ހުއްދަ ނެތި ވިޔަފާރި ކުރަނިކޮށް އަތުލައިގަތް ބިދޭސީން ޑީޕޯޓްކުރާނެ ކަމަށް އިމިއިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވިދާޅުވެއްޖެ އެވެ.

ގަވާއިދާއި ހިލާފަށް ރާއްޖޭގައި ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ލޯކަލް މާރުކޭޓާއި މާލޭގައި ހިންގާ އެކިއެކި މާރުކޭޓްތައް ބަލާ ފާސްކުރުމަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ދަށުން 50 ބިދޭސީއަކު އަތުލައިގަތްކަން ފުލުހުން ހާމަކުރީ އިއްޔެ އެވެ.

އެ މީހުން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން އެކްސްގައި ވަނީ ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަން ޔަގީންކޮށް ދެއްވައިފަ އެވެ. އަދި އެ ފަރާތްތަކުގެ ތެރޭގައި ސައްހަ ހުއްދައެއް ނެތި އަދި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރި ކުރާ ފަރާތްތަކެއް ދެނެގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި އުސޫލުގެ ތެރެއިން މި ފަރާތްތައް ރާއްޖެއިން ޑީޕޯރޓްކޮށް ފޮނުވާލެވޭނެ. ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅަކަށްވީ ހިނދު، މި މަސައްކަތުގައި އިމިގްރޭޝަންގެ ފުރިހަމަ ޒިންމާ އަދާ ކުރަމުން ދާނެކަމުގެ ޔަގީންކަން އެންމެހާ ފަރާތްތަކަށް އަރުވަން." ޝަމްއާން ވިދާޅުވި އެވެ.

މާލޭގެ އެކި ފިހާރަތަކާއި މާރުކޭޓުތައް ބިދޭސީން ހިންގާކަމުގެ ޝަކުވާއަކީ އަބަދުވެސް ލިބޭ ޝަކުވާއެކެވެ. އަދި އެފަދަ ފަރާތްތަކުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދައި އެ ފައިސާ ރާއްޖެއިން ބޭރަށް ފޮނުވާ މައްސަލަ ހައްލު ކުރުމަށް ވެސް ސަރުކާރުން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު