image ގައްދޫ ރަޝީދު   13 އޯގަސްޓު 2020 - 1:44
"މިއީ މަޝްހޫރު ވާހަކަ ލިއުންތެރިޔާ މުޙައްމަދު ރަޝީދު / ގައްދޫ، ޤަލަމީ ނަމުން ނަމަ "ގައްދޫ ރަޝީދު" ދިވެހި ބަހަށް ގެނަސްފައިވާ ރީތި ލޯބީގެ ވާހަކައެކެވެ. ގައްދޫ ރަޝީދަކީ ރާއްޖޭގައި އުފެދުނު ވަރަށް ކުޅަދާނަ ވާހަކަ ލިއުންތެރިއެކެވެ. ޚާއްޞަކޮށް ތަރުޖަމާ ކުރުމުގެ ފަންނުގައި ވަރަށް ފުންނާބުއުސް މޮޅު ލިއުންތެރިއެކެވެ. ގައްދޫ ރަޝީދުގެ ވާހަކަތައް މިނޫހުގައި ޝާއިޢުކުރުމުގެ ފުރުސަތު ލިބުމަކީ ނޫހަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މިއާއެކު ދިވެހި ބަހުގެ މިފަދަ ފަންނުވެރިންގެ އަގުހުރި މަސައްކަތްތައް މިއަދުގެ ދިވެހި ދަރީންނާއި ހަމައަށް ގެނަސްދިނުމަކީ އެބޭފުޅުންނަށް ލިބޭނެ ކޮންމެވެސް ވަރެއްގެ ހިތްވަރަކާއި ހިތްހަމަ ޖެހުމެއް ކަމުގައި ދެކެމެވެ. "ރަސް އޮންލައިން" ގައި ގައްދޫ ރަޝީދުގެ ވާހަކަތައް ޝާއިޢު ކުރުމުގެ ފުރުސަތު ދެއްވީތީ ނޫހުގެ ކިޔުންތެރިންނާއި ހިންގުންތެރީންގެ ފަރާތުން ފަށްފަށުން ޝުކުރު ދަންނަވަމެވެ."

*********************

ދެއަތް ފުރެންދެން ދާއެއްޗެހި ހިފައިގެން އޭނާ ފެންވަރާ ކޮޓަރިއަށް އަތުވެއްޖެއެވެ. ދެތިން ހެދުން ވެއްޓިފާ އޮތެވެ. ހެދުންތައް އެއްކަނެއްގައި ބަހައްޓާފައި އޭނާ އެނބުރިލައިފިއެވެ. އަދި ވެއްޓިފާއޮތް ތިން ހެދުން ނަގަން ގުދުވެލިއެވެ. އެވަގުތު އޭނާގެ އުނަގަނޑުގައި ރިހުމެއް އުފެދުނެވެ.... ފިނި އާހަކާއެކު އޭނާގެ އަތުގެ ނުފުށުން އުނަގަނޑުގައި ފިރުމާލިއެވެ. މިގޮތަށް ފިރުމަމުން އަނެއްކާވެސް އޭނާ ކޮޓަރިއަށް އަތުވެއްޖެއެވެ.

ކުޑަކުޑަ ފެންވަރާ ކޮޓަރީގެ ކަނާތް ފަރާތުގައި ފެން އިސްކުރު ހުއްޓެވެ. އޭގެ ކައިރީގައި ފާރުގައި ސައިބޯނި ބަހައްޓަން ކުޑަ ތަންކޮޅެއް ހަދާފައި ހުއްޓެވެ.

ތާނިޔާ ކުޑަގޮނޑި ކައިރިކޮށްލާފައި އިށީނދެއްޖެއެވެ. އަދި ހިތާ ދެކޮޅަށް ދާއެއްޗެހިތަކާ ދިމާއަށް ބަލާލިއެވެ. ދެން ހުދު އެއްޗިއްސާ ކުލަ އެއްޗެހި ވަކިކުރަން ފަށައިފިއެވެ.

މިހުރިހާ އެއްޗެހި އޭނާ ދޮންނަން އެބަޖެހެއެވެ. ތެލިތަށިދޮވެ ނިމުނީ ހަމަ ދެންމެއަކުއެވެ. އޭނާގެ އަތްތިލައިގެ ނާރުތަކުގައި މިލަ ހަރުލާފައި ހުއްޓެވެ. އޭނާ އަބަދުވެސް އެއްޗެހި ދޮންނަނީ ތެލިދޮވުމަށް ފަހުގައެވެ. މިގޮތުން ނިޔަފަތިތަކުގެ ދަށުގައިވާ މިލަތައް ސާފުވެ އަތް ރީއްޗަށް ދޮވެއެވެ. ކޮންމެ ދުވަހަކުވެސް އެއްޗެހި ދޮންނަން ޖެހެއެވެ. ގޭގައި އެންމެ ރަނގަޅަށް މީހުން އުޅެއެވެ. އެއްބަނޑު އެއްބަފާ ހަތަރު ފިރިހިނުންނާ ފަސް އަންހެނުންގެ އިތުރުން މަންމައާ ބައްޕަގެ އެއްޗެހި ދޮންނަން ޖެހެއެވެ. އަދި އޭނާގެ ދެކުދިންވެސް ތިބެއެވެ. އެމީހުން ކޮންމެ ދުވަހަކު ހެދުމެއް ހަޑި ކުރެއެވެ.

މިއަދަކީ ތަންކޮޅެއް އެއްޗެހި ގިނަ ދުވަހެކެވެ. ހުރިހާ އެނދެއްގެ ބެޑްޝީޓްތަކާ ބާލީހު އުރަތައްވެސް މިއަދު ދޮންނަން ޖެހެއެވެ. ކޮއްކޮމެންގެ ޔުނީފޯމްތަކުގެ އިތުރުން ނާޖިޔާގެ ދެހެދުންވެސް މިއަދު ދޮންނަން އެބަޖެހެއެވެ.

އެއްބައި ހެދުން ބަހައްޓާފައި ދޮވެ ނިންމާލަން އޭނާގެ ހިތަށް އެރިއެވެ. މާދަމާވެސް ދޮންނަން ޖެހޭނީ ހަމަ އޭނާއާއެވެ. އެހީވެދޭން އަންނާނީ ކާކު ހެއްޔެވެ.

އޭނާ ފިރިމީހާގެ ގެއިން އައިފަހުން އުޅެންޖެހެނީ މިކަހަލަ ޙާލެއްގައެވެ. އޭނާ ގޭގައި އުޅެނީ ނޯކަރެއްގެ ގޮތުގައެވެ. ތެލިދޮވުމާ އެއްޗެހި ދޮވުން އޭނާގެ ފަރުޟު ތަކުގައި ހިމެނިއްޖެއެވެ. ބަދިގޭގައި ގިނަވަގުތު ހޭދަކުރަނީ އޭނާއެވެ. މަންމައަށް ލުއިކުރުމުގެ ގޮތުން އެހީވާން ކޮންމެހެން ޖެހެއެވެ. މިހާބޮޑު ޢާއިލާއަކަށް ކައްކާފައި ކާންދިނުމަކީ ފަސޭހަ ކަމެއްވެސް ނޫނެވެ.

އެންމެންގެ ތެރޭން އެންމެ ދޮށީ ތާނިޔާއެވެ. އޭނާގެ ހަގަށް ތިބީ ރައިޙާނާއާއި އަމްޖަދެވެ. ދެން ނާޖިޔާއެވެ. އަސަދުއާއި ސުލައިމާނު ނާޖިޔާއަށްވުރެ ހަގެވެ. ސުލައިމާނުގެ ހަގަށް ހަތަރު އަންހެނުން ތިބެއެވެ... ޢަތީޤާ ކިޔަވަނީ ނުވަވަނަ ކްލާހުގައެވެ. ރަބީޢާ އަށްވަނަ ކްލާހުގައެވެ. ޘާނިޔާ ހައެއްގައެވެ. އަދި މާނޫ ހަތަރެއްގައެވެ. މެދުފަންތީގެ މިޢާއިލާ ދިރިއުޅެމުން ދަނީ މުސްކުޅިގޮތަށް ހަދާފައިވާ ގެއެއްގައެވެ. ގޭގައިވާ ތިންކޮޓަރިން އެއްކޮޓަރީގައި ނިދަނީ ރައިޙާނާއާއި އަމްޖަދެވެ. އަނެއް ކޮޓަރީގައި މަންމައާ ބައްޕައެވެ. އެންމެ ހަގު ދެކުދިންވެސް ނިދަނީ އެކޮޓަރީގައެވެ. ދެން ތިބި ހުރިހާ ކުދިން ނިދަނީ ތިންވަނައަށް ހުރި ކޮޓަރީގައެވެ. ތާނިޔާ ކުދިން ގޮވައިގެން ނިދަނީ ގުދަނެއްގެ ގޮތުގައި ބޭނުންކުރާ ތަންކޮޅެއް ގައެވެ. މަންމަ ކިތަންމެ ފަހަރަކު އޭނާ ގާތުގައި ނާޖިޔާމެން ނިދާކޮޓަރީގައި ނިދާށޭވެސް ބުނެފިއެވެ. ނާޖިޔާއާ ޢަތީޤާވެސް މިވާހަކަ ދައްތަ ގާތުގައި ދައްކައިފިއެވެ. އެހެން ނަމަވެސް ތާނިޔާއަށް ފެނުނީ މިކުޑަކުޑަ ތަންކޮޅު މާރަނގަޅު ކަމުގައެވެ. މިއީ މުޅިން ވަކިންހުރި ތަންކޮޅެކެވެ. މިތާނގައި ހިމޭންކަމާއެކު އަމިއްލަ ބަދުނަސީބާމެދު ކަރުނަ އޮހޮރަން އޮވެވިދާނެއެވެ. ވޭތުވެދިޔަ ދުވަސްތަކުގެ ހިތިކަން ތަޞައްވަރު ކުރެވިދާނެއެވެ..... މާޟީގެ ކިޑިކީތަކުން ބެލުމަށްޓަކާ މަޑުމައިތިރިކަމާ ހިމޭންކަންވެސް އޭނާއަށް ބޭނުމެވެ. މިހާރުގެ ޙާލަތާ އަދި މުސްތަޤްބަލަށް ވިސްނުމަށްޓަކާ އޭނާއަށް މިކަހަލަ އެކަހެރި ތަނެއް ބޭނުމެވެ. އޭނާގެ ކޮއްކޮމެންގެ ތެރެއިން ޚާއްޞަކޮށް ނާޖިޔާ ވަރަށް ގިނައިން ބުނެއެވެ.

[ތާނޫ ދައްތާއެވެ. މިހާ ތިރިތަނެއްގައި އުޅޭއިރު ބޯއަނބުރާ ގޮތެއްނުވޭ ހެއްޔެވެ. ހާސްވާގޮތެއްނުވޭ ހެއްޔެވެ.]

[ޖަޔާއެވެ. ހާސްވިޔަސް ނުވިޔަސް ދުނިޔޭގައި އުޅެން އެބަޖެހޭ ނޫން ހެއްޔެވެ. ރޭދުވާ ކަޑައްތުކުރަން އެބަޖެހެއެވެ.]

[އަހަރެމެންގެ ކޮޓަރީގައިވެސް ނިދިދާނެ ނޫން ހެއްޔެވެ.]

[ނޫނެކެވެ. ޖަޔާއެވެ.]

[އެއީ ކީއްވެގެން ހެއްޔެވެ؟]

[އަހަރެންގެ ކުދިން އަދި ވަރަށް ކުޑައެވެ. އިރުއިރުކޮޅުން ހޭލައެވެ. ބައެއް ފަހަރަށް ރޮއިވެސް ހަދައެވެ. އަހަންނަކީ އަރާމެއްނެތް މީހެކެވެ. ކަލޭމެން ކުދިންނަށް އުނދަގޫ ޖައްސަންވީ ކީއްކުރަން ހެއްޔެވެ؟]

[ތިޔަބުނީ ތެދެކެވެ. ދައްތަގެ ރާނޫ ރޮއިގަންނައިރު ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ.]

ތާނިޔާ އަނދައަނދާ ހުރި ހިނިތުން ވުމަކާއެކު ކޮއްކޮއާ ދިމާއަށް ބަލާލިއެވެ. އޭނާގެ ލޮލުގައިވާ ހިތްދަތިކަމުގެ އިޙްސާސް އަދިވެސް ބޮޑަށް ފުންވެއްޖެއެވެ. ނާޖިޔާ މިހާކުޑަކުޑަ އެއްޗެއް ބުނެލުމުންވެސް ތާނިޔާއަށް ހީވީ ކަނޑިއެއްގެ މިޔަ މައްޗަށް އެރުނު ހެންނެވެ. އަދި ހަމަ އެވަގުތު އޭނާގެ އަރާމެއްނެތް ފިރިމީހާގެ މަތިން ހަދާން ވެއްޖެއެވެ. ކޮންމެފަދަ ޙާލެއްގައި އުޅެންޖެހުނު ކަމުގައިވިޔަސް ކުދިން ރުއިމަކުން އަދި ހަޅޭއްލެވުމަކުން އެއްވެސް މީހަކަށް އުނދަގުލެއް ނުވެއެވެ.

ތާނިޔާގެ ކާވެނިކުރެވުނީ ހަތަރު އަހަރު ކުރީގައެވެ. ކޮންޓްރޯލަރ މިލިޓްރީ އެކައުންޓްސްގެ އޮފީހުގެ ކާތިބެކެވެ. މެދުފަންތީގެ ގެއެއްގެ ކުއްޖެކެވެ.

ތާނިޔާއާ އޭނާގެ އެއްބަނޑު އެއްބަފާ ހުރިހާ ކުދިންނަކީވެސް ރީތީގެ ޚަޒާނާތަކެކެވެ. ފިރިހެން ކުދިންގެ ހަށިގަނޑުތައް ވަރަށް ވަރުގަދަވެފައި ރީއްޗެވެ. ސުލައިމާނާއި އަމްޖަދު ބަލާލާއިރު ހީވަނީ ފިނިގައުމެއްގެ ބައެއް ހެންނެވެ. ގައިގެ ކުލަ ދޮންވެފައި އިސްތަށިތައް ވަރުގަދައެވެ. އާދައިގެ ހެދުމުގައި ތިބޭއިރުވެސް ހީވަނީ މާޝަޚްޞިއްޔަތު ވަރުގަދަ ބައެއް ހެންނެވެ.

އަވަށްޓެރިންގެ މީހުން ރިޔާޟް އަޙްމަދުގެ ކުދިންގެ ރީތިކަމާމެދު ތަޢުރީފު ކުރެއެވެ. އަންހެން ކުދިންވެސް އެހާމެ ރީއްޗެވެ. ސުކޫލްގައި ތާނިޔާއަށް ކިޔަނީ ޝަހެޒާދީއެވެ. ނާޖިޔާއަކީވެސް އެދުވަސްވަރު ކަލާނގެ ދެއްވި ރީތިކަމުގެ ސަބަބުން ކޮލެޖްގެ އަންހެން ކުދިންގެ މެދުގައި މުހިންމު ޖިންސުއްލަޠީފެކެވެ. ޢަތީޤާގެ ދިހުންއަރާ ކަޅު އިސްތަށިގަނޑެއް އޮވެއެވެ. އަދި ނީކުނޑިކުލައިގެ ލޮލުގެ ވާހަކަ ހެވީ ނުދެއްކިއްޔާއެވެ. މޫނާއާއި ސާނީވެސް އެހާމެ ރީއްޗެވެ. ޤުދްރަތީ ރަތްކަން އެކުލެވިފައިވާ ތުންފަތާއި ރީތި ލޯ އެދެކުދިންނަށްމެ ލިބިފާވެއެވެ.

ރިޔާޟް އަޙްމަދު އޭނާގެ ރީތި ކުދިންކޮޅަށް ބަލާލާފައި ބުނެއެވެ. [ދަރިންނަކީ ޙަޔާތުގެ ބަގީޗާގައި ފޮޅިފައިވާ މަލޭ ބުނެވެއެވެ. އަހަރެމެންގެ ދަރިންނަކީ ޙަޤީޤަތުގައިވެސް ޤުދަރުތުން ފޮޅުއްވާފައިވާ މަލެވެ.]

ޙާމިދާ ފުންނޭވާއެއް ދޫކޮށްލާފައި ބުނެއެވެ.

[ޝައްކެއްނެތެވެ. އަޅުގަނޑުމެންނަށް މީރު ކާއެއްޗެއްސެއް ނުދެވެއެވެ. ރީތި އަންނައުނެއް ނުދެވެއެވެ. އެކަމަކުވެސް ﷲގެ ރަޙްމަތްފުޅުން އެއްކުއްޖަކަށްވުރެ އަނެއްކުއްޖަކު ރީއްޗެވެ.]

ރިޔާޟް ހިނިތުންވެފައި ބުނެއެވެ. [ހުރިހާ ކުދިންވެސް ވައްތަރީ އަހަންނާއެވެ.]

ކަލާނގެ ދެއްވާފައިވާ ރީތި ދަރިންގެ ސަބަބުން ދެމީހުން ތިބެނީ ވަރަށް ހިތްހަމަ ޖެހިފައެވެ. ޚާއްޞަކޮށް އަންހެންކުދިންގެ ފަރާތުން އެމީހުންނަށް އެއްވެސް ހިތާމައެއްނެތެވެ. އެކުދިންގެ ކާވެންޏާމެދު ފަހަރެއްގައިވެސް މައްސަލައެއްގެ ގޮތުގައި ނުވިސްނައެވެ. އެމީހުންގެ ޚިޔާލަކީ މިހާރީތި އަންހެން ކުދިން ކޮޅަކާމެދު ކަންބޮޑުވާން ނުޖެހޭ ކަމުގައެވެ. ގޭގައި ތިއްބާ އަމިއްލައަށް އައިސް އެކުދިންގެ ކާވެންޏަށް އެދޭނެއެވެ.

އެކަމަކު ފުރަތަމަ ތަޖުރިބާވެސް ފެނިގެން މިދިޔައީ ހިތިގޮތުގައެވެ. އެމީހުން ތާނިޔާގެ ކާވެނިކުރުވީ އާދައިގެ ދިރިއުޅުމެއްގައި އުޅޭ ޢާއިލާއެއްގެ ކުއްޖަކާއެވެ. ޢާޞިފަކީ ހުތުރު ކުއްޖެއްވެސް ނޫނެވެ. އަމިއްލަ ޙައިޘިއްޔަތަށް ވުރެވެސް އިތުރަށް އެމީހުން ކާވަންޏަށް ޚަދަރު ކުރިއެވެ. އެކަމަކު ތާނިޔާގެ ނަސީބު އޭނާއަށް ފުރަގަސް ދީފިއެވެ. ޢާޞިފަށް އަމިއްލަ ނަފްސަށްވެސް އިތުބާރު ނުކުރެވުނީ ކަންނޭނގެއެވެ. ނޫނީ އެހެން ކޮންމެވެސް ކަމެކެވެ. ތާނިޔާއަށް އޭނާ ހިތްދަތިކަން ދެމުން ގެންދާތާ އެތައްދުވަހެއް ވެއްޖެއެވެ. ތާނިޔާ ފިރިމީހާގެ ރުހުން ހޯދުމަށްޓަކައި ކުރެވެން އޮތްހާކަމެއް ކުރިއެވެ. އޭނާ މައިން ބަފައިނަށްޓަކާ ރޭދުވާ އެއްކުރިއެވެ. ފިރިމީހާގެ އަންހެން ކޮއްކޮއަށް ޚިދްމަތް ކުރިއެވެ. އެހެން ނަމަވެސް އޭނާއަކަށް ހަމަޖެހުމެއް ނުލިބުނެވެ. ޢާޞިފްގެ މައިންބަފައިންވެސް ޢާޞިފާ އެއްބައިވެ އޭނާއަށް ހިތްދަތިކަން ދޭން ފަށައިފިއެވެ. މައިދައިތަގެ އޮތީއެންމެ ހިތާމައެކެވެ. ޅީދަރިއެއްގެ ގޮތުގައި މުއްސަނދި ޢާއިލާއެއްގެ ދަރިއަކު ނުލިބުމުގެ ހިތާމައެވެ. އަދި މިހިތާމަ ރުޅިއަށް ބަދަލުވެގެން ތާނިޔާއާ ދިމާއަށް އެއްޗެހި ކިޔަމުން ގެންދަނީއެވެ.

ތާނިޔާ ހަތަރު އަހަރު ވަންދެން ޙާލާތުގެ އުޑި އަނބުރަމުން ދިޔައެވެ. އޭނާގެ ނާޒުކް ހަށިގަނޑު ދަނގަޑަށް ވެއްޖެއެވެ. ގައިގެ ކުލަ ކަޅުވެއްޖެއެވެ. ލޮލުގެ އަލިކަމާ ވިދުވަރު ފަނޑުވެއްޖެއެވެ. އޭނާގެ ތާޒާ ތުންފަތް ކަޅުވެއްޖެއެވެ.

އެހެން ނަމަވެސް އޭނާ ޞުލްޙަ ހޯދުމަށްޓަކާ ގަދައަޅާ މަސައްކަތް ކުރިޔަށް ގެންދިޔައެވެ. މިމީހުންގެ އަނިޔާވެރިކަމުގެ ޚަބަރު ގޭމީހުންނަށް އެނގުމަކީ އޭނާ އެދޭކަމެއްނޫނެވެ. އެހެން ނަމަވެސް ކޮންމެވެސް ގޮތަކުން މިވާހަކަތައް ނުކުމެގެންގޮސް އޭނާގެ މުޅި ޢާއިލާތެރޭގައި ފެތުރިއްޖެއެވެ.

[އަންހެން ކުއްޖާގެ ދުވަސް ދުއްވާލައިފިއެވެ.]

[ކޮންކަހަލަ މައިންބަފައިންނެއް ހެއްޔެވެ. އެފަކީރުގެ ޙާލަކީ ކޮބައިކަމެއްވެސް ބަލައެއް ނުލެވެއެވެ.]

ރެޔާދުވާލު މީސްމީހުންގެ ހުތުރުބަސްތައް ތާނިޔާ އަހަމުން ދިޔައެވެ. އަނެއްކޮޅުން މިހާރު ޢާޞިފް އޭނާގެ ގައިގާ ތަޅަންވެސް ފަށައިފިއެވެ.

ކުޑަކުޑަ ދެކުދިން އެބަތިއްބެވެ. މީގެ އިތުރުން އޭނާގެ ބޮލުގައި މުޅިގޭގެ ހުރިހާ މަސައްކަތެއްގެ ޒިއްމާ އެޅިފައިވެއެވެ. މިހުރިހާކަމެއް ތާނިޔާ ތަޙައްމަލު ކުރަމުން ދިޔައެވެ.

އެންމެފަހުންގޮސް ގޭގެ ޙާލަތު އެންމެ ނުބައި ސިފަ އިޚްތިޔާރު ކޮށްފިއެވެ. ޢާޞިފް މިހާރު ތާނިޔާގެ ބައްޕަ ރިޔާޟް އަޙްމަދާއި ބެހޭގޮތުންވެސް ޒާތްޒާތުގެ ވާހަކަތައް ދައްކަން ފަށައިފިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ތާނިޔާވެސް ކެތްތެރިކަން ދޫކޮށްލައިފިއެވެ. ކޮންމެ ކަމަކާމެދު ރުއިމާ އިސްޖެހުމުގެ ބަދަލުގައި ހަރުކަށި ޖަވާބު ދޭން ފަށައިފިއެވެ.

ގަދައަށް އަރާރުންވުން ފެށިއްޖެއެވެ. ކޮންމެ ދުވަހަކު އަރާރުންވެ ތަޅާފޮޅުމަކީ އާދައަކަށް ވެއްޖެއެވެ.

އަދި މި ހުރިހާކަމެއްގެ ނަތީޖާއަކީ ތާނިޔާ ގޭން ނެރެ ފޮނުވާލުމެވެ. ތާނިޔާ ކުދިންކޮޅު ގޮވައިގެން ރޮމުން ގެއަށްއައި ދުވަހު ހީވީ ޤިޔާމަތްވެގެން އުޅެނީ ހެންނެވެ. ރިޔާޟް އަޙްމަދު ރުޅިއައިސް ރަތްވެއްޖެއެވެ. މަންމަ ރޮއިރޮއި ވަރުބަލި ވެއްޖެއެވެ. ފިރިހެން ކޮއްކޮމެންވެސް ތިބީ ރުޅިއައިސްގެން ވިރިވިރިއެވެ.

ތާނިޔާއަށް ވަރަށްބޮޑު އެހީތެރިކަމެއް ލިބިއްޖެއެވެ. ބައްޕަގެ ގެއިން ހަމްދަރުދީއާ ލޯބިލިބެން ފެށުމުން ހިތާމައިން ވަރަށްބޮޑު ބައެއް ލުއިވެއްޖެއެވެ. އޭނާގެ ބައްޕަ ލޯތްބާއެކު ބުންޏެވެ.

[އަހަރެން ދިރިހުރިހާ ހިނދަކު ދަރިފުޅު ފިކުރުކުރާކަށް ނުޖެހޭނެއެވެ. ދޭއް ކީއްކުރަން ހެއްޔެވެ. ދިހަކުދިން ތިބިކަމުގައި ވިޔަސް ފަރުވާލެއް ނެތެވެ. އެއްގޮތަކަށްވެސް ހިތާމަ ނުކުރާށެވެ. މިއީ ނަސީބުގައި ލިޔެވިފައިވާ ގޮތެވެ.]

ފިރިހެން ކޮއްކޮ ބުންޏެވެ. [އަހަރެމެން ދައްތަގެ ކުދިންނަށް ހުރިހާކަމެއް ކޮށްދޭނަމެވެ. ހުރިހާ ޒިންމާއެއް އަހަރެމެންނަށް ދޫކޮށްލާށެވެ.]

ހުރިހާ ކުދިންވެގެން ތާނިޔާގެ ދެދަރިން ގެންގުޅެން ފަށައިފިއެވެ. ތާނިޔާގެ ހިތްފުރިގެން އަރާވަރަށް ލޯބިދޭން ފަށައިފިއެވެ.... އަންހެން ކުއްޖެއްގެ ކާވެންޏަށްފަހު އެކުއްޖެއްގެ މައިންބަފައިންގެ ގެއަކީ ބީރައްޓެހި ގެއަކަށް ވެދެއެވެ. އެހެންކަމުން ތާނިޔާ ހުންނަނީ ޖެހިލުންވެފައެވެ. އެހެން ނަމަވެސް އެންމެންގެ ފަރާތުން ލޯބި ލިބެން ފެށުމުން އެ ބީރައްޓެހިކަމުގެ އިޙްސާސް ވަޅު ޖަހައިފިއެވެ. މަންމަ އިރުއިރުކޮޅާ އޭނާގެ ހިތާމައިގެ ވާހަކަ އަޑުއަހާފައި ރޮއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ.

ތާނިޔާގެ މައްސަލާގައި އެންމެންގެ ހިތްހަމަ ޖެހިއްޖެއެވެ. ތާނިޔާވެސް ހުރިހާ ހިތާމައެއް އެއްކޮށް ޙަޔާތުގެ ސީދާމަގުން ހިނގަން ފަށައިފިއެވެ.

އެކަމަކު މިމަގު ދުވަހަކުވެސް ފަސްގަނޑު އެއްވަރު ނުވާނެކަން އޭނާއަށް ވަރަށް އަވަހަށް އިޙްސާސް ކުރެވިއްޖެއެވެ. އެމަގު ކަށިކުނބުރު ގަސްތަކުން ފުރިފާވެއެވެ. ފައި އެޅި ކޮންމެ ދިމާއަކުން ކަށިހެރެމުން ދެއެވެ.

އެކަމަކު އޭނާގެ ދެކުދިން އެބަތިއްބެވެ. އެކުދިންނަށް ކާންދޭން އެބަޖެހެއެވެ. އަންނައުނު ބޭނުންވެއެވެ. ބައްޕަގެ މުސާރަ ވަކި ތައްގަނޑަކަށް ފެތިފައިވާކަން އޭނާއަށް އެނގެއެވެ. ދޮށްޓަށް ތިބި ދެފިރިހެން ކޮއްކޮވެސް މަސައްކަތް ކޮށްގެން ކޮންމެވެސް ވަރަކަށް ފައިސާ ހޯދައެވެ. އެއިން ގޭގެ ޚަދަރުތައް ހަމަޖެހެނީ ހަމަކިރިޔާއެވެ. އެކަމަކު ތާނިޔާގެ އަމިއްލަ ބޭނުންތައްވެސް ހުންނާނެ ނޫން ހެއްޔެވެ. ކޮންމެ ފަހަރަކު އެމީހުން ގާތުގައި ފައިސާއަށް ބުނަން އެބަޖެހެއެވެ. މިހުރިހާ ޚަރަދެއް ގޭމީހުން ހިތާދެކޮޅަށް ނަމަވެސް ކުރަމުން ދެއެވެ. އެކަމަކު ތާނޫއަކީ ވަރަށް ވިސްނުންތޫނު ކުއްޖެކެވެ. ނިތްކުރިއަށް އަރާ ރޫތަކުން އެމީހެއްގެ ނުރުހުންތެރިކަން ދެނެގަނެއެވެ.

މިކަހަލަ ކޮންމެ ވަގުތަކާ އޭނާ ކުދިން ގޮވައިގެން އެނދުމައްޗަށް ވެއްޓިއޮވެ ކަރުނަ އޮހޮރުވައެވެ. އޭނާއަށް އެނޫންކަމެއް ވަކި ކޮބައި ހެއްޔެވެ.

ފިރިމީހާއާ މައްސަލަ ޖެހިގެން އައިސްގެން އުޅުނުއިރު އެންމެންގެ ހަމްދަރުދީ އޭނާއަށް ލިބުނެވެ. އޭނާ މަސައްކަތެއް ކުރަން ފަށާއިރަށް އެންމެން އޭނާގެ އަތުގައި ހިފައެވެ. އެހެން ނަމަވެސް މިހާރު އޭނާއަކީ އެގޭގެ ޚާދިމާއެއް ކަހަލަ ކުއްޖެކެވެ. ތަށިތެލި ދޮވުމާ ކެއްކުން އެއްޗެހި ދޮވުމާ ފޮޅާ ސާފުކުރުމަކީ އޭނާގެ ޒިންމާއެކެވެ. މަސައްކަތް ކުރާކަށް އޭނާ ޖެހިލުމެއްވެސް ނުވެއެވެ. އެންމެން އޭނާއާމެދު ދެކެނީ ނޯކަރެއްގެ ގޮތުގައެވެ.

ބަރުބާދުވުމުގެ ހިތި ތަޖްރިބާ އޭނާއަށް ކުރީގައިވެސް ލިބިފައިވެއެވެ. ފިރިމީހާގެ ގޭގައި އެކަނިވެރި ޙާލުގައި އުޅުމުގެ ތަޖްރިބާ މިއަށްވުރެ މާހިތްޗެވެ. އޭނާ ވަރަށް ގިނައިން މުސްކުޅިން ބުނެފައިވާ މުސްކުޅި ހަރު ބަސްބަހާމެދު ވިސްނައެވެ. "އަންހެން ކުއްޖަކު ކާވެނިކޮށްގެން ހިނގައްޖެއްޔާ އެކުއްޖެއްގެ ސަންދޯއް ނިކުންނަންވާނީ ފިރިމީހާގެ ގެއިންނެވެ.." ކިހާބޮޑު ތެދެއް ހެއްޔެވެ. ކިހާ ސާފު ޙަޤީޤަތެއް ހެއްޔެވެ.

އެކަމަކު...........

އެކަމަކު އެގޭގައިވެސް ހަމަޖެހުމެއް ނެތެވެ.

ތާނިޔާ އެއްޗެހި ދޮންނަން އިނދެ ޙަޔާތުގެ ހަލަބޮލި ކަމާމެދު ވިސްނަމުން ދިޔައެވެ. އަމިއްލަ ނަސީބާމެދު ރުޔެވެ. ދެންތިބި އަންހެން ކުދިންގެ އުފާވެރި ޙަޔާތާމެދު ހިތުގައި ވާދަވެރި ކަމެއް އުފެދުނެވެ. އޭނާގެ ކާވެނި މިހާ ޅަޢުމުގައި ނުކުރެވުނުނަމަ ކޮންފަދަ ހެއްޔެވެ. ނާޖިޔާއަށްވެސް އެކާވީސް އަހަރު ފުރެނީއެވެ. އެކަމަކު އެއްވެސް ފިކުރެއްނެތި އެއޮއް އުޅެނީ ނޫން ހެއްޔެވެ.

**********************

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން