެރޭގައި ތިބި ހުރިހާ މީހުންގެ ދެލޯވެސް ބޮޑުވިއެވެ. ޝެހެނާގެ މަންމައާއި ބައްޕައަށް ފެނުނު މަންޒަރާއެކު، އިސްޖަހާލެވުނީއެވެ. އެމީހުންގެ ދަރިފުޅުގެ ލޯބިވެރިޔަކީ ޙަޤީޤަތުގައިވެސް އެއީބާއޭ ހިތަށްއެރިއެވެ.

ހަމަގައިމުވެސް މިހާރު އެމީހުންނަށް ފެންނަމުން އެދަނީ، ފަހަރެއްގައިވެސް އެމީހުން ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ. ޝެހެނާގެ މަންމަ ޢުމޭރާއާއި ބައްޕަ ސަޢުދުﷲ، ޝެހެނާއާމެދު ދެކެމުންދަނީ ވަރަށް ފޮނި ހުވަފެންތަކެކެވެ. ކުރަމުން އައިސްފައިވަނީ ވަރަށް ފޮނި އުއްމީދުތަކެކެވެ. އެއްވެސް ޙާލެއްގައި ޝެހެނާއަކީ ވިސްނާނުލާ ގޮތެއް ނިންމާނޭ ކުއްޖަކަށްވެދާނޭ ކަމަކަށް އެދެމަފިރިން ހިއެއްނުކުރެއެވެ. އެހެން ނަމަވެސް، ކަންތައްތައްވާން މިއުޅެނީ ކޮންގޮތަކަށްބާއެވެ. ޙަޤީޤަތުގައި ޝެހެނާގެ ޢާއިލާއަކީވެސް އޭނާގެ ރަށުގެވެސް ވަރަށް ނުފޫޒުގަދަ ޢާއިލާއެކެވެ. ވުމާއެކު، ޝެހެނާއަށް ކުރެވޭ ކަމެއްގެ ސަބަބުން ޢާއިލާގެ ނަން ހުތުރުވުމަކީ، ޢުމޭރާ އާއި ސަޢުދަށް އެދެވޭނޭ ކަމެއް ނޫނެވެ.

[ދަރިފުޅާ ޝެހެނާ! ހާދަ އިރެކޭދޯ މިވަނީ. އަދިވެސް ދަރިފުޅު ބުނާ ކުއްޖާއެއް ނާދެއެއްނު. އަދި އެސޮރަށް ގުޅާފައި އަހާލަބަލަ، ކިހާ ހިސާބެއްގައިހޭ.] ކުރިމަތީގައި ހުރީ ޒާއިޝްކަން އެނގި ހުރިނަމަވެސް، ސަޢުދުﷲ ބުނެލިއެވެ. ސަޢުދުﷲގެ އެ ޖުމްލައާއެކު، ޒާއިޝްއާއި އޭނާގެ މައިންބަފައިންނަށް ވަރަށް ފުން އަސަރެއް ކުރިއެވެ.

[ބައްޕާ، ޒާއިޝްއަކީ މިއީ.] ޝެހެނާ ބައްޕައަށް ޖަވާބު ދިނީ ބިރުގެންފައި ހުރެއެވެ. އޭރު ކަޅުކުލައިގެ އަސާއެއްގެ އެހީތެރިކަމާއެކު، ކޮއްޅަށްހުރި ޒާއިޝް އިސްޖަހާލައިގެން ހުއްޓެވެ.

ޙަޤީޤަތުގައި ޒާއިޝްއަކީ ޕޯލިއޯޖެހި، އެއްފައި ހަލާކުވެފައިވާ މީހެއްކަމެއް ކުރިން ޝެހެނާއަކަށްވެސް އެނގިފައެއްނުވެއެވެ. ކުރިން ޝެހެނާއަށް ޒާއިޝް ފެނިފައިވަނީވެސް ޖުމްލަ ދެފަހަރެއްގެ މަތިންނެވެ. އެދެފަހަރުވެސް ފެނިފައިވަނީ ޒާއިޝް އިށީނދެ އިންދައެވެ. ވުމާއެކު، އޭނާއަކަށް ޒާއިޝްގެ ނުކުޅެދުންތެރިކަމެއް ފާހަގަވެފައެއް ނުވެއެވެ.

[ދަރިފުޅާ ޝެހެނާ! ކަނބުލޮގެ ކުރިމަތީގައި ތިޔަހުރި ޒުވާނާ، މީގެކުރިންވެސް ދަރިފުޅު ދުށިންތަ؟] ޝެހެނާ ޤަޞްދުގައި ބަލިމީހަކު އޭނާގެ ޙަޔާތަށް ގެނައުމަށް މަސައްކަތް ކޮށްފާނޭ ކަމަކަށް ސަޢުދުﷲ އަކަށް ޤަބޫލެއް ނުކުރެވެއެވެ.

[ބައްޕާ، ތިކަހަލަ ވާހަކަ ނުދައްކަބަލަ. މިއީ ތަޤްދީރުގެ ރޭވުން. މިކަން މިގޮތަށް ނިންމެވީ ތަޤްދީރުން. އެކަމަކު.....އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. އަހަރެން މިހުރީ ޒާއިޝް އަހަރެންގެ ބައިވެރިއަކަށް ހެދުމަށް ތައްޔާރަށް. ބައްޕާ، އަހަރެން ޒާއިޝްދެކެ ވަރަށް ލޯބިވޭ. ޒާއިޝްގެ ނުކުޅެދުންތެރިކަމަކީ އޭނާގެ ކުށެއް ނޫން.] ޝެހެނާ އިސްޖަހައިގެން ހުރެ މިހެން ބުނީމާ، އޭނާގެ ނުފޫޒުގަދަ ބައްޕަ ގާތަށް ވަރަށް ބޮޑަށް ރުޅިއައެވެ.

[ނުވާނެ ތިކަމެއް. ކިތަންމެ މޮޅަށް ކިޔަވައިގެން ހުއްޓަސް، ނުކުޅެދޭ މީހަކާ އިންނާކަށް ބައްޕަ އެއްބަހެއްނުވާނަން. އޭނައާ އިނދެފިއްޔާ ދަރިފުޅު ޖެހޭނީ އޭނާ އުފުލާކަށްނު. ނުވާނެ ތިކަމެއް. ހަނދާން ނައްތާލާ....] ފުރަތަމަފަހަރަށް ޝެހެނާއާ ދެކޮޅަށް ސަޢުދުﷲގެ ބަރުއަޑު ނުކުތެވެ. ބައްޕަގެ އެ ރުޅިވެރިކަން ފެނުމުން، ޝެހެނާއަށް ހިސާބަކަށް ފަހަތަށް ޖެހިލެވުނެވެ. ޝެހެނާގެ ބައްޕަގެ މި ހަރުކަށި ޖުމްލައާއެކު، ޑޮކްޓަރ ޒާއިޝްގެ މަންމައާއި ބައްޕައަށްވެސް ހިމޭނަކުން ނުތިބެވުނެވެ. ޒާއިޝްގެ ބައްޕަ ޝާޠިރުގެ ލޭ ވަރަށް ބޮޑަށް ހޫނުވިފަދައެވެ.

[ސަޢުދުﷲ، އަހަރެންގެ ދަރިފުޅާ އިންނަ މީހަކު އޭނާ އުފުލަން ނުޖެހޭވަރަށް، އަހަރެން މިވަނީ އޭނައަށް ތަޢުލީމް ހޯދައިދީފަ. އެސޮރުގެ ނުކުޅެދުންތެރި ކަމަކީ ފަހަރެއްގައިވެސް އޭނާ އަމިއްލައަށް ހޯދައިގެންފައިވާ ޙާލަތެއް ނޫން. އެސޮރާ އިންނަ މީހަކަށް، އެ ނުކުޅެދުންތެރި ކަމެއް ނުފެންނާނެ.] ހިތްހަމަނުޖެހިފައި ހުރެ ޝާޠިރު ބުންޏެވެ.

[އެއްވެސް ވާހަކައެއް އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެންގެ ގުނަވަންތައް ހަމައަށް ހުރި ދަރިފުޅާ ނުކުޅެދޭ މީހަކާ އިންނާކަށް އަހަންނަކަށް އެއްބަހެއް ނުވެވޭނެ.] ދެންވެސް ސަޢުދުﷲ ހެދީ ދެކޮޅެވެ.

[ބައްޕާ، ތިޔަހެން ނުބުނެބަލަ.....ޒާއިޝްގެ ކޮން ކުށެއްތަ އޮތީ....ޒާއިޝް ކޮންމެ ޙާލެއްގައި ހުއްޓަސް، އަހަރެން ޒާއިޝް ބޭނުން.] ޝެހެނާއަށް ރޮވިއްޖެއެވެ.

[ޚަބަރުދާރު! ދެން އަހަރެންގެ ކުރިމަތީގައި އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ. ހަމަ މިހާރު ކޮޓަރިއަށް ވަދޭ! އަހަރެންވެސް އަހަރެންގެ ދަރިޔާމެދު ކުރަނީ ވަރަށް ފޮނި އުއްމީދެއް. ކަލޭ ނުކުޅެދޭ މީހަކާ އިނދެފިކަން ރަށުގެ ރައްޔިތުންނަށް އެނގިއްޖެއްޔާ، އަހަރެމެންގެ ޢާއިލާއަށް މީހުން ހާދަ މަލާމާތެއް ކުރާނެޔޭ.] ސަޢުދުﷲ ޝެހެނާގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވެއްދިއެވެ. އޭރު ޒާއިޝްވެސް ހުރީ ފެންކަޅިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން